Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އޮޒިލްއާއި ކޮލެސިނެޗްއަށް ހަމަލާދޭން މަސައްކަތްކޮށްފި

އާސެނަލްގެ ތަރިން ކަމަށްވާ މީސުޓް އޮޒިލް އަދި ސާދް ކޮލެސިނެޗް ދަތުރުކުރަމުން ދިޔަ ކާރު ހުއްޓުވައި ވަޅިން ހަމަލާދޭން ދެމީހަކު މަސައްކަތްކޮށްފިއެވެ.

ޓުވިޓާގައި ރޭ އާންމުވި ވީޑިއޯއެއްގައި މިހަމަލާ ދޭން މަސައްކަތް ކޮށްފައިވަނީ ހެލްމެޓު އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހުންނެވެ. ދެމީހުން ވެސް ކާރާއި ހަމައަށް އައިސްފައިވަނީ ވަޅި ހިފައިގެންނެވެ. ވީޑިއޯ އިން ފެންނަނީ އޮޒިލްގެ ދިފާއުގައި ކާރުން ނިކުމެ ކޮލެސިނެޗް ވަޅި ހިފައިގެން ތިބި ދެމީހުން ވެސް ފައްސާލަން މަސައްކަތް ކުރި ތަނެވެ.

ނަމަވެސް މިހަމަލާގައި ކޮލެސިނެޗް އަދި އޮޒިލްއަށް ވެސް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިނުވާ ކަމަށް އާސެނަލް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮލެސިނެޗްގެ ހިތްވަރަށް ވަރަށް ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.