Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ގަމުން ހުވަދޫއަށް ޝެޑިއުލް ދަތުރު ފެށުމަށް މޯލްޑިވިއަންއިން ދިރާސާ ކުރަނީ

އައްޑޫ އާއި ހުވަދޫ އާއި ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ދިރާސާ ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫގެ ވިޔަފާރިވެރިންނާއި އެކު ހަފްތާ ބަންދުގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ ގަމާއި ހުވަދޫ އާއި ދެމެދު ދަތުރު ފެށުމަށް ދިރާސާ ކުރުމަށް މޯލްޑިވިއަން އާއި ހަވާލުކޮށްފައިވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ މޯލްޑިވިއަންގެ ދިރާސާ ރިޕޯޓު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ލިބޭނެކަމަށެވެ.

އައްޑޫ އެއާޕޯޓުގެ ތަރައްޤީ އާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ ގަމާއި ހުވަދޫ އާއި ދެމެދު ކަނެކްޓިވިޓީ ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މޯލްޑިވިއަންގެ ދިރާސާއަށްފަހު ގަމާއި ހުވަދޫ އާއި ދެމެދު ސީޕްލޭން ނުވަތަ ޑޮމެސްޓިކު ދަތުރުތައް ފެށިގެންދާނެކަމަށެވެ.

މީގެ އިތުރުން ގަމާއި ހުވަދޫ އާއި ދެމެދު ހެލިކެޕްޓަރ ދަތުރުތައް ފެށުމަށް ވިސްނަމުންދާކަމަށްވެސް ފައްޔާޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްރީލަންކަންގެ ދަތުރުތައް ސ. ގަމަށް ކުރަމުން އަންނަ އިރު ހުވަދޫގެ ރިސޯޓުތަކަށް އަންނަން ބޭނުންވާ ފަތުރުވެރިންނަކަށް ފަސޭހައިން ހުވަދޫއަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވެއެވެ. މި މައްސަލަ މީގެ ކުރިން އެކި ފަހަރުމަތިން ސަރުކާރުގެ އެކި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅިފައިވެއެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދިފައި ނުވެއެވެ.