Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ގަން އެއާޕޯޓުގެ ތެޔޮ ފާމް ތަރައްޤީ ކުރާނެ ފަރާތެއް ހޯދަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް. އައްޑޫލައިވް ފޮޓޯ: އިބްރާހިމް ހުސައިން

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ފާމް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއްލާންކޮށްފިއެވެ.

ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ބުނީ ގަމުގައި މިހާރު ހުރި ފިއުލް ފާމް އިތުރަށް ތަރައްޤީކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެގޮތުން ފަންނުގެ ތަޖްރިބާ ހުރި ފަރާތަކަށް އިސްކަން ދޭނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓު 4 ވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު (އީއޯއައި) ހުށަހެޅުމަށް އޭއައިއޭއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް ފާމް ތަރައްޤީ ކުރުމަކީ ގަން އެއާޕޯޓު ތަރައްޤީގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް އޭއައިއޭއިން ވެސް އަދި ދިވެހި ސަރުކާރުން ވެސް އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.