Last Updated: April 19, 11:10
Friday, April 19, 2024
ކުޅިވަރު

ސައުދީން ރާއްޖެ ކޮޅަށް ހަ ލަނޑު ޖަހައިފި

އައްޑޫގައި ސިޓީގައި މިހާރު ކުރިއަށްދާ ޔޫއެފާ 15 އަހަރުން ދަށުގެ މުބާރާތުގެ މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައުދީ އަރަބިއްޔާ އިން ކާމިޔާބުކޮށްފިއެވެ.

މިއީ މި މުބާރާތުގައި މި ދެ ޓީމު ވެސް ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުން ދެ ޓީމުވެސް ވަނީ ބަލިވެފައެވެ. އެގޮތުން ރާއްޖެ ބަލިވީ 2-1 އިން ބޫޓާން އަތުން ކަމަށްވާއިރު ސައުދީ ބަލިވެފައިވަނީ ލެޓްވިޔާއާ ބައްދަލުކޮށް 4-1 އިންނެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސައުދީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގައި ފެނިގެންދިޔަ ހަ ގޯލު ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގެ ތެރޭގައެވެ.

އެގޮތުން ސައުދީން ކާމިޔާބުކުރި ހަ ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަލީ އަސީރީއެވެ. ސައުދީގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ އަވާދު އަބޫ ދަހަލް އާއި މުހައްމަދު އަބްދުﷲ އަލަމްރީ އާއި އަބްދުއްސަލާމް އަލް ބަރްނަވީގެ އިތުރުން ވަލީދު އަލް ހާބީއެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް ސައުދީން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި މޮޅާއެކު ސައުދީ މިހާރު އޮތީ ތިން ޕޮއިންޓާއެކު ގޯލުގެ ތަފާތުން ކުރި ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ތާވަލުގެ ފުލުގައެވެ. މިއަދުގެ މެޗުން ބަލިވުމުން ރާއްޖެ އަށް މިހާރު ވަނީ މުބާރާތުގެ ފައިނަލަށް ދިޔުމުގެ ދޮރު ބަންދުވެފައެވެ.

ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ލެޓްވިޔާ އާއި ބޫޓާންއެވެ. އެ މެޗުވެސް ފަށާނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ.