Last Updated: April 25, 17:01
Thursday, April 25, 2024
ޚަބަރު

އަދީބު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފި

ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުން ޑީޕޯޓުކޮށްފައިވާ ކުރީގެ ނައިބް ރައީސް ރާއްޖެ ގެނެސް ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންގޮސްފިއެވެ.

އަދީބު ހައްޔަރުކޮށް ޖަލަށް ގެންގޮސްފައިވަނީ އޭނާ ރާއްޖެ ގެނެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ދޫކޮށްލުމުން އިތުރު ކޯޓު އަމުރެއް ނަގައިގެންނެވެ.

އަދީބު އަލުން ހައްޔަރުކޮށްފައިވަނީ އިތުރު ކޯޓު އަމުރަކާއި އެކު އޭނާ ދިރިއުޅުއްވަމުންދާ ގ. ހުމަށި ގައި ހުންނަވަނިކޮށެވެ.

ސްޕްރީމް ކޯޓުން އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅުނު މައްސަލާގައި އަދީބު ހައްޔަރުކޮށް ރާއްޖެ ގެނެސް ފުރަތަމަ ފުލުހުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށް އެދިފައެވެ. ނަމަވެސް އިޖުރާއު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި އަދީބު ދޫކޮށްލިއެވެ.

އަދީބު އިންޑިއާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ރޭ ކްރިމިނަލް ކޯޓުގައި ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ބޮޑެތި އެހެން މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ އަދީބު ރާއްޖެއިން ފިއްލަވާފައިވަނީ އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރުމަށް ރިސޯޓަކަށް ދިއުމަށްފަހު ޓަގު ބޯޓެއްގައެވެ. އަދީބު އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުން އޭނާ ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އަދީބު އިންޑިއާއިން ޑީޕޯޓުކޮށްލާފައިވަނީ އެގައުމުގެ ހިމާޔަތަށް އެދިފައިވަނިކޮށް ހިމާޔަތް ނުދީއެވެ.