Last Updated: April 25, 09:17
Thursday, April 25, 2024
ދުނިޔެ

ޖޯނަތަން ޑިކް ހައްޔަރުކޮށްފި

އަމިއްލަ ބޭބެ ޑޭވިޑް ޑިކް މަރާލުމަށް ފަހު ފިލައިގެން އުޅުނު ޖޯނަތަން ޑިކް އެންމެ ފަހުން ހައްޔަރު ކުރެވިއްޖެއެވެ. އޭނާ ހައްޔަރު ކުރެވުނީ މަގު މަތީގައި އޭނާ އާއި އަދިވެސް ދެ މީހަކުވެގެން ހިންގި ތަޅާ ފޮޅުންގަނޑެއްގެ ތެރެއިންނެވެ.

ޖޯނަތަން އޭނާގެ ބޭބެ މަރާލީ 2017 ވަނަ އަހަރު، މެލްބަންގެ ބޮޑު ޝޮޕިންގ ސެންޓަރެއްކަމަށްވާ ވެސްޓްފީލްޑް ޑޮންކަސްޓަރގައި ކަނޑިއެއް ބޭނުންކޮށްގެންނެވެ. މި ހާދިސާ ހިނގީ ޑޭވިޑް ޑިކް ލިފްޓުން ފޭބި ގަޑީގައެވެ. އޭނާ ހޯދުމަށް އަމުރެއް ނެރުނީ ސީސީ ޓީވީ ބޭނުންކޮށްގެން އޭނާ ކަން ކަށަވަރު ކުރެވުމުންނެވެ.

އޮސްޓްރޭލިއާގެ އެންމެ ނުރައްކާތެރި 10 ކުށްވެރިންގެ ތެރޭގައި ހިމެނޭ ޖޯނަތަން އެކި ފަހަރު މަތިން ފެނިފައިވާ ކަމުގެ ރިޕޯޓުތައް ލިބުނު ނަމަވެސް މިއަދާއި ހަމައަށް އޭނާ ވަނީ ފުލުހުންނަށް ފިލުމުގައި ކާމިޔާބު ވެފައެވެ. އަދި ފުލުހުން ވަނީ އޭނާ ފެނުނު ނަމަވެސް އޭނާ އާއި މުއާމަލާތު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާގެ "މޯސްޓް ވޮންޓެޑް" ލިސްޓުގައި ހިމެނޭ ޖޯނަތަން ޑިކް ހައްޔަރުކުރެވޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 100،000 އޮސްޓްރޭލިއާ ޑޮލަރު ދޭން މިދިޔަ އަހަރު އެޤައުމުގެ ފުލުހުން ވަނީ ހުށައަޅާފައެވެ. ފުލުހުން އޭނާ ހޯދަމުން އަންނަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ.