Last Updated: April 24, 23:11
Thursday, April 25, 2024
ރިޕޯޓް

ވެރިކަން ކުރަނީ ކާކު؟

ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސް ކަމުގެ ކުރެއްވީ ވާދަވެރި ރިޔާސީ ކެމްޕެއިނަކަށް ފަހު ރައްޔިތުންނަށް ފޮނި އުއްމީދުތަކެއް ދެއްވުމަށްފަހުއެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކޮށް ރައްޔިތުން ގާތު އެތައް ވައުދެއް ވުމަށްފަހުއެވެ. ވެރިކަމަށް އެއް އަހަރު ފުރެނީއެވެ. ހިންގުނު ބިޔަ ޕްރޮޖެކްޓެއް ކުރެވުނު މާ ބޮޑު މަސައްކަތެއް މިހާތަނަކަށް ފެންނާކަށް ނެތެވެ. އެންމެވެސް ދައްކަނީ ރައީސް ސާލިހުގެ ސަރުކާރުގެ ދުވެލި ފިނިހަކަ ދުވެލީގައި އުޅޭ ކަމުގެ ވާހަކައެވެ.

ކޮންމެއަކަސް ދައުލަތް ތިން ބަޔަކަށް ބެހިގެންދާއިރު ވެރިކަން ހިންގުމުގެ ބާރުގެ ދުވެލި ކިތަންމެ މަޑު ނަމަވެސް ގާނޫނު ހެދުމުގެ ބާރު އުޅެނީ ވަރަށް އަވަދެނެތިއެވެ. ހިންދަމާލާނެ އެއްވެސް ވަގުތެއް އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުންނަށް ނުވެއެވެ. ގެއަށް ވަޑައިގަތުމަށްފަހު އާއިލާއާ އެކުގައި ވަގުތު ހޭދަ ކޮށްލަންވެސް މެންބަރުންނަށް ވަގުތުކޮޅެއް މިހާރަކު ނުލިބެއެވެ. އެބޭފުޅުންގެ ޝެޑިއުލް އެހާމެ ބިޒީއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަސްމަގަކީ މިހާތަނަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި އެއްގޮތަށް އެކަމެއް ގެންދަވާނެ އަދި ގެންދާވެސް ބޭފުޅެއް ނޫނެވެ. ވެރިކަމަކީ ބޭނުންވާ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ އެދިލެއްވުމުގެ މަތިން ވެރިކަމަށްވެސް ވަޑައިގަތެވެ. މާފުށި ޖަލުގެ ސީ ބްލޮކުގައި މާ ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ބޭފުޅާ އުޅުއްވީ އިނގިރޭސިވިލާތުގެ ބްލޮކެއްގައެވެ. ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމާއި މެދު ނުވިސްނަވާ ކަމަށާއި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އަނެއްކާވެސް ފެނިގެން ދިޔައީ ރައްޔިތުންނަށްޓަކައި މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލައްވާ މަޖިލީހުގެ ރައީސް ކަމަށްވެސް ވަޑައިގެންނެވި މަންޒަރެވެ.

ރައީސް ސޯލިހުގެ ދެމަފިރިކަނބަލުން ސީޝެލްސްގައި، ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވަޑައިގަތުމުން މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު އުޅުއްވަނީ މުޅިންވެސް ދަތުރު ކުރެއްވުމުގައެވެ. ބައެއްފަހަރު އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ހަނީމޫން ހެއްދެވުމުގެ ގޮތުން ވޯލްޑް ޓްވަަރއެއްގެ އުޅުއްވާހެންވެސް ހީވެއެވެ. ގަސް އިންދެވުމާއި ބަގީޗާތަކުގެ ހުންނަ މާމެލާއި މެލިތަކަށް ނަން ދެއްވުމާއި މިފަދަ ކަންކަމުގައި ރައީސް ސާލިހު އެމަނިކުފާނުގެ ޒާތުގައި އުޅުއްވަނީ ވަރަށް ބިޒީކޮށެވެ. ދުނިޔޭގައި ކުރިއަރާފައިވާ އެހެން ގައުމުތަކާއި ކުރިއަރަމުންދާ އެހެން ގައުމުތައްވެސް އެބަހުއްޓެވެ. ނަމަވެސް މި ރައީސްހާ ތަފާތުކޮށް ވެރިކަން ކުރައްވާ ރައީސަކު ނެތެވެ.

އާބާދީގެ ގޮތުން ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ރައީސް ސާލިހަކީ ރައްޔިތުންގެ ވޯޓުން އެތައް އިރެއް ވަންދެން ކިއޫގައި ތިބެ ވޯޓުން ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ރައީސްގެ މަސައްކަތްޕުޅު ފެންނަނީ އެހާމެ ދޯދިޔާ ކޮށެވެ.

މުޅި ދައުލަތް ހިންގަނީ ނަޝީދު:

 

އަބަދުވެސް އިވެމުން ދަނީ އެއް ވާހަކައެވެ. މި ސަރުކާރުގެ ރައީސަކަށް މިވަގުތު ހުންނެވި ރައީސް ސާލިހަކީ ރަމްޒީ ބޭފުޅެއް ކަމެވެ. ހަގީގީ ލީޑަރަކީ އަދި ރައީސަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ކަން ހިނގަމުން ދަނީވެސް ހަމަ އެ ބީދައިންނެވެ. މުހައްމަދު ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމުން މަޖިލީހުގައި ނުކުރާކަ މަސައްކަތެއް ނެތެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމުގައިވިއަސް އެ އަމުރެއް ބާތިލް ކުރުމުގެ ކަންކަން ކުރައްވަނީ މަޖިލީހުގެ ތެރެއިންނެވެ. ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާއާ އުއްތަމަ ފަނޑިޔާރު ބައްދަލު ނުކުރައްވާ މަޖިލީހުގެ ރައީސާއި ކުރެއްވީ ކޮންމެވެސް ސަބަބެއް އޮންނާނެތާއެވެ. ހަމަ ގައިމުވެސް މަޖިލީހުގެ ރައީސަކީ ގައުމު ހިންގުމަށް ރައްޔިތުން ހަވާލު ކުރެއްވި ބޭފުޅާއެއް ނޫނެވެ.


ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރު ހިންގުމަށް ޖާގަ ދިނުމަށް މަޖިލިހުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ ބޮޑު ސުޕާ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ކަމަކީ ސަރުކާރަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭތީ އެކަން ފޫބެއްދުމެވެ.

މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ކޯޓަކުން މީހަކު ދޫކޮށްލުމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެންވެސް މަސައްކަތްތައް ކުރަނީ މަޖިލީހުންނެވެ. މަޖިލީހުން މަސައްކަތްތަކެއް ކުރެއެވެ. އެކަން ގަބޫލުކުރިއަސް ނުކުރިއަސް އެއީ ހަގީގަތެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅާއަކީ ކާކުތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރަމުން ގެންދާ ގޮތުން ސަރުކާރު ހިންގަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންތޯ ނުވަތަ ރައްޔިތުން މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުންތޯ އެބަ ސުވާލު އުފެދެއެވެ. ޖަވާބުގައި ކޮންމެ ބޭފުޅަކުވެސް ވިދާޅުވާނީ ދިވެހި ދައުލަތް ހިންގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.

ކިތަންމެ ސުޕަރ މެޖޯރިޓީއެއް ލިބުނު ކަމަށްވީ ނަމަވެސް މަސައްކަތްތަކާއި މެދު ހިތްހަމަ ޖެހިވަޑައި ނުގަންވާ މެންބަރުންވެސް ތިއްބަވާނެއެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައިވެސް މިކަމުގައި ހިތްހަމަ ނުޖެހުންތަކެއް އެބަ ހުއްޓެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ އެމްޑީޕީގެ މާލެ މެންބަރަކު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ދަނީ އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެކަން ފޫ ބެއްދުމަށް މަޖިލީހުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދަންނަވަންތޯ ވާހަކައެއް. ކޯޓުން އަދީބު ދޫކޮށްލީމަ އިލިޔާސް ލަބީބު މި ހުށަހަޅަނީ ކުއްލި މައްސަލައެއް. މިއީ ތަންފުކެއް ބޮޑުވަރު ކަންނޭނގެ. ހަމަ ގަބޫލު ކުރާ ކަމަށްވާ ނަމަ މި މައްސަލަ މަޖިލީހަށް ވައްދައިގެން ވެސް ނުވާނެ. ކޮންމެ ގޮތަކަށް ޝަރުއީ ދާއިރާ އޮތް ނަމަވެސް ޝަރުއީ ދާއިރާއަކުން ކުރާ އަމުރަކަށް ކުރާ ހުކުމަކަށް ފާޑުކިޔަން އަޅުގަނޑުމެން މިއީ ކޮންބައެއްތޯ. މާދަމާ ހެނދުނު ހޭލެވޭ ގޮތަކުން ބުނަންވީ ސުޕްރީމް ކޯޓު އުވާލަން ގަރާރެއް ހުށަހަޅަމޭ. ބަލަ އަޅުގަނޑަކީވެސް އެމްޑީޕީގެ މެންބަރެއް. އަދި ނުހުންނާނެ ގަރާރަކަށް ބަހުސް ކޮށްފައެއް. އެއީ ކީއްވެ. މަށަށް އެނގޭ އެ ގަރާރަކުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނުވާނެ ކަން،"

މެންބަރު ވިދާޅުވިއެވެ.

މިއީ ހުދު ސަރުކާރު މެންބަރުން މިކަން ދެކިލައްވާ ގޮތެވެ. މިވަރުން ނިންމާލައްވަނީއެއް ނޫނެވެ. ގާނޫނު އަސާސީގައާ ގާނޫނުތަކުގައި ބައެއް މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮތްއިރު މަޖިލީހުގެ ތެރެއިން އަނެއްކާ އިތުރު ކޮމެޓީއެއް މި މަސައްކަތް ކުރުމަށް އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ ރައީސް ވަނީ ފައްޓަވާފައެވެ. ދަންނަވަންތޯއެވެ. މި ކޮމެޓީގެ މުގައްރިރަކަށް ވާން ބޭނުންފުޅު ވަނީ މަޖިލީހުގެ ރައީސް ނަޝީދެވެ. މިކަން ކުރެވެން އަންނަނީ މަޖިލީހުގެ ގަވާއިދެއް އިސްލާހެއް ގެނެސްގެން ކަމަށްވާތީ އެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުންނެވެ. އެހެންކަމުން ސަރުކާރަށްވުރެ މަޖިލީހުގެ ރައީސް ބާރުގަދަކަން މިކަންކަމުން ދޭހަވެގެންދެއެވެ.

ކުރި އެއްވެސް ކަމެއްނެތް، އެކަމަކު ބަޖެޓެއް ނެތް:

 

ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރު މަޖިލީހުން ވަނީ 30 ބިލިއަންގެ ބަޖެޓެއް ފާސްކޮށްފައެވެ. ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބަޖެޓުގައި ހުރި މަސައްކަތްތައް ކޮންމެވެސް ވަރަކަށް ފެށުން ކަމަށެވެ. ނަމަވެސް ބައެއް މަސައްކަތްތައް ކުރުމަށް އެއް މިލިއަން ރުފިޔާ ޖަހާފައިވެސް ހުންނާނެ ކަމަށާއި އެ އަދަދުން އެއްވެސް މަސައްކަތެއް ފެއްޓޭ ވަރު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އެއް އަހަރު ވާން ގާތްވާއިރު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރެއްވީ ކޮން ކަމެއްތޯއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭރުގެ އެކި ކަރަކަރައަށް ވަޑައިގެން ނެއްޓުވީތޯއެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން ވަޑައިގަންނަވާ ދަތުރުތަކުން ރައްޔިތުންނަށް ލިބިގެން ދަނީ ކޮން އުފަލެއްތޯއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުން ފޫގަޅާލައިގެން ކުރާ މަސައްކަތުން ރައްޔިތުންނަށް ކުރަމުންދަނީ ކޮން އަސަރެއްތޯއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9:00އާ އެކު ފަށާ މަޖިލީހުން ގަރާރަކަށްފަހު ގަރާރެއް ފާސްކޮށްގެން ރައްޔިތުންނަށް އެކަމުން ލިބެނީ ކޮން ފައިދާއެއްތޯއެވެ.

ނަޝީދަކީ މަޖިލީހުގެ ރައީސެވެ. ނަމަވެސް ފެންނަމުން ދަނީ ރަށެއްގައި ގިޑިގެއް ޖެހިއަސް އެތަނަށް ދާންޖެހޭ ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާފައި ވަޑައިގަންނަވަނީ ނަޝީދެވެ. މިއަދު ނަޝީދު މިވަނީ ތިން ތާކިހަލުގެ ވެރިއަކަށް ވެފައެވެ. އެއީ ކުރީގެ ރައީސް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސެވެ. ދެން ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ ހަމަ ބޮލަކީތޯއެވެ.

ވެރިކަމަށް ރައްޔިތުން ރައީސް ސާލިހު ގެންނެވީ މަޖިލިސް ރައީސް ކަމަށް ނަޝީދު ގެންނަވާފައި ރައީސް ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ހަނީ މޫން ހެދުމަކަށް ނޫނެވެ. ބެސްޓް ފްރެންޑް ވުމުން ކިތަންމެ އިތުބާރެއް ކުރިނަމަވެސް ތި ހަވާލު ކުރެވެނީ ތިމާގެ ވިޔަފާރި ކުންފުންޏެއް ނުވަތަ ކަންމަތީ ފިހާރައެއް ހިންގާކަށް ނޫނެވެ. ތިމާއަށް ތި ހަވާލު ކުރެވެނީ އެތައް ރައްޔިތުންތަކެއްގެ ފޮނި އުއްމީދެވެ. އެތައް ކުޑަކުދިންގެ މުސްތަގުބަލެވެ.