Last Updated: April 23, 11:10
Tuesday, April 23, 2024
ޚަބަރު

ފާއިތުވި 3 މަހު އިންޑިއާގެ 132 އަވަށެއްގައި އަންހެން ކުއްޖަކު ނުވިހާ!

އިންޑިއާގެ އުތުރުގެ 132 އަވަށެއް ހިމެނޭ ސަރަހައްދެއްގައި ފާއިތުވި 3 މަސް ދުވަސް ތެރޭގައި ޖުމްލަ 216 ކުދިން ވިހާފައިވާ އިރު، ހުރިހާ ކުދިންނަކީ ވެސް ފިރިހެން ކުދިންނެވެ.

"ސެކްސް ސެލެކްޓިވް އެބޯރޝަން" ނުވަތަ ބަނޑުގައި އޮންނަ ކުއްޖާގެ ޖިންސަށް ބަލާފައި ކުރެވޭ އެބޯޝަން ކަމަށް ލަފާ ކުރެވޭ މި މައްސަލަ މިހާރު އެ ސަރަހައްދުގެ މެޖިސްޓްރޭޓުން ބަލަމުންދާއިރު، އުއްތަރަކަންދްގެ އުއްތަރަކަޝީގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެކެވެ. އަދި މިކަން ލަފާކުރެވެނީ ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން ގެންދާ ފީމޭލް ފީޓިސައިޑްއެއްގެ ގޮތުގައި ކަމަށެވެ. ފީމޭލް ފީޓޮސައިޑަކީ ބަނޑުގައި އޮންނަ އަންހެން ކުއްޖާއަކީ އަންހެން ކުއްޖެއްކަން އެނގުމުން ބަނޑުގައި އޮއްވާ މަރާލުމެވެ.

އެ ސަރަހައްދުގެ ހެލްތު ޑިޕާޓްމެންޓުން މި މައްސަލަ އިތުރަށް ބަލައި، ހަރުކަށި ފިޔަވަޅު އެޅުމަށް މަަސައްކަތްކުރަމުންދާއިރު، މީހުން ފިރިހެން ކުދިން ބޭނުންވުމުގެ ސަބަބަބުން، އިންޑިއާގެ ތަފާސް ހިސާބުތަކުން ލަފާކުރި އާބާދީ އާއި އަޅާ ބަލާއިރު، 63 މިލިއަން އަންހެނުން ވަނީ "ގެއްލިފައެވެ".

އަންހެން ކުދިންނަކީ ބޮޑު ބުރައެއް ކަމުގައި، އަދި ފިރިހެން ކުދިންނަކީ އާއިލާގެ ފަޚުރު ކަމުގައި ބެލެވޭ އިންޑިއާގައި މިކަން އަދިވެސް ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންނެވެ. އިންޑިއާގައި އެންމެ ފަހުން ހިންގުނު ބޯހިމެނުމުން އެނގުނު ގޮތުގައި އިންޑިއާގެ ކޮންމެ 1000 ފިރިހެނަކަށް ތިބެނީ އެންމެ 943 އަންހެނުންނެވެ.

މިދިޔަ އަހަރުގައިވެސް އިންޑިއާގެ ފުލުހުންނަށްވަނީ އެބޯޓް ކުރެވިފައިވާ 19 އަންހެން ކުދިންވަނީ މަހަރާޝްޓްރާ ސްޓޭޓުން ފެނިފައެވެ. ވަކި ޖިންސަކަށް ބަލައި ބަނޑުގައި އޮންނަ ދަރިފުޅު އެބޯޓް ކުރުން އިންޑިއާގައި ވަނީ 1994 ވަނަ އަހަރުގައި މަނާ ކޮށްފައެވެ.