އައްޑޫ ސިޓީ ކައުންސިލުން ހަދަން ނިންމާފައިވާ ސްޕޯޓްސް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އައްޑޫގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި، އެކިއެކި ފަންނުގެ، ކަމަށް ގާބިލް ބޭފުޅުންގެ އިރުޝާދާއި ލަފާ، އެންމެ ފުޅާ ދާއިރާގައި ހޯދުމުގެ މާތް ނިޔަތުގައި އުފައްދަން ނިންމި "ސްޕޯޓްސް ކައުންސިލް" އަށް ކުރިމަތިލުމަށް 18 އޭޕްރީލްގައި އިއުލާނާ ގުޅިގެން ފަސް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.
އަދި ސްޕޯޓްސް ކައުންސިލްގައި ބައިވެރިވެ، ކުޅިވަރުގެ ދާއިރާ އިން އައްޑު އަށް ކުރިއެރުން ހޯދައި ދިނުމަށް ޖަމްޢިއްޔާތައް ތަމްސީލް ކުރާނެ މެމްބަރަކަށް ފުރުސަތު އޮތުމާއެކީ، އެކަމުގެ ފުރުސަތު މިހާރު ހުޅުވާލީ ކަމަށް ކައުންސިލުން ބުނެ އެވެ.
އެގޮތުން "ސްޕޯޓްސް ކައުންސިލް" ގައި މަސައްކަތް ކުރަން ޝައުގުވެރިވާ ޖަމްޢިއްޔާތަކުން ވަނަވަރާއެކު މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލް އިދާރާ އަށް ހުށަހަޅަން ޖެހެ އެވެ.