މި މަހުގެ 1 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސޭވިން އެކައުންޓަށް އިންޓްރަސްޓް ލިބޭ މިންވަރު ބަދަލުކޮށްފި އެވެ.
ރާއްޖޭގެ ގިނަ ކަސްޓަމަރުން ހިދުމަތް ހޯދާ ދިވެހި ބޭންކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސޭވިން އެކައުންޓް ގެންގުޅޭ ފަރާތްތަކަށް އިންޓްރަސްޓް ލިބޭ އެންމެ ކުޑަ އަދަދު 500ރ. އިން 1،000ރ. އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކޮންމެ އަހަރަކު ދޭ އިންޓްރަސްޓް ލިބޭނީ މަހެއްގެ މައްޗަށް ފަސް ޑެބިޓް ޓްރާންސްސެކްޝަނަށް ވުރެ މަދުން ހަދާ ސޭވިން އެކައުންޓްތަކަށް ކަމަށާއި ޕީއޯއެސްތަކުން ހަދާ ޓްރާންސެކްޝަންތައް މީގެ ތެރޭގައި ނުހިމެނޭ ކަމަށް ބޭންކުން ބުނެފައިވެ އެވެ.
ރުފިޔާ އެކައުންޓަށް އިންޓްރަސްޓް ލިބޭނީ ކޮންމެ ދުވަހެއްގެ އެވްރެޖް ބެލެންސް 1،000ރ. އަށް ވުރެ މަދު ނުވާ ނަމަ އެވެ. ޑޮލަރު އެކައުންޓެއް ނަމަ 100 ޑޮލަރަށް ވުރެ މަދު ނުވާނަމަ އެވެ. އެގޮތުން ރުފިޔާ އެކައުންޓަށް 2.5 ޕަސެންޓް އަދި ޑޮލަރު އެކައުންޓަށް ތިން ޕަސެންޓްގެ އިންޓްރަސްޓް ދޭނެ އެވެ.