Last Updated: April 26, 11:19
Friday, April 26, 2024
ސިޔާސީ

ޕީޕީއެމް ދޫކޮށް މުއާޒާއި ބޮޗޭވެސް ޑީއާރުޕީއަށް

ނޫސްވެރިންނާއި ބައްދަލުކޮށް މުއާޒް ވާހަކަދައްކަނީ: ފޮޓޯ - ސަން

ޕީޕީއެމްގެ އިސް ސަފުގައި ނިމިގެން ދިޔަ ސަރުކާރުގައި މަސައްކަތް ކުރެއްވި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އާއި ކުރީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުވެސް އެ ޕާޓީ ދޫކޮށް ޑީއާރުޕީއާ ގުޅިވަޑައިގެންފިއެވެ.

ޑީއާރްޕީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރޭ ސޮއި ކުރެއްވުމުން އޮޓަމެޓިކުން ޖާބިރު ވަނީ ޕާޓީގެ ލީޑަރަށް ވެފައެވެ. ބޮޗޭއާއި މުއާޒުވެސް ޑީއާރްޕީއާ ގުޅުމުން ދެބޭފުޅުން ވެސް ވަނީ އިސް މަގާމުތަކަށް ޖެހިލާފައެވެ.

އެގޮތުން ބޮޗޭ ވަނީ ޕާޓީގެ ރެޖިސްޓްރާ ކަމަށް އައްޔަން ކުރެވިފައެވެ. އަދި މުއާޒުއަށް ކަނޑައެޅުނީ ޕާޓީގެ ސްޕޯކްސްޕާސަން ގެ މަގާމެވެ.

ޑީއާރުޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ޕާޓީއެވެ. ވެރިކަމުން ފައިބައިވަޑައިގެންނެވުމަށް ފަހު މައުމޫން ވަނީ ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގެން، އެމަނިކުފާނުގެ ރަނިން މޭޓް އަހުމަދު ތަސްމީން އަލީއާ ޕާޓީގެ ހިންގުން ހަވާލުކޮށްފައެވެ.

ނަމަވެސް ދެބޭފުޅުންގެ ދެމެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން މައުމޫން ވަނީ ޕާޓީ ދޫކުރައްވައި ޕީޕީއެމްގެ ނަމުގައި ޕާޓީއެއް އުފަންކޮށްފައެވެ. އެހިސާބުން ޑީއާރުޕީ ބަލިކަށިވެ އެންމެފަހުން ތަސްމީނާއި ލީޑާޝިޕް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ޕާޓީގައި އިސް ބޭފުޅަކަށް ހުންނެވި ކާނަލް ނަޝީދަށް ވަނީ އޮޓަމެޓިކުން ލީޑަރުކަން ވެސް ލިބިފައެވެ.