Last Updated: May 3, 11:12
Friday, May 3, 2024
ކުޅިވަރު

ސައުދީ ބަލިކޮށް ލެޓްވިއާ އިން ފެށުން ރަނގަޅު ކޮށްފި

އައްޑޫގައި މިހާރު ކުރިއަށްދާ ޔޫއެފާ 15 އަހަރުން ދަށުގެ މުބާރާތުގެ ދެވަނަ މެޗު ސައުދީ އަރަބިއްޔާއާ ވާދަކޮށް 4-1 އިން ލެޓްވިއާ އިން ކާމިޔާބުކޮށްފިއެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ސައުދީން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ސައުދީ އަށް ކާމިޔާބުކޮށްދިނީ ބަދްރް ވަލީދު އަލްހާބީއެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި ކްރިސްޓާސް ވޮލްކޮވްސް ވަނީ ލެޓްވިޔާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސައުދީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަދި ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލެޓްވިޔާ އިން ވަނީ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. ލެޓްވިއާގެ ދެވަނަ ގޯލަކީ ސައުދީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލެޓްވިޔާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަމުން ގެންދިޔައީ ވެސް ލެޓްވިޔާ އިންނެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓްގައި ލެޓްވިއާގެ ބްރޫނޯ މެލްނިސް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސައުދީގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

އަދި މެޗުގެ 72 ވަނަ މިނެޓްގައި ނިކްސް ސްލީޑް ވަނީ ލެޓްވިއާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. އެ ދުވަހު ހަވީރު 16:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ސައުދީއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ އިއްޔެ ބޫޓާންއާ ބައްދަލުކޮށް 2-1 އިން ބަލިވެފައެވެ.