Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސްގެ ބޭރުގެ އެކައުންޓަކަށް ފައިސާ ވަން ވާހަކަ ދޮގުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ އެކައުންޓަކަށް ފައިސާތަކެއް ވަދެފައިވާ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކެޓްރީ ހަސަން އިސްމާއިލާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެލޭޝިޔާގެ ބޭންކެއްގައި ރައީސްގެ އެއްވެސް އެކައުންޓެއް ހެދިފައިނުވާނެ ކަމަށާއި އެހެންކަމުން، ރައީސްގެ އެކައުންޓަކަށް ފައިސާ ވަނުމުގެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވިއެވެ.

އަޑު ފެތުރިފައިވަނީ ރައީސްގެ އެކައުންޓަކަށް ޖުލައި މަހު ތެރޭ 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމަށެވެ. އެއީ ގާތް ގަނޑަކަށް 70 މިލިއަން ރުފިޔާއެވެ. މިމައްސަލަ ބަލާދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ މައްސަލައެއް މިހާރު ހުށައެޅިފައެވެ.

މިމައްސަލަ ހުށައެޅި ފަރާތުން ވަނީ ރައީސްގެ އެކައުންޓަށް ވަންކަމަށް ބުނާ ފައިސާއާ ގުޅޭ ލިޔެކިޔުންތައް ވެސް އޭސީސީއަށް ހުށައަޅާފައި ކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މައްސަލަ ހުށައެޅުމުގެ ކުރިން ލިޔެކިޔުންތަކުގެ ސައްހަ ކަން ކަށަވަރުކުރި ކަމަށް އެމީހާ ބުނެއެވެ.

ރައީސް ސޯލިހަށް އެމްއެމްޕީއާރުސީ ކޮރަޕްޝަނުން 32 މިލިއަން ރުފިޔާ ލިބުނު ކަމަށް އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތައް އޭސީސީން ވަނީ މީގެ ކުރިން ބަލާފައެވެ. ނަމަވެސް އެއީ ހަގީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށް ވަނީ ނިންމާފައެވެ.