Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޖޯން މި ފަހަރު ވިއްކާނީ "ބަނާނާ"

ހިންދީ ސިނަމާތަކާ ބީރައްޓެހި ކޮންސެޕްޓަކަށް ހެދި "ވިކީ ޑޯނާ" ގެ ބޮޑު ކާމިޔާބީއެއް ފަހު ޖޯން އަބްރަހަމްގެ ޕްރޮޑަކްޝަން ހައުސްގެ އާ ފިލްމަކީ "ބަނާނާ" ކަމަށް އޭނާ ބުނެފި އެވެ.

އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޯން ބުނީ "ބަނާނާ" އަކީ ޒުވާން ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކާ އޭނާ ކުރިމަތިލާ ގޮތް ދައްކުވައި ދޭނެ ފިލްމެއް ކަމަށެވެ.
އެގޮތުން ފިލްމް ޒުވާނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކަމުދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޖޯން ބުންޏެވެ.

އޭނާ ބުނީ "ވިކީ ޑޯނާ" އެކޭ އެއްގޮތަށް "ބަނާނާ" ގައި ވެސް ހަރަކާތްތެރި ވާނީ މުޅިން އާ ތަރިންތަކެއް ކަމަށެވެ. އަދި މި ފިލްްމް ޑައިރެކްޓް ކުރާނީ ސާޖިދް އަލީ ކަމަށް ވެސް ޖޯން ބުންޏެވެ. ފިލްމްގެ ޝޫޓިން އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.

"ވިކީ ޑޯނާ" އަށް ފަހު ޖޯންގެ ޕްރޮޑަކްޝަން ހައުސް "ޖޭއޭ" އިން ވަނީ "މެޑްރާސް ކެފޭ" ގެ ނަމުގައި ފިލްމެއް ފަށައިފަ އެވެ. "ވިކީ ޑޯނާ" ގެ ޑައިރެކްޓަރު ސުޖިތު ސިރްކާރް ޑައިރެކްޓް ކުރާ މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ޖޯން އާއި ނަރުގިސް ފަހުރީ އެވެ.

މީގެ އިތުރުން "ވިކީ ޑޯނާ" ގެ ބަތަލު އަޔުޝްމަން ކުރާނާ ލީޑް ރޯލް ކުޅޭ "ހަަމާރާ ބަޖާޖް" އަކީ ވެސް ޖޭއޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެއް ފިލްމެވެ.