Last Updated: June 10, 00:02
Tuesday, June 9, 2026
ރިޕޯޓް

ބޮލަކަށް 450ރ. ގެ ރޭޓުން މުދަލު ޒަކާތް ބަހައިފި

ހިތަދޫ އަންހެނަކު ރޯދަ އަށް ހަވާދު ހަނާ ކުރަނީ. ފޮޓޯ/ އިބްރާހީމް ފިރާގް

ބޮލަކަށް 450 ރުފިޔާގެ ރޭޓުން މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނަށް އައްޑޫ ސިޓީ ކައުންސިިލުން ބަހައިފި އެވެ.

ކައުންސިލުން ބުނީ 2012 ވަނަ އަހަރު މުދަލުގެ ޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން އައްޑޫގައި ނަން ނޯޓުކޮށްފައިވާ ފަޤީރުންނާއި މިސްކީނުންނަށް ފައިސާ ދޫކޮށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން މި އަހަރު މުދަލުގެ ޒަކާތަށް ލިބުނު ފައިސާ އިން ފަޤީރުންނާއި މިސްކީނުންނަށް ބޮލަކަށް -/450ރ. ރޭޓުން ދޫކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ މަރަދޫން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ނަން ނޯޓްކޮށްފައި ވަނީ 1،792 މީހުންނެވެ. ފޭދޫން 1،568 މީހުން ނަން ނޯޓްކޮށްފައިވާ އިރު ހުޅުމީދޫން ޖުމްލަ 1،544 މީހުން ނަން ނޯޓްކޮށްފައިވެ އެވެ. އަދި ހިތަދޫން 4،197 މީހުން ނަން ނޯޓްކޮށްފައިވެ އެވެ.

މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި އައްޑޫގެ ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި 9،101 މީހުން ނަން ނޯޓްކޮށްފައި ވެއެވެ. 2012 ވަނަ އަހަރު މުދަލު ޒަކާތަށް ލިބުނު ފައިސާ އިން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން އައްޑޫގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް ބަހަން 4,095,450ރ. ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޖަމާކޮށް ދީފަ އެވެ.

ހިތަދޫ އަވަށުން ފައިސާދޫކޮށް އިއްޔެ ނިމިފައި ނުވާތީ، މިއަދު ވެސް ފައިސާ ދޫކުރުން އޮންނާނެ އެވެ.

މިއަދު ފައިސާ ދޫކުރާނީ އޮފީހުގެ ރަސްމީ ގަޑީގައި، ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗައިން ކަމަށް ކައުންސިލުން ބުންޏެވެ.