Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ރޯސް" އާ އެކު ޝަގްފުތާ ޑައިރެކްޝަނަށް

ބަޓް ކޭމްޕްގެ ކާމިޔާބް ގިނަ ފިލްމްތަކެއްގެ ސްކްރީންޕްލޭ ތައްޔާރުކޮށް ދީފައިވާ ކުޅަދާނަ ސްކްރީން ރައިޓަރު ޝަގުފްތާ ރަފީގު އޭނާގެ ހަޔާތުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް "ރޯސް" ގެ ނަމުގައި ފިލްމެއް ޑައިރެކްޓް ކުރަން ނިންމައިިފި އެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝަގުފުތާ ބުނީ އޭނާގެ ފުރަތަމަ ޑައިރެކްޝަން ޕްރޮޑިއުސް ކުރާނީ ރިލައަންސް ކުންފުނިން ކަމަށެވެ.
ފިލްމްގެ ބަތަލައަކަށް އިމްރާން ހާޝިމީ ހަމަޖައްސަފަައިވާ އިރު، ފިލްމް އެ މީހަކަށް ބިނާ ކުރާ ބަތަލާގެ ރޯލް ކުޅޭނީ އާ ތަރިއަކު ކަމަށް ޝަގުފުތާ ބުންޏެވެ.

އޭނާ ބުނީ "ރޯސް" ގެ ވާހަކަ ބިނާކޮށްފައި ވަނީ އިއްފަތްތެރިކަން ފޭރިގެންފައިވާ އަންބެއްގެ ހަޔާތުގެ މައްޗަށް ކަމަށެވެ.
އެހެންވެ ބޮލީވުޑްގެ އޭ ލިސްޓް ބަތަލާ އެކު އެފަދަ ކެރެކްޓާއެއް ކުޅެން ބޭނުން ނުވާނެކަން ޔަގީންވާތީ، ފިލްމްގެ ބަތަލާއަކަށް ލާނީ އާ އަންހެން ކުއްޖެއް ކަމަށް ޝަގުފުތާ ބުންޏެވެ.

ޝަގުފުތާ ބުނީ "ރޯސް" ބިނާކޮށްފައި ވާނީ އޭނާ މާޒީގައި ތަޖުރިބާ ކުރި ހިތްދަތި ހާދިސާތަކުން ބައިތައް ނަގައިގެން ކަމަށެވެ. އެގޮތުން ކުޑަ އިރުން ފެށިގެން ފިރިހެނުންގެ ޖިންސީ ޝިކާރައަކަށްވެ، ރާވަރަށް އެޅުމަށް ފަހު ހަށި ވިއްކުމުގައި އޭނާ ހޭދަ ކުރި ކަޅު ދުވަސްތަކުގެ ތަޖުރިބާތައް ފިލްމްގައި ދައްކުވައި ދޭނެ ކަމަށް ޝަގުުފުތާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޑައިރެކްޓް ކުރުމުގެ ހިތްވަރު އެންމެ ބޮޑަށް ދިނީ އޭނާގެ މެންޓޯ މަހޭޝް ބަޓްގެ ދަރިފުޅު ޕޫޖާ ބަޓް ކަމަށެވެ. އެހެންވެ ޕޫޖާގެ ފަރާތުން ހިތްވަރު ލިބިގެން ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަން ބޭނުންވީ ކަމަށް ޝަގުފްތާ ބުންޏެވެ.

ޝަގުފްތާ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ދާދި ފަހުން ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި "އާޝިގީ 2"، "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް"، "ރާޒް 3: 3ޑީ"، "ޖިސްމް 2" އަދި "މާޑާ 2" ފަދަ ފިލްމްތައް ހިމެނެ އެވެ.