Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ގޮނޑުދޮށުން ވެލި ނެގުމުން 6 އަހަރަށް ޖަލަށް!

ގޮޑުދޮށުން ދޮންވެލި ނެގި ދެމަފިރިއަކަށް 6 އަހަރުގެ ޖަލު ހުކުމަކާއި ކުރިމަތިލުމުގެ ބިރު އުފެދިއްޖެއެވެ.

ޖަލުގެ ބިރުވެރިކަން ކުރިމަތިވެފައިވަނީ އިޓަލީގެ ސަރޑީނިއާގެ ގޮނޑުދޮށުން ވެލި ނެގި ފްރާންސްގެ ދެމަފިރިއަކަށެވެ.

އިޓަލީގެ ގޮނޑުދޮށުން ވެލި ނެގުން ވަނީ ޤާނޫނީ ގޮތުން މަނާކުރެވިފައެވެ. އަދި މިސަރަހައްދުތަކުން ވެލި ނަގާ މީހުންނަށް އޮންނަ އަދަބަކީ ޖުރުމަނާ ކުރުން އަދި ބައެއް ޙާލަތްތަކުގައި ޖަލު ހުކުމެކެވެ. ސަރޑީނިއާއަށް ޗުއްޓީއަކަށް ގޮސް ތިބި މި ދެމަފިރިން ބުނާ ގޮތުގައި އެމީހުން ވެލި ނެގީ އަނބުރާ ދާއިރު ހަނދާނެއްގެ ގޮތުން ގެންދިޔުމަށެވެ. އަދި ވެލި ނެގުމަކީ ޤާނޫނީ ކުށެއް ކަމެއް އެމީހުންނަށް ނޭނގޭ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ނަމަވެސް މިމީހުންގެ އަތުން ފުލުހުން ވަނީ 14 ފުޅި ވެލި އަތުލައިގެންފައެވެ. މިއީ ގާތް ގަނޑަކަށް 40 ކިލޯގެ ވެއްޔެވެ. މި މީހުން ހައްޔަރުކުރެވުނީ ފްރާންސަށްދާ ފެރީއަށް އަރަން ކިއުގައި ތިބި ކާރުތައް ޗެކްކުރުމުގެ ތެރެއިންނެވެ.

މިދެމަފިރިންނަށް ވެލި ނެގުން މަނާކަން ނޭނގޭކަމުގައި ބުނި ނަމަވެސް، އިޓަލީގެ ފުލުހުން ބުނާ ގޮތުގައި އެސަރަހައްދުތަކުގައި އެކި ޤައުމުގެ ބަސްބަހުން ވެލި ނެގުން މަނާކަން އަންގައިދޭ ބޯޑުތައް ހަރުކޮށްފައި ހުރެއެވެ. މިކުށުގެ އަދަބެއްގެ ގޮތުން މި ދެމަފިރިން މިހާރު ކުރިމަތި ލާންޖެހިފައިވަނީ 3،300 ޔޫއެސް ޑޮލަރުގެ ޖުރުމަނާއަކާއި 1 އަހަރާއި 6 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

ރާއްޖެއަކީވެސް އިޓަލީ ވިލާތު ފަދައިން ގޮނޑުދޮށާއި މޫދުގެ ސަރަހައްދުތަކުން ވެލި ނެގުން މަނާ ސަރަހައްދެކެވެ. ނަމަވެސް ރާއްޖޭގައި މިކަން އަދިވެސް ވަނީ ވަރަށް އާންމުކަމަކަށްވެފައެވެ.