އައްޑޫގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ސްޕޯޓްސް ކައުންސިލެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގައި އެކުލަވާލާ ސްޕޯޓްސް ކައުންސިލުގައި 7 މެމްބަރުން ތިބޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލްގައި ހިމެނޭނީ ކުޅިވަރުގެ ދާއިރާއިން ހޮވާލެވިފައިވާ 5 މެމްބަރުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ހޮވާލެވޭ މެމްބަރެއްގެ އިތުރުން ކައުންސިލަރުންގެ ތެރެއިން ކަނޑައެޅޭ ކައުންސިލަރެއް ކަމަށެވެ.
ސޯބެ ވިދާޅުވީ ކައުންސިލުން އުފައްދާ ސްޕޯޓްސް ކައުންސިލްގެ ޒިންމާއަކީ އައްޑޫގެ ކުޅިވަރު ކަލަންޑަރު ތައްޔާރުކޮށް ސިޓީ ފެންވަރުގެ މުބާރާތްތައް ރާވާ ހިންގުން ކަމަށެވެ.
އަދި މި ކައުންސިލްގެ ޒިއްމާގެ ތެރޭގައި އްޑޫގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން ވެސް ހިމެނޭ ކަމަށް ސޯބެ ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގައި ދާދި ފަހުން ބޭއްވި ގްލޮބަލް ލިކްސް މުބާރާތް ތެރޭގައި ކައުންސިލުން ވަނީ މިއަހަރު ތެރޭ އައްޑޫގެ ފުޓްބޯލަ ލީގެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.
އަދި އެ ލީގް ކުރިއަށް ގެންދާނީ ސްޕޯޓްސް ކައުންސިލްގެ ބެލުމުގެ ދަށުން ކަަމަށް ކައުންސިލުން ވަނީ ބުނެފަ އެެވެ. ނަމަވެސް އަދި މިހާތަނަށް ލީގާއި ގުޅޭ އެއްވެސް ވާހަކައެއް ކައުންސިލުން ދައްކާފައި ނުވެ އެވެ.
.