Last Updated: April 20, 10:23
Saturday, April 20, 2024
ޚަބަރު

އަދީބުގެ ނަން ދިވެހި ތާރިހުގައި ނުލިޔެވި ނުދާނެ!

އަހްމަދު އަދީބު --

ފުރަތަމަ ހުންނެވީ ވިޔަފާރިވެރިން ޖަމިއްޔާގެ ނާއިބު ރައީސަކަށެވެ. މަދުމަދުން ޓީވީތަކަށް އަރާވަޑައިގެން މަގުބޫލުކަން ހޯއްދަވަން ފެއްޓެވިއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި ދެން އައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ޓޫރިޒަމް މިނިސްޓަރަކަށް އެމަނިކުފާނު ވެވަޑައިގަތީ އިސާހިތަކުއެވެ. ޒުވާން އުމުރުގައި ވަޒީރަކަށް ވެވަޑައިގެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން ތާރީހުގެ ތެރެއަށް ވެދެވަޑައިގަތެވެ. މިއީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ސިޔާސީ ހަޔާތް ފެއްޓެވި ގޮތެވެ. އަދި ވަކިން ހާއްސަކޮށް ތާރީހުގެ ތެރެއަށް އެމަނިކުފާނުގެ ނަންފުޅު ގެނުވި ފުރަތަމަ ގޮތެވެ.

ދެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެވެ. އެ ވެރިކަމުގައިވެސް އެންމެ ފުރަތަމަ ހުންނެވީ ޓޫރިޒަމް މިނިސްޓަރަކަށެވެ. އަދި އެ ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރަށް އެމަނިކުފާނު ވެދެވަޑައިގަތީ އެހާމެ ފަސޭހަކަމާއި އެކުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް ލުއިތަކެއް ގެނެސްދެއްވާ ހިންގުންތެރި ގާބިލު ވަޒީރަކަށް އެމަނިކުފާނު ވެވަޑައިގެންނެވިއެވެ. އޭރު ޔާމީންގެ ސަރުކާރުން ގެނެސްފައިވާ ބޮޑެތި ޕްރޮޖެކްޓުތަކުގެ އިސްވެރިއެއްގެ ގޮތުގައި އަބަދުވެސް ހުންނެވީ އަދީބެވެ. މިވަރުން ނިމުމަކަށް އައީއެއް ނޫނެވެ. އަދީބުގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ކަމެއްވެސް ނުވާ ހިސާބަށް ދިޔައެވެ. އަދީބު ދެކެ ގަންނަވާ ބިރުން ވަޒީރު ބޭފުޅަކަށް ބާރަށް ފައިންޕުޅު ހިއްލަވާލައްވަން ވެސް ޖެހިލުންވެވަޑައިގަތެވެ. މިއީވެސް ރާއްޖޭގެ ސިޔާސީ ހަޔާތުގައި ހިނގާދިޔަ ކަންތައްތަކެކެވެ. ލިޔުއްވައިފި ނަމަ ތާރީހާއި ހަނދާނުގެ ތެރޭގައި މިކަންކަން ހުންނާނެއެވެ.

ބާރުގަދަ ވަޒީރަކުން ނާއިބު ރައީސް ކަމަށް:

ކޮންމެއަކަސް ކުރީގެ ރައީސް ޔާމީން އެންމެ އިތުބާރުފުޅު ކުރައްވާ ވަޒީރަކީ އޭރު އަހްމަދު އަދީބެވެ. އަދީބަކީ ޔާމީންގެ ފައިސާގެ ކަންކަން ވެސް ބަލަހައްޓަވާ ބޭފުޅާ ކަމަށް ހުދު އެތައް ޕްލެޓުފޯމެއްގައި ޔާމީންވަނީ އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައެވެ. ސިޔާސީ ގޮތުން ރައީސް ޔާމީން ސަރުކާރުގެ އެންމެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖެހިވަޑައިގަތް ކުންޏެއްގެ ސަބަބުން ނާއިބު ރައީސް ކަމުން ޖަމީލު ދުރު ކުރެއްވިއެވެ. އަދި އަދީބު ނާއިބު ރައީސަކަށް ގެނައުމުގެ މަޝްވަރާތައް ގަނޑުވަރު ކޮޅުގައާ ޕާޓީ އޮފީހުގައާ އެހެނިހެން ތަންތަނުގައި ކުރެވިގެންދިޔައެވެ. އަދި އެކަން ހިނގައިގެން ދިޔައީވެސް ހަމަ އެފަދައިންނެވެ.

ނާއިބު ރައީސް ކަމަށް އަދީބު ގެނައުމަށްޓަކައި ގާނޫނު އަސާސީއާ ގާނޫނުތައް ޔާމީން ސަރުކާރުގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރެއްވީ ހޭލާ ހުންނަވައިގެންނެވެ. އެއް ދުވަހެއްގެ އިރު އިރުމާއި އެކު ނިންމާލި މަސައްކަތުގެ ހަބަރުތައް ރައްޔިތުން ކިޔަ ކިޔާ ހުއްޓާ އައީ ކުއްލި ހަބަރެކެވެ. ނަމަވެސް އެއީ ބައެއް ރައްޔިތުންނަށެވެ. އެ ހަބަރަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް ހ. ސާމަރާ، އަހްމަދު އަދީބު އައްޔަން ކުރެއްވި ހަބަރެވެ. އަދި މިވަރަކުން ނޫސްތަކުގެ ސުރުހީއާ ރިޕޯޓުތަކެއް ނިމުމަކަށް ނައެވެ. އެންމެ ޒުވާން ނާއިބު ރައީސަކަށް އަދީބު، މިފަދައިންވެސް ނޫސްތަކުގެ ސުރުހީތަކުގައި ޖަހާ އަދީބު އާސުމާނަށް ލައިގެން އުުޅުނު ދުވަސްތައް މާޒީއާ ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް އެއީވެސް އަދީބުގެ ނަން ދިވެހި ތާރީހުގައި ލިޔެވިގެންދާނެ ދުވަސްތަކެކެވެ.

ފަހުގެ ތާރީހެއްގައި ނާއިބު ރައީސަކަށް ކުރެވުނު އެންމެ ބޮޑު އެއް ތުހުމަތު:

ސިޔާސީ މައިދާނުގައި މަސައްކަތް ކުރާއިރު އަބަދުވެސް ތަފާތު އެކިއެކި ތުހުމަތުތައް އެޅިގެންދާނެއެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކަން ހިނގާ ގޮތެވެ. ރާއްޖޭގައިވެސް އެކަން ހިނގަމުން ދަނީ ހަމަ މި ބީދައިންނެވެ. ނަމަވެސް އަދީބުގެ އިސްތަށިފުޅުގައި އެޅިގެން ދިޔައީ އެއަށްވުރެވެސް ބޮޑު ތުހުމަތެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުންނާއި އާއިލާ ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ވަޒީރުން ތިއްބެވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާ އެބޭފުޅުން [ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން] އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތެވެ.

ރާއްޖޭގައި ހުންނެވިއިރު ރައީސް ޔާމީން 500 ޕަސެންޓު އިތުބާރު ކުރެއްވި އަދީބު ޗައިނާއިން ވަޑައިގަތުމާއި އެކު މާލެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ ފުލުހުންގެ ލޯންޗުކޮޅުގައެވެ. ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވި ޖަލުގެ ތޭރިތަކުގެ ތަޖުރިބާ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަތީއެވެ. ހައްޔަރު ކުރެއްވީ ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތުގައެވެ. މިއީވެސް އަދީބުގެ ނަން ދިވެހި ތާރީހުގެ ތެރެއަށް ވަކިން ހާއްސަކޮށް ރާއްޖޭގެ ވެރިކަމުގެ ތާރީހުގެ ތެރެއަށް ވަދެ ނުދާނެ މައްސަލައެކެވެ.

ދައުލަތުގެ މާލިއްޔާއިން މާސިންގާ ވައްކަމެއް ރޯމާދުވާލު ކުރުން:

ވަގުން ވައްކަން ކުރަނީއެއް މީހުން ނިދާފައި ތިއްބައެއް ނޫނެވެ. މިއީ 21ވަނަ ގަރުނެވެ. 1900ގެ އަހަރުތަކުގައިވެސް ރާއްޖޭގައި މާސިންގާ ވައްކަމެއް ކޮށް އެ ވައްކަމުގެ ވާހަކަތައް އޮއްބާލިއެވެ. އެއީ މީޑިއާއާ އެފަދަ އެހެނިހެން ވަސީލަތްތައް މަދު ޒަމާނެކެވެ. އެއީ އެފްޕީއައިޑީގެ ވައްކަމެވެ. އެ ވައްކަމުގެ ވާހަކަ މަދުން ނަމަވެސް ދިވެހިން ދައްކައެވެ. ނަމަވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް އަހްމަދު އަދީބު ކުރި ވައްކަމުގެ ވާހަކަ މި ދިވެހި ގައުމު ދެމި އޮތްހާ ދުވަހަކު ދައްކާނެއެވެ. އަދި އެފައިސާ ހޯދަން ދިވެހި ރައްޔިތުން އިންތިހާއަށް ބޭނުންވެސްމެއެވެ. އެއީ ރޯމާ ދުވާލު ދައުލަތުގެ މާލިީ އިދާރާތައް ހިސޯރުކޮށްގެން ހިންގާލި ވަރުގަދަ ވައްކަމެކެވެ. އެއީ ދައުލަތުގެ ހަޒާނާއަށް ވަންނަންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. އެ މައްސަލައިގެ ތަހުގީގުން މިހާތަނަށް ހާމަވެގެން ދިޔައީ އެ ވައްކަން ގޮސް އަދި ހުއްޓެނީ އަދީބާއި ހަމައިން ކަމެވެ. ފަހަރުގައި ތަހުގީގު ނިމޭއިރު އެހެން ފަރާތަކަށް އެ ވައްކަން ގޮސް ހުއްޓި ދާނެއެވެ.

ދާދިފަހުން އަނެއްކާވެސް އިތުރު ހިޔާނާތެއްގެ މައްސަލަ މިވަނީ ފެންމަތިވެފައެވެ. ނަަމަވެސް މިވާހަކައަކީ މީޑިއާތަކުގައިވެސް މާގަދައަށް ދެކެވޭ ވާހަކަތަކެއް ނޫނެވެ. އެއީ ނަސަންދުރާ ޕެލަސް ހޮޓެލް ހިންގި ބިން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ފަހު ކުރިން އެ ބިން ދޫކުރަން ހަދާފައި އޮތް އެއްބަސްވުން އުވާލައި މިހާރު އެތަން އިމާރާތް ކުރާ ކުންފުންޏާ ހަވާލުކުރި މުއާމަލާތުގެ ވާހަކައެވެ. އެ މައްސަލާގައިވެސް 86 މިލިއަން ރުފިޔާގެ ހިޔާނާތް އެކުލެވިގެންވާ ކަމަށްވެއެވެ. އަދީބުގެ ނަން ހިޔާނާތާއި ވައްކަމުގެ މައްސަލާގައިވެސް ދިވެހި ތާރީހުގައި ލިޔެވިގެންދާނެއެވެ.

މައްސަލަތައް ކޯޓުގައި މަޑުޖެހިފައި އޮތުމަށްފަހު ފަޓާސް ބަރިއެއްހެން ކުރިއަށް:

އަދީބަކީ ޕޯޑިއަމްތަކަށް އަރާ ވަޑައިގެން ވާހަކަ ދެއްކުމުގައި މާ ކުޅަދާނަ ބޭފުޅަކަށް ނުވެދާނެއެވެ. ނަމަވެސް ޑީލު ހެދުމުގައި އެއީ އެއްވަނައިގެ ބޭފުޅެކޭ ނުބުނެވޭންވި ސަބަބެއް ނެތެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އަދީބުގެ ޝަރީއަތް ކުރިއަށް ދިޔައީ ފިނިހަކަ ދުވެލީގައެވެ. ނަމަވެސް ވެރިކަން ބަދަލުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު އައިފަހުން ކުއްލިއަކަށް ނުހިނގާ ހުރި އަދީބުގެ ޝަރީއަތްތައް ކޯޓުތަކުގައި ހިނގަން ފެށިއެވެ. ސުވާލު އުފެދެނީ މިހިސާބުންނެވެ. އޭރު ނުދިޔަ ޝަރީއަތެއް ކުއްލިއަކަށް ޝެޑިއުލްކޮށްގެން ފަށަން ޖެހުނީ ކީއްވެގެން ހެއްޔެވެ. އެއީ ސަރުކާރުން ގެންގުޅޭ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ފިޔަވަޅެއް ނޫންކަން އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭނެއެވެ. އެއީ "ބޮޑުވެގެންވާ" ޑީލެކެވެ.

އަދީބު ހުންނެވީ ރާއްޖެއިން ބޭރަށް ދާން ބޭނުންފުޅުވެފައެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުވެސް ހުރި ގޮތުންނާއި އެކުގައެވެ. އަނެއްކޮޅުން އެއީ ރައްޔިތުން މަޖިލީހުގެ އިންތިހާބުވެސް ވަރަށް ކައިރި ދުވަސްކޮޅެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވި ބޭފުޅުންނަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިވިއެވެ. އެއީ ޕާޓީން މާލީ ގޮތުން މާބޮޑެތި އެހީތެރިކަމެއް ނުދޭތީއެވެ. މިކަމުގެ ދަތިކަން އެންމެ ބޮޑަށް ތަހައްމަލު ކުރަން ޖެހުނީ މާލީ ތަނަވަސްކަން ނެތް ބޭފުޅުންނެވެ.

ނަމަވެސް އެކަމަށް ހައްލެއް ގެނެސްދެއްވީ އަދީބެވެ. މިކަން ސަރުކާރުން އަދި ރައީސް ސާލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކިތަންމެ ވަރަކަށް ދެކޮޅު ހެއްދެވިއަސް މިއީ ތެދެއްކަން ސާބިތުވާނެ ދުވަހެއް އަދި އަންނާނެއެވެ. މިކަން "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދިނީ ހުދު އެމްޑީޕީގެ ޕީޖީ ގްރޫޕަށް ނިސަބްތްވެވަޑައިގަންނަވާ ތިން މެންބަރެކެވެ. މި ތިން މެންބަރުންނަކީވެސް ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މެންބަރުންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވދާޅުވި ފަދައިން އެމްޑީޕީން ވޯޓުލާން 24 ގަޑިއިރުވެފައި ވަނިކޮށް ފައިސާ އޮއްސާލީ ވާރޭ ވެހޭ ފަދައިންނެވެ. އޭގެ ތެރޭގައި އަދީބުގެ ފައިސާ އިންތިހާއަށް އޮންނާނެއެވެ. ނަމަވެސް ސުވާލަކީ އަދީބު ކޮންތާކުން ކިހިނެއް ހޯދި ފައިސާއެއްތޯއެވެ.

އިންތިހާބާއި އެކު އަދީބުގެ މައްސަލަތައް ކޯޓުން ނިންމާ އަދީބު މިނިވަން ކުރިއެވެ. އަދި އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަވެސް ސަރުކާރުން ދިނެވެ. މިއީ އިއްތިފާގެއް ނޫނެވެ. ރޭވިގެން ހިންގި ބޮޑު "ޖަރީމާ"އެކެވެ.

ހިމޭނުން ހުންނެވުމަށްފަހު ފިލަން މަސައްކަތް ކުރުން:

ޝަރުއީ މަރުހަލާ ނިމި އަދީބުގެ އެއްކޮށް މިނިވަންވެވަޑައިގަތެވެ. އެންމެންވެސް ހީކޮށްގެން ތިބީ އަދީބުގެ އަޑު ފަނޑުވެގެން ދިޔައީ ކަމަށެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި ސިޔާސީ ޕާޓީގެ ކުރިމަގައިގެން މަޑުމަޑުން މަސައްކަތް ކުރައްވާނެ ކަމަށް ގިނަބަޔަކު ހީކޮށްގެން ތިއްބާ އެއް ދުވަހުގެ މެންދުރުގެ ވަގުތެއްގައި އިވިގެން ދިޔައީ ފަހުގެ ތާރީހެއްގައި އަނެއްކާވެސް އިވިފައި ނުވާވަރުގެ ވާހަކައެކެވެ. އެއީ ރާއްޖެ އައި ޓަގު ބޯޓަކުން އަދީބު ވަގަށް އިންޑިއާ އަށް އެތެރެވާން އުޅުނުކަމުގެ ވާހަކައެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުގައި އަދީބު އެ ބޯޓުގައި ދަތުރުކުރީ ފަޅުވެރިއަކަށް ވެގެނެވެ. ނަމަވެސް ސައްހަ މައުލޫމާތެއް ނުލިބެއެވެ. އަދީބު އިންޑިއާއަށް ކުއްލިއަކަށް ވަގަށް އެތެރެވާން ޖެހުނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ޕާސްޕޯޓު ސުޕްރީމް ކޯޓުގައި ހިފަހައްޓާފައި އޮތް ނަމަވެސް ސަރުކާރާއި ޑީލުތައް ހަދަމުންދިޔަ އަދީބު ފިލަން ޖެހުނު ސަބަބު އަދިވެސް ނޭނގެއެވެ. ހަމަގައިމުވެސް ކޮންމެ ކަމެއްގައިވެސް ސަބަބެއް އޮންނާނެއޭ ބުނާ ފަދައިން މިކަމުގައިވެސް ސަބަބެއް އޮންނާނެއެވެ.

ނަމަވެސް އަހްމަދު އަދީބުގެ ނަން މި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް އެކަނި ބަލާލި ނަމަވެސް ދިވެހި ތާރީހުގެ ފަތްފުއްތަކުގައި ލިޔެވިގެން ނުދާނެ ގޮތަކީ ނެތް ގޮތެކެވެ. ނަމަވެސް ނޭނގޭ އެއްޗަކީ އަދީބުގެ ނަން ލިޔާނީ ކޮން ގަލަމަކުން ކަމެވެ.