Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހިމާޔަތް ހޯއްދެވި ލީޑަރުންނާ ގުޅޭ އިސްލާހު ބާތިލުކުރަނީ

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު އިދިކޮޅު އިސް ސަފުގައި ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ލީޑަރުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ފާސްކުރި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބާތިލުކުރަން ސަރުކާރުން ހުށައަޅައިފިއެވެ.

ސަރުކާރުން ހުށައެޅި އިސްލާހުގައި، ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދެވި ބޭފުޅަކަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނީ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ވުމުން ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖެއިން ބޭރުން ރަށްވެހިކަން ހޯދާ ދިވެހިންނަށް ވެސް އުސޫލު ކަނޑައެޅިފައިވަނީ، މިއިސްލާހުގެ ދަށުން ހަމަ މިގޮތަށެވެ.

އެމްޑީޕީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވޭނެ ގޮތަށް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން މިއިސްލާހު ފާސްކުރި ނަމަވެސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގިނިކަންޏާ ވާދަކޮށް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ.

ނަމަވެސް ރާއްޖޭގެ ގާނޫނާ އެއްގޮތަށް އެމަނިކުފާނަށް އޭރު ވާދަކުރެވޭނެ އެއްވެސް ގޮތެއް ނުވުމުން ނަޝީދު ވަނީ ރިޔާސީ ޓިކެޓު ދޫކުރައްވާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަދި ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ ގްރޫޕުން ނިންމެވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމުހޫރީ ޕާޓީން ރަނިންމޭޓެއް ނެރުމަށެވެ.

އެމްޑީޕީން ފާސްކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަންފުޅެވެ. ޖޭޕީން ޕްރައިމަރީއެއް ބާއްވައި ކާމިޔާބުކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.