ކުދި ވިޔަފާރިތަކަށް ހާއްސަ 4ޖީ ބްރޯޑް ބޭންޑް އިންޓަނެޓް ހިދްމަތް ޠަނިއްޔާ އިން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ އެންމެ އަވަސް މޮބައިލް އިންޓަނެޓްގެ ހިދްމަތް ދެމުން އަންނަ ވަޠަނިއްޔާއިން މިއަދު އަލަށް މި ތައާރަފްކުރި ހިދްމަތުގައި 24 ޖީބީގެ އެލަވަންސާއެކު 4 ޖީގެ ހިދުމަތް ލިބޭ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. އަދި މި ޕެކޭޖާއި އެކު ވައިފައި ރައުޓަރެއް ވެސް ހިމެނެ އެވެ. މި ޕެކޭޖަށް މަހަކު 1،999ރ. ދައްކަން ޖެހޭއިރު 24 ޖީބީ ހަމަވުމުން އިތުރަށް އަރާ ކޮންމެ އެމްބީއަކަށް ޗާޖުކުރަނީ 10 ލާރި އެވެ.
ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އާއިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ އަލަށް މިއަދު އެކުންފުނިން ތައާރަފްކުރި ޕެކޭޖާއި ގުޅިގެން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
ޒަމްރާ ވިދަޅުވީ 4ޖީ ބްރޮޑް ބޭންޑް ހިދްމަތާއި އެކު ވައިފައި ރައުޓާއެއް ލިބޭ އިރު ގާތްގަޑަކަށް 30 ޑިވައިސްއަށް 4 ޖީ ސްޕީޑްގައި ހިދްމަތް ލިބޭނެ ކަމަށެވެ. އަދި އެޗްޑީ ކޮލެޓީގައި ވީޑިއޯ ކޮންފަރެސް ހެދޭނެ ކަމަށެވެ. އަދި ބޮޑެތި ފައިލްތައް ޑައުންލޯޑް ކުރުމަށް މި ހިދުމަތަކީ ވަރަށް ފުރުހަމަ ހިދުމަތެއް ކަމަށް ޒަމްރާ ވިދާޅުވި އެވެ.
"ވަޠަނިއްޔާ ފޯ ބިޒްނަސް" ކެޓަގަރީގެ ދަށުން ގެނައި މި ހިދްމަތަކީ "ވަޠަނިއްޔާ ޑަބްލިއު 4 ޖީ"އެވެ. ނަމަވެސް މި ހިދްމަތް މިވަގުތު ލިބެނީ މާލެ ސަރަހައްދަށް ކަމަށް ޒަމްރާ ވިދާޅުވި އެވެ.
ނަމަވެސް މުސްތަގްބަލްގައި ވަޠަނިއްޔާގެ ސޭލްސް ޓީމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގޮސް އެތަންތަނުގެ ސްޕީޑް ޗެކް ކުރުމަށްފަހު ހިދްމަތް ދިނުމަށް ވިސްނާފައިވާ ކަމަށެވެ.
ވަޠަނިއްޔާއިން ވަނީ މިއަދު ތައާރަފް ކުރި ހިދްމަތް ތަޖްިރިބަ ކޮށްލުމަށް މާލެ ސަރަހައްދަށް ދޫކޮށްފައެވެ. އަދި މި މުއްދަތުގައި މި ޕެކޭޖު ނަގާ ފަރާތްތަކަށް ރައުޓަރެއް ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.