Last Updated: July 1, 06:04
Wednesday, July 1, 2026
ސިޔާސީ

ސިލްސިލާ ކަންމަތީ ބައްދަލުވުންތައް ފަށައިފި

އެމްޑީޕީން ރޭ މަރަދޫގައި ބޭއްވި ކަންމަތީ ބައްދަލުވުން. ފޮޓޯ/ އެމްޑީޕީ

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އައްޑޫގައި ސިލްސިލާކޮށް ކަންމަތީ ބައްދަލުވުންތައް ބާއްވަން ފަށައިފި އެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިހާބަށް އެމްޑީޕީން ފަށާފައިވާ "އެއްބުރުން" ކެމްޕެއިން ގެ ތެރެއިން ރޭ ކަންމަތީ ބައްދަލުވުން ބާއްވާފައި ވަނީ މަރަދޫ ބޯޅަ ދަނޑުގަ އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ރޭ ކުރިއަށް ގެންދިޔަ ކަންމަތީ ބައްދަލުވުމުގައި ވެސް ބޯޑިން ޕާސް ދޫކުރުން ކުރިއަށް ގެންދިޔަ ކަމަށެވެ. އެމްޑީޕީގެ ކެމްޕެއިންއަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ބޯޑިން ޕާސް ދޫކުރުމުގެ ހަރަކާތަށް ވަރަށް ބޮޑު ތަރްހީބެއް ލިބެމުން އަންނަ ކަމަށް އެ ޕާޓީން ބުނެ އެވެ.

ރޭ މަރަދޫގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ޑރ. މުސްޠަފާ ލުޠުފީ އާއި ޝެއިހް ހުސެއިން ރަޝީދު އާއި ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު އަސްލަމް ބައިވެރިވެވެޑައިގަތެވެ.

އެމްޑީޕީން ބުނީ އިތުރު ކަންމަތީ ބައްދަލުވުމެއް މިރޭ ފޭދޫ ގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިރޭ ފޭދޫގައި ބާއްވާ ކަންމަތީ ބައްދަލުވުން އޮންނާނީ ކުރީގެ "ހަޗާ" ފިހާރަ ހުރި ސަރަހައްދުގައި ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި މިރޭގެ ހަރަކާތުގައި ވެސް ބޯޑިން ޕާސް ދޫކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

މިރޭ ފޭދޫގައި ކުރިއަށް ގެންދާ ކަންމަތީ ބައްދަލުވުން ފަށާނީ 9:00 ޖަހާ އިރު އެވެ.