Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

"ޕޮލިސް މެމޯރިއަލް ޑޭ އޯޑަ" އަށް އަމަލު ކުރަން ފަށައިފި

އައްޑޫގައި އެސްއޯ ފުލުހުން ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

ޑިއުޓީ އަދާ ކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި ދުނިޔެ އާ ވަކިވެދާ، މޯލްޑިވްސް ޕޮލިސް ސަވިސްގެ މުވައްޒަފުންގެ ހަނދާން އާކޮށް އެ ފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީ އާއި ކޮށް ދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ މަޤުޞަދުގައި" ޕޮލިސް މެމޯރިއަލް ޑޭ އޯޑަ" ފާސްކޮށް އެ އަށް ޢަމަލު ކުރަން ފަށައިފި އެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފެށި "ޕޮލިސް މެމޯރިއަލް ޑޭ އޯޑަ" އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިއުޓީ އަދާ ކުރަމުން ދަނިކޮށް ނުވަތަށް އެޑިއުޓީ އަދާ ކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެ އާ ވަކިވެދާ މުވައްޒަފުންގެ ހަނދާނުގައި ފާހަގަ ކުރާ "ޕޮލިސް މެމޯރިއަލް ޑޭ” އާއި ގުޅުން ހުރި އެންމެހައި ކަންތައްތައް ބަޔާންކޮށްފައިވާ އޯޑަރެވެ.

އެގޮތުން މި އޯޑަރުގައި ޕޮލިސް މެމޯރިއަލް ޑޭ ގޮތުގައި ޖުލައި 23 ވަނަ ދުވަސް ހަމަޖައްސާފައިވާ އިރު ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން ހިންގާނޭ ހަރަކާތްތައް ކަނޑައަޅައި، ފާސްކޮށް ކުރިއަށް ގެންދާ ގޮތް ބެލުމަށްޓަކައި އެގްޒެކެޓިވް އޮފިސަރުން ހިމެނޭ ގޮތަށް އެކަމަށް ޚާއްޞަ ކޮމިޓީއެއް ޕޮލިސް އެގްޒެކެޓިވް ބޯޑުން އެކުލަވަލާއި މަސްއޫލިއްޔަތު އެކޮމިޓީ އާ ހަވާލު ކުރަން ޖެހެ އެވެ.

ޤައުމީ ފެންވަރުގައި ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމާއި އެގޮތުން މާލެއާއި ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގައި މި ދުވަސް ފާހަގަކުރަން ވާނެކަމަށް ބަޔާކޮށްފައިވާ އިރު ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޤައުމީ ދިދަ އާއި ފުލުހުންގެ ދިދަ ބައިި ދަނޑި އަށް ތިރި ކުރުމާއި ނިޔާވެފައިވާ ފަރާތްތަކުގެ ހަނދާން އައު ކުރުމުގެ ގޮތުން ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައުމާއި ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުމާއި ދުވަހުގެ ރަސްމީ ޖަލްސާއެއް ބޭއްވުން ކަންކަން މައިގަނޑު ހަރަކާތްތަކެއް ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ވެސް ކޮންމެ އަހަރައްގެ ޕޮލިސް މެމޯރިއަލް ދުވަހުގެ ރަސްމިއްޔާތުތަކުގެ ތެރޭގައި ފާއިތުވި އަހަރު ފުލުހުންގެ ޑިއުޓީ އަދާކުރުމުގެ ތެރޭގައި ނިވާޔާ ފުލުހުންގެ ނަން މެމޯރިއަލް ވޯލް އަށް އެރުވުން ވެސް މި ދުވަހުގެ މައިގަނޑު ހަރަކާތެއްގެ ގޮތުން ކަނޑައަޅާފައިވެ އެވެ.

އަދި ޑިއުޓީގައި ހުއްޓައި ދުނިޔެއާ ވަކިވެދާ ފުލުހުންގެ ނަންތައް ލިޔެވޭގޮތަށް ޕޮލިސް މެމޯރިއަލް ވޯލް އެއް ހެދުމާއި މިދުނިޔެއާއި ވަކިވެދާ މުވައްޒަފުންގެ ޢާއިލާތަކަށް އެހީތެރިވެ ދިނުމަށާއި މެމޯރިއަލްޑޭ ގެ ހަރަކާތްތަކަށް ޚަރަދު ކުރުމަށް ޕޮލިސް މެމޯރިއަލް ފަންޑްގެ ނަމުގައި ފަންޑެއް މޯލްޑިވްސް ޕޮލިސް ސަވިސް އިން ހުޅުވަން ވާނެ ކަމަށް އޯޑަރުގައި ބަޔާންކޮށްފައިވެ އެވެ.

ޕޮލިސް މެމޯރިއަލް ފަންޑްގެ ނަމުގައި ޤާއިމްކުރާ ފަންޑަށް ފައިސާ ނުވަތަ ތަކެތި ޖަމާކުރުމުގެ ފުރުސަތު ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވާއިރު މި ފަންޑުން ކުރާނެ ޚަރަދުތަކާއި ޚަރަދުތައް ކުރާނޭ މިންވަރާއި ގޮތްތައް ނިންމާނީ މި އޯޑަރުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީންނެވެ.