Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ރަންވީރުގެ ދައްތަގެ ރޯލަށް ޕްރިޔަންކާ!

ރަންވީރު، ޕްރިޔަންކާ އަދި އަރުޖުން ކަޕޫރު "ގުންޑޭ" ގެ މަންޒަރެއްގައި.

ދައްތައަކާއި އޭނާގެ ފިރިހެން ކޮއްކޮގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ޒޯޔާ އަހްތަރު އެންމެ ފުރަތަމަ ފޫގެޅީ ކަރީނާ ކަޕޫރާއި ރަންބީރު ކަޕޫރާ އެކުގަ އެވެ.

އެ ފިލްމަށް ދެބޭންގެ ދެ ދަރި، އެ ތަރިން އެއްބަސްވި އެވެ. އެކަމަކު ޒޯޔާ ބޭނުންވި ގޮތަށް ފިލްމް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ސަބަބަކީ ރަންބީރު ސޮއިކޮށްފައިވާ އެހެން ފިލްމްތަކަށް ވަގުތު ދޭން ވަރަށް ބޮޑަށް ޖެހިފައި އޮތުމާ އެކު ޒޯޔާ ޕްލޭން ކުރި ތާރީހުތައް ރަންބީރަށް ދެވެން ނެތުމެވެ.

އެހެންވެ އެ ހިސާބުން ޒޯޔާ، ރަންބީރު ދޫކޮށްލީ އެވެ. ދެން އޭނާ ބޭނުންވީ ޒުވާން އެކްޓަރު ރަންވީރު ސިންގް އާއި ކަރީނާ އެކު ފިލްމް ކުރިއަށް ގެންދާށެވެ.
އެކަމަކު މި ފަހަރު ދިމާވީ މުޅިން އެހެން ގޮތެކެވެ. ރަންވީރުގެ ދައްތައެއްގެ ރޯލް ކުޅެން ކަރީނާ އެއްބަހެއް ނުވި އެވެ. އެ ހިސާބުން ޒޯޔާ އަށް ޖެހުނީ ކަރީނާ ވެސް ދޫކޮށްލާށެވެ.

"ޒިންދަގީ ނާ މިލޭގީ ދޮބާރާ" ޑައިރެކްޓްކޮށްގެެން ބޮޑު ކާމިޔާބީއެއް ވެސް ހޯދި ޒޯޔާގެ ހުވަފެނީ ޕްރޮޖެކްޓް ގާތްގަނޑަކަަށް ހުއްޓުމަކަށް ގޮސްފައި އޮތުމަށް ފަހު، މިހާރު އަޑު އިވެނީ ރަންވީރު ދައްތަގެ ރޯލް ކުޅެން ޕްރިޔަންކާ އަށް ހުށަހެޅި ވާހަކަ އެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން ޒޯޔާގެ ވެސް އަދި ޕްރިޔަންކާ ވެސް ރަސްމީ ބަހެއްް ލިބޭ ގޮތެއް ނުވެ އެވެ. އެކަމަކު އުފެދޭ ބޮޑު ސުވާލަކީ ރަންވީރުގެ ދައްތަގެ ބައި ޕްރިޔަންކާ ކުޅެފާނެތޯ އާ މެދު އުފެދޭ ސުވާލެވެ.

އަނެއްކޮޅުން އެ ދެ ތަރިން މިހާރު އަންނަނީ ޔާޝްރާޖްގެ "ގުންޑޭ" ގައި ދެ ލޯބިވެރިންގެ ރޯލް ވެސް ކުޅެމުންނެވެ. މި ސަބަބާ ހުރެ ޒޯޔާ އަށް މިކަން ކާމިޔާބް ވާނެތޯ ނުވަތަ ނޫންތޯ އަދި އޮތީ ބޮޑު ސުވާލް މާކެއްގެ ތެރޭގަ އެވެ.

ހިންދީ ފިލްމްތަކުގައި އެކްޓަރުންގެ ލޯބިވެރިންގެ ގޮތުގައި ބަތަލާއިން ފެނިފައި ފަހުން، މަންމަގެ ރޯލްތަކުން ވެސް ހަމަ އެ ބަތަލާއިން މީގެ ކުރިން ފެނިފައި އެބަ ހުއްޓެވެ.

މިސާލަކަށް ބަލާ ނަމަ އަމީތާބްގެ ލޯބިވެރިއެއްގެ ރޯލް ކިތަންމެ ފިލްމެއްގައި ރާކީ ގުލްޒާރު ކުޅެފައިވެ އެވެ. އެކަމަކު ހަމަ ރާކީ ބައެއް ފިލްމްތަކުގައި އަމީތާބްގެ މަންމަގެ ރޯލް ވެސް ކުޅެފައިވެ އެވެ. ހަމަ މިގޮތަށް އަމީތާބާއި ވަހީދާ ރަހުމާން ވަނީ ސްކްރީން ހިއްސާކޮށްފަ އެވެ.

އެހެންވެ ޕްރިޔަންކާ، ރަންވީރުގެ ދައްތަގެ ރޯލް ކުޅުމާ މެދު ނިންމާ ގޮތެއް ބަލަން ގިނަ ބަޔަކު ތިބީ ކެތްތެރި ކަމެއް ނެތި އިންތިޒާރުގަ އެވެ.