Last Updated: June 13, 06:05
Saturday, June 13, 2026
ވިޔަފާރި

ސީމަނުން ތަމްރީނު ކުރުމުގައި އައިއެސްއޯ މިންގަަޑަށް ނުފެތޭ މަރުކަޒުތައް ބަލައި ނުގަންނަ ގޮތަށް ނިންމައިފި

ރާއްޖޭގައި ސީމަނުން ތަމްރީނު ކުރާ މަރުކަޒުތަކުގެ ތެރެއިން އިންޓަނެޝަނަލް ސްޓޭންޑަޑްސް އޮގަނައިޒޭޝަން (އައިއެސްއޯ) ގެ ފެންވަރަށް ތަމްރީނު ނުދެވޭ މަރުކަޒުތަކުގެ ސެޓްފިކެޓް ސަރުކާރުން ގަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސީމަނުންނަށް [ބޯޓް ދަތުރު ކުރާ މީހުން] މިހާރު ތަމްރީނުދޭ މަރުކަޒުތަކުން އައިއެސްއޯގެ ފެންވަރަށް ތަމްރީނު ޕްރޮގްރާމް ބައްޓަން ކުރުމަށްޓަކައި މިއަހަރުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި މި މުއްދަތުގެ ތެރޭގައި ސީމަނުންނަށް ތަމްރީނުދޭ މަރުކަޒުތަކުގެ ތެރެއިން އައިއެސްއޯގެ ފެންވަރަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ނުގެންދާ ފަރާތްތަކުގެ ސެޓްފިކެޓް ސަރުކާރުން ޤަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އައިއެސްއޯ ފެންވަރުގެ ސެޓްފިކެޓް ހޯދަން ޖެހޭނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީ (އައިއޭސީއެސް) ގެ މެންބަރު އޮގަނައިޒޭޝަނަކުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ދިވެހި ސީމަނުންނަށް ބޭރުގެ ބޯޓު ފަހަރުގައި ވާޒީފާ އަދާކުރުމުގެ ފުރުސަތުތައް ހޯދައި ދިނުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
އަދި އެކަމަށް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކުން އެ މިނިސްޓްރީއަށް ލަފާ ދީފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ސީމަނުންނަކީ ރާއްޖެ އަަށް އެންމެ ގިނައިން ޑޮލަރު ވައްދާ ފަރާތްތަކުގެ ތެރޭގައި ހިއްސާވާ ބަައެކެވެ.