Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ކޮންނަ ބޯޓު އަނެއްކާ ވެސް ފޭދޫ ބަނދަރަށް!

ސ. ގަމުގެ އެއާޕޯޓް ތަރައްޤީ ކުރުމަށް ބިން ހިއްކުމަށް ދުބާއީގެ ގަލްފް ކޮބްލާ ކުންފުނިން ގެނައި ކޮންނަ ބޯޓު ގަމާއި ފޭދޫ އާ ދޭތެރެ އަށް ވެއްދުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށް ނާކާމިޔާބްވެގެން ބޯޓު ގެނެސް ފޭދޫ ބަނދަރަށް އަނެއްކާ ވެސް ވައްދައިފި އެވެ.

ގަމުގެ އެއާޕޯޓް މަޝްރޫއު މި މަހުގެ 9 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރަސްމީ ކޮށް ފައްޓަވައި ދެއްވީ ވެސް ގަމުގެ ވީއައިޕީ ބަނދަރާއި ދިމާލު ބޭރުގައި ބާއްވައިގެންނެވެ. އަދި ވިލިގިލި އާއި ގަމާއި ދެމެދުން ބޯޓަށް ވަދެވޭ ވަރުގެ ޗެނަލް އެއް ކޮނުމުގެ ހުއްދަ އީޕީއޭ އިން ދިން ނަމަވެސް އެ ސަރަހައްދުން ވެސް ބޯޓަށް ވަދެވޭ ގޮތް ވަނީ ނުވެފަ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ ޝާހިދް އަލީ (ޝާޑް) ވިދާޅުވީ ބިން ހިއްކާ ގަލްފު ކޮބްލާ އިން ވެސް އެ ސަރަހައްދު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގެ ފަރު ނުގޮއްވައި ބޯޓަށް އެ ސަރަހައްދަށް ވަދެވޭނެ ހުރިހާ ގޮތެއް ބަލާނެ ކަމަށެވެ.