Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ރައްޔިތުންނާއި ބައްދަލު ކުރުން ހަމައެކަނި ހިތަދޫގައި ބާއްވާތީ ކަންބޮޑުން ފާޅު ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ ބާއްވާ ބައްދަލުވުން ހިތަދޫ ކައުންސިލް އިދާރާގައި އެކަނި ބާއްވާތީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކައުންސިލުން ވަނީ މިރޭ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އިތުރުން ހިތަދޫގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ނިންމާފައެވެ. ކައުންސިލުން ނިންމާފައިވަނީ ރައްޔިތުންނާއި ބައްދަލު ކުރުން މިރޭ 8:30 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށެވެ.

ފޭދޫ އަދި މަރަދޫފޭދޫ އަދި މަރަދޫގެ ރައްޔިތުންގެ ކަންބޮޑުވުމަކީ މި ބައްދަލުވުމަށް ބޮޑު ހަރަދުކޮށްފައި ދާން ޖެހޭތީއެވެ. އެގޮތުން ފޭދޫން މި ބައްދަލުވުމަށް އައުމަށް 300 ރުފިޔާ ހަރަދު ކުރަން ޖެހޭކަމަށް ބުނެ ފޭދޫގެ ރައްޔިތަކު ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ.

ކަންބޮޑުވުން ފާޅުކުރި އެހެން ރައްޔިތަކު ބުނީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރާނަމަ އެރަށެއްގައި ބައްދަލުވުން ބޭއްވުން މާ ރަނގަޅު ކަމަށެވެ.

ކައުންސިލުން ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. މީގެ ކުރިން ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުން ބާއްވާފައިވަނީ ރަށްތައް ވަކީންނެވެ.