Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ލަންކާގެ ބޯޓުތައް ރާއްޖެ ސަރަހައްދުން ނިކުތުމަށް ދަތުރު ފަށައިފި

މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހި ހާލުގައި ޖެހުމުން ރާއްޖެއިން އެހީތެރިވި އަވަށްޓެރި ސްރީލަންކާގެ މަސްބޯޓުތައް ރާއްޖެ ސަރަހައްދުން ނިކުތުމަށް ދަތުރު ފަށައިފިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ހާލުގައި ޖެހުނު ލަންކާގެ 7 މަސް ބޯޓު އޮތީ ހދ.ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައެވެ. އެ ބޯޓްތަކުން އެހީތެރި ކަމަށް އެދުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ އެމްއެންޑީއެފްއިން ދީފައިވަނީ އެފަދަ ހާލަތްތަކުގައި ޢަމަލުކުރާ އުޞޫލުގެ ތެރެއިންނެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، މޫސުން ގޯސްވުމާއި ގުޅިގެން ހދ.ކުޅުދުއްފުށީ ބަނދަރަށް ވެއްދި ލަންކާގެ 7 މަސްބޯޓް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެދަށުން ރާއްޖެ ސަރަހައްދުން ނިކުތުމަށް މިއަދު ހެނދުނު 08:30 ގައި ދަތުރު ފަށާފައިވާ ކަމަށެވެ.

“މި ބޯޓުތަކަށް ރާއްޖޭގެ ސަރަހައްދުން ނިކުމެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހު 02:30 ހާއިރު.” އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖެ ސަރަހައްދުން ހާލުގައި ޖެހޭ އުޅަނދުތަކާއި، ޞިއްޙީފަރުވާއަށް ބޭނުންވާ ފަރާތްތަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެއެވެ.