Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އެމްއައިބީއިން 20،000 ހިއްސާ އައްޑޫ ކައުންސިލުން ގަނެފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ވިއްކަން ކަނޑައެޅި 31 ޕަސެންޓް ހިއްސާގެ ތެރެއިން 20،000 ހިއްސާ އައްޑޫ ސިޓީ ކައުންސިލުން ގަނެފިއެވެ.

އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން ހިއްސާ ބައްލަވައިގަތީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

އައްޑޫ ކައުންސިލުން ވަނީ ހިއްސާ ގަތުމަށް ރައްޔިތުންގެ ޓްރަސްޓު ފަންޑުން 700،000 ރުފިޔާ ހަރަދު ކުރައްވާފައެެވެ. އެއީ ހިއްސާއެއް 35 ރުފިޔާގެ ރޭޓުންނެވެ.

އިސްލާމިކް ބޭންކުން މިއަދު ވަނީ އައްޑޫގައި އެ ބޭންކުގެ ހިއްްސާ ވިއްކުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އިސްލާމިކް ބޭންކުން ކަނޑައަޅާފައި ވަނީ 6،975،000 ހިއްސާ ވިއްކުމަށެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 28 އިން ސެޕްޓެމްބަރު 31 އަށް ހިއްސާ ވިއްކުމަށް ވަނީ ނިންމާފައެެވެ.

ބޭންކުން ބުނީ ހިއްސާ ގަންނަން ބޭނުންވާ މީހުންނަށް އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. އެ އަދަދުގެ ހިއްސާ ގަތުމަށް ހޭދަވާނީ 700 ރުފިޔާ އެވެ. ހިއްސާގެ އަދަދު 20 އަށް ވުރެ އިތުރު ކުރެވޭނީ ފަހަރަކު 10 ހިއްސާގެ މަގުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބޭންކު އޮފް މޯލްޑިވްސްގެ ހިއްސާވެސް ގަނެފައެވެ. ކައުންސިލުން ބުނީ ބީއެމްއެލްގެ ހިއްސާއަށް ފައިދާ މިހާރު ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.