Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

ޝަރީފު މަޖްލީހުގައި ދެއްވީ ތެދު މައުލޫމާތު: ބޭންކު ޗެއާޕާސަން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ދެއްވީ ތެދު މައުލޫމާތުކަމަށް ބޭންކު އޮފް މޯލްޑިވްސްގެ ޗެއާމަން ސައީދާ އުމަރު ވިދާޅުވެއްޖެއެވެ.

ސައީދާ އުމަރު މިފަދައިން ވިދާޅުވެފައިވަނީ ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ތަކުރާރުކޮށް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ބޭންކުގެ ހިއްސާދާރު އިބްރާހިމް ދީދީ (ކޭޑީ) ޗެއާމަންއަށް އަމާޒުކޮށް ސުވާލު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ދެއްވި ޖަވާބަކީ، ތެދުތޯ ނުވަތަ ނޫންތޯއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ސައީދާ ވިދާޅުވީ އެންޑޯސްކޮށްފައިވާ ޗެކުތަކާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ފަރާތުން ދީފައިވާ މައުލޫމާތަކީ އޭރު އެނގިފައިހުރި ކަންކަމުގެ އަލީގައި ހިއްސާކޮށްފައިވާ ތެދު މައުލޫމާތު ކަމަށެވެ.

ޝަރީފު މަޖްލިސްގެ ކޮމެޓީގައި ސައްހަ ނޫން މައުލޫމާތު ހިއްސާކުރިކަމަށް ބުނެ މައްސަލަ ތަހްގީގު ކުރުމަށް ވަނީ ފުލުހަށް ހުށަހަޅާފައެވެ. ރޭ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުވަނީ އެ މައްސަލައިގެ ކަންބޮޑުވުން ހިއްސާ ކޮށްފައެެވެ.

އެގޮތުން ބޭންކުގެ ހިއްސާދާރެއް ކަމަށްވާ އަބްދުﷲ ސޯލިހު ވަނީ ޝަރީފުއަށް އެކަނި އަމާޒުކޮށް އަމަލު ކުރަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ސޯލިހު ވިދާޅުވީ ބޭންކުގެ މުވައްޒަފުންނާއި އެގްޒެކެޓިވް މެމްބަރުން ހިމާޔަތް ކުރަން ޖެހޭނެކަމަށާއި އެމީހުން "ކަންބަޅިއެއް ހެން ކަތިލަން" ދޫކޮށް ނުލެވޭނެކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ވަކި މީހަކަށް ޓާގެޓް ކޮށްގެން ކަންބަޅިއެއްހެން ކަތިލަމުން ދާތަން. ދެން ބީއެމްއެލްގެ އެހެން މުވައްޒަފުން ވެސް ކަންބަޅިތަކެއްހެން ކަތިލަން އަޅުގަނޑުމެން ދޫކޮށްލަންވީތޯ،"

ސޯލިހު ވިދާޅުވިއެވެ.

ޝަރީފުއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އާއްމު ހިއްސާދާރުވަނީ ދިފާއު ކުރައްވާފައެވެ. އެގޮތުން ދައުލަތުން ގެއްލުނު 1.3 ބިލިއަން ރުފިޔާގެ ގެއްލުން ބޭންކުގެ ބޮލަށް ކަނޑާލައި އެފައިސާ ބޭންކުން ނަގަން ދިމާނުކުރުމަށް ހިއްސާދާރުން ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ޝަރީފު ދެއްކެވި ވާހަކަތަކަކީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި ގުޅިގެން ބޭންކުގެ އިންޓާނަލް އޮޑިޓު ޑިޕާޓުމަންޓުން ކުރި އޮޑިޓު ރިޕޯޓުގައި ހިމެނޭ މައުލޫމާތެެވެ. މި ރިޕޯޓު ވަނީ ބޭންކުގެ ބޯޑަށް ހުށަހަޅާފައެވެ.