Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދެނީ އައްޑޫގެ ކަރަންޓާއި މަގު ހެދުމަށް: ފައްޔާޒު

އައްޑޫގެ ކަރަންޓާއި މަގު ހެދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫއަށް ސަރުކާރުން ގެންނަން ނިންމަވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ.

ފައްޔާޒު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން 51 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ހިންގާނެކަމަށެވެ. އޭގެ ތެރޭގައި އައްޑޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމާއި އާ އިންޖީނު ގެނެސް އިންސްޓޯލު ކުރުން ހިމެނެއެވެ.

ސަރުކާރުން ނިންމާފައިވަނީ އައްޑޫގެ ކަރަންޓު ކެޕޭސިޓީ 25 މެގަވޮޓަށް ތަރައްޤީކުރުމަށެވެ.

ފައްޔާޒު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން ދެން އެންމެ ހާއްސަ އިސްކަމެއް ދޭން ނިންމާފައިވަނީ އައްޑޫގެ މަގު ހެދުމަށް ކަމަށެވެ.

"އަޅުގަނޑާއި ދިމާވި އުމުރުން ދުވަސްވީ ދެ ބޭފުޅަކުވެސް ދަންނަވައިފި، މަގުގެ ހާލަތު، އެއީ ރަނގަޅު ވާހަކައެއް މަގުގެ ހާލަތު ވަރަށް ދަށްކޮށް ހުރީ، އިރާދަ ކުރެއްވިއްޔާ އައްޑޫގެ މަގު ހެދުމަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށްދާނެ"

ފައްޔާޒު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތާއި އެކު ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އައްޑޫގެ ތަރައްޤީގެ މަޝްރޫއު ތައް ނުފެށި ލަސްވާތީ ރައްޔިތުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުންވީ ވައުދުތައް ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ޔަގީންކަން އޮތް ކަމަށެވެ.