Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އެޕްސްޓީން ވަނީ އަޅާލުމެއް ނެތި އެތައް އިރެއްވަންދެން ދޫކޮށްލާފައި

މިދިޔަ ހަފްތާ ތެރޭ އެމެރިކާ ޖަލެއްގައި އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީން އޭނާގެ ފަހު ދުވަސްތައް ޖަލުގައި ހޭދަކޮށްފައިވަނީ ގިނަ އިރު ގާޑެއްގެ ބެލުމެއް ވެސް ނެތި މުޅިން އެކަނި ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވެސް ވަނީ އެޕްސްޓީންގެ ކުއްލި މަރާ ގުޅިގެން ކަންބޮޑުވާ ކަންތައްތަަކެއް ފާހަގަކޮށްފައެވެ. އެގޮތުން ގޮޅީގައި އެކަނި ހުރުމާއި ގާޑުންގެ މާބޮޑު އަޅާލުމެއް ނުލިބި ހުރުން އޭޖީ ފާހަގަކޮށްފައިވެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އެޕްސްޓީން ޖަލަށް ލާފައިވަނީ އުމުރު ހަމަނުވާ އަންހެން ކުދިން ގެންގުޅެ އެކުދިންގެ ފަރާތުން ޖިންސީ މަންފާތައް ހޯދިކަމުގެ ތުހުމަތުގައެވެ. ފެޑްރަލް ޖަލެއްގައި އެޕްސްޓީން ބަންދުކޮށްފައިވާއިރު އޭނާގެ ޝަރީއަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކުއްލި ގޮތަކަށް އޭނާ ޖަލު ގޮޅީގައި ދަންޖެހިގެން މަރުވެފައިވާއިރު އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވެފައިވަނީ މިމައްސަލަ ބެލުން ހުއްޓާނުލާނެ ކަމަށެވެ. އަދި އޭނާއަށް އަންހެން ކުދިން އެތެރެކޮށް ވިއްކި ބަޔަކު ވެސް ހޯދާނެ ކަމަށާއި މިމައްސަލަ އެންމެ ފުން މިނަށް ބަލާނެ ކަމަށެވެ.

ހޯމަ ދުވަހު އެފްބީއައި ގެ ޓީމެއް ވަނީ އެޕްސްޓީންގެ މެންޝަނަކަށް ވަދެ އިތުރު ހެކިތައް ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ޖުލައި 23 ވަނަ ދުވަހު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ޖަލުން ވަނީ އެޕްސްޓީން ކުރާ ނުކުރާ ކަންތައް އަވަދުވެސް ބަލަމުންނެވެ. ނަމަވެސް ދެ ހަފްތާ ފަހުން ވަނީ ސުއިސައިޑް ވޮޗް އިން ދޫކޮށްލާފައެވެ. އޭނާ މަރުވެފައިވަނީ ގިނަ އިރު ގާޑެއް ވެސް ނެތި އެކަނި ބަހައްޓާފައިިވަނިކޮށެވެ.

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕްސްޓީން ބަލަހައްޓަމުން ދިޔަ ދެ ގާޑުންގެ ތެރެއިން އެކަކީ ޕާޓް ޓައިމް ގާޑެއް ކަމަށެވެ. ފެޑްރަލް ރިމާންޑު ޖަލުތަކުގައި މިއީ ވަރަށް އާންމު ކަމެއް ކަމަށާއި މުވައްޒަފުން މަދުވެގެން އާދައިގެ މުވައްޒަފުން ވެސް ގާޑުންގެ ޕޯސްޓަށް އެފަދަ ޖަލުތަކުގައި ލާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.