Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޝަންގްރިއްލާގެ ޑީކޯ ޗެމްބަރ ބަންދު ކުރި މައްސަލަ މަޖްލިސްއަށް

ޝަންގްރިއްލާގައި ހަދާފައިވާ ޑީކޯ ޗެމްބަރ ބަންދު ކުރި މައްސަލައިގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހިއްސާ ކުރައްވައިފިއެވެ.

މަޖްލިސްގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ ދާދި ފަހުން ގައްދޫން އެންދަން ފީނި ޒުވާނަކު ޑީކޯވެގެން ފަރުވާ ދިނުމަށް އައްޑޫއަށް ގެންދިއުމަށް ބެލި އިރު ޝަންގްރިއްލާގައި ހަދާފައިވާ ޑީކޯ ޗެމްބަރ ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިއީ ދެކުނު މަސްވެރިން ކަންބޮޑުވާ ކަމެއް ކަމަށް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ އެންމެ ފަހުން އެޒުވާނާއަށް ފަރުވާ ދިނުމަށް ގެންދަން ޖެހުނީ ބަނޑޮހުގައި ހުރި ޗެމްބަރ އަށް ކަމަށެވެ.

ޝަންގްރިއްލާގައި ހަދާފައިވާ ޗެމްބަރ ބަންދުކޮށްފައިވަނީ ހަރަދު ބޮޑުވާ ކަމަށް ބުނެއެވެ. މި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖްލިސްގެ ރައީސް މުހައްްމަދު ނަޝީދުއަށް އައްޑޫ އަދި ދެކުނުގެ މަސްވެެރިން ވަނީ ހުށަހަޅާފައެވެ.

ރައީސް ސޯލިހު ވަނީ އައްޑޫގައި ހުރި ޗެމްބަރ ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އަދި މިހާތަނަށް އައްޑޫގައި ޑީކޯ ޗެމްބަރަ ބެހެއްޓިފައި ނުވެއެވެ.