ހުޅުމީދޫގައި މި މަހުގެ 23 ވަނަ ދުވަހު ހުޅުވި ލޯ ކޮލެޖްގައި ކިޔެވުމަށް ބައިވެރިވި ފުރަތަމަ އަތޮޅުން ބޭރުގެ ދަރިވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮލެޖްގައި ކިޔަވަން އައި އަތޮޅުން ބޭރު ކުއްޖަކީ ފ. އަތޮޅު ދަރަނބޫދޫ، ރޯޝަނީގެ އަލީ އިސްމާއިލްއެވެ.
ލޯ ކޮލެޖްގެ އޮފިޝަލަކު ވިދާޅުވީ އަލީ އިސްމާއިލަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަށުގެ ބައެއް ރައްޔިތުންނާއި ކޮލެޖްގެ އިސްވެރިން މީދޫ ބަނދަރު ސަރަހައްދަށް ދިޔަ ކަމަށެވެ.
އަލީ އިސްމާއިލްގެ ހުރުމުގެ ކަންތައް ހަމަޖައްސައިދެނީ މީދޫގެ ޒުވާނެކެވެ. އެގޮތުން އޭނާ ބަހައްޓާފައިވަނީ ހިލޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހުޅުމީދޫގައި ލޯ ކޮލެޖް ހުލުވުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކުން ކޮލެޖަށް ކިޔަވަން އަންނަ ކުދިންނަށް ހުޅުމީދޫ ރައްޔިތުން ތިބީ ހޫނު މަރުހަބާއެއް ކިޔާ ގޮތަށެވެ. މިހާތަނަށް ކޮލެޖްގައި ކިޔެވުމަށް ފ އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑޫގެ ބައެއް ރަށްތަކުން ބައިވެރިވެފައިވެއެވެ.
މީދޫ އަކީ ރާއްޖޭގެ ތަރީހުގައި ވެސް ތައުލީމީ ގޮތުން ފާހަނގަ ކޮށްލެވޭ ރަށެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމް ހާސިލް ކުރުމަށް މީދޫއަށް އައިސްފައިވާ ކަން ތާރީހު ތަކުން ފެންނަން އެބަހުއްޓެވެ. މަޝްހޫރު ހުސެއިން ސަލާހުއްދީނާއި ބޮޑުފެންވަޅުގޭ ސީދީ މެން ފަދަ ބޭފުޅުން މަތީ ތައުލީމު އުގެނިފައިވަނީ މީދޫ ފަސްގަޑުގައެވެ. އަދި އެދުވަސްވަރުވެސް އެބޭބޭފުޅުންނަށް މީދޫން ކިޔާފައިވަނީ ހޫނު މަރުހަބާއަކާއި ފުރިހަމަ މެހުމާންދާރީއެކެވެ.