Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ އުމްރާ ދަތުރުގެ ނަސީބުވެރިން ހޮވައިފި

އައްޑޫ ސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކްލަބުގެ މެމްބަރުންގެ މެދުގައި ނެގުނު ގުރުއަތުން މިއަހަރުގެ ޑިސެމްބަރު މަހު އުމުރާއަށް ދިއުމަށް ދެ މުވައްޒަފުން ގުރުއަތުން ހޮވައިފިއެވެ.

އައްޑޫ ކައުންސިލުން ބުނީ މި ފަހަރު އުމުރާއަށް ދިއުމުގެ ނަސީބު ލިބުނީ އެ އޮފީހުގެ މުވައްޒަފު ޚަދީޖާ މޫސާ އަދި ނިއުމާ ހަސަން ކަމަށެވެ.

އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕާއި ރެކްރިއޭޝަން ކްލަބް ގުޅިގެން މި އަހަރު ދޭ ޢުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ހޮވުމަށް ބޭއްވި ގުރުއަތު ނެގުމުގެ ހަފްލާގައި ގުރުއަތު ނަގައި ދެއްްވީ މިދިޔަ އަހަރު ކައުންސިލްގެ ފަރާތުން އުމުރާއަށް ދިޔަ މުޙައްމަދު އިބްރާހީމްއެވެ.

މިއަހަރުގެ އުމްރާ ދަތުރު ހޮވުމަށް ބޭއްވި ގުރުއަތުލުން ކުރިއަށް ގެންދިޔައީ ފާއިތުވި ދެ އަހަރު ކައުންސިލްގެ ފަރާތުން އުމުރާއަށް ދިޔަ މުވައްޒަފުން ނުހިމަނައި ކްލަބްގައި ތިބި 144 މެމްބަރުންގެ މެދުގައެވެ. މިދިޔަ އަހަރުތަކާ ޚިލާފަށް މިއަހަރު ކްލަބުން އުމްރާ ދަތުރު ދިނީ ދެފަރާތަކަށެވެ.

މުވައްޒަފުންގެ ކުރިއެރުމާއި އެކުވެރިކަން އާލާކުރުމަށް ގިނަކަންކަން ކްލަބުގެ ފަރާތުން ރާވަމުންދާއިރު، ކޮންމެ އަހަރަކުވެސް މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރު ދިނުމަށް ކްލަބުގެ ހިންގާ ކޮމިޓީން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި މިދިޔައަހަރުގެ ޖޫންމަހު ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ.