Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ސިލްވާ ސޭންޑުން ސާވިސް ޗާޖު ދިނުމުގައި ތަފާތު ކުރި މައްސަލަ ބަލަނީ

ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ސްކޫލް ހިންގާ ސިލްވާ ސޭންޑުން އެތަނުގެ މުވައްޒަފުންނަށް މިދިޔަ ޖޫން މަހު ސާވިސް ޗާޖު ދިނުމުގައި ބިދޭސީންނާއި ދިވެހިން ތަފާތު ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ ނިއުޝާ ވިދާޅުވީ ސިލްވާ ސޭންޑުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ބައްލަވަމުން ގެންދަވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މިދިޔަ ޖޫން މަހުގެ ޕޭ ސްލިޕުގައި އެތަނުގައި މަސައްްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގަ 380.92 ޑޮލަރު ދީފައިވާއިރު، ދިވެހި މުވައްޒަފަކަށް ހަމަ އެމަހު ދީފަ ވަނީ 111.10 ޑޮލަރެވެ.

ނިއުޝާ ވިދާޅުވީ މި މައްސަލާގައި ސިލްވާ ސޭންޑުގެ ބަހެއް މިނިސްޓްރީގެ ފަރާތުން ހޯދައި އެެކަން ހިނގާ ދިޔަ ގޮތް ބަލާނެކަމަށެވެ. އަދި ގޮތެއް ނިންމާނީ އެކަން އެެފަރާތާއި ވާހަކަ ދައްކައި ބެލުމަށްފަހު ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާ ވިދާޅުވީ ބައެއް ރިސޯޓުތަކުން މިނިސްޓްރީއަށް ސާވިސް ޗާޖު ދިނުމުގައި ތަފާތު ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން މިނިސްޓަރ ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ސާވިސް ޗާޛު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ މައްސަލައަކީ އެންމެ ގިނައިން ރިސޯޓު މުވައްޒަފުން ހުށަހަޅާ މައްސަލަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ބައްލަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.