ޗަމްޕާ ހުސެން އަފީފްގެ 30 އިން ސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލަން ނިންމާފައިވާ ސ. ހެރަތެރަ ރިސޯޓް ހެދުމަށް ބެންކް އޮފް މޯލްޑިވްސްއިން އެމްޓީޑީސީން ނެގި ލޯނަށް ގަވާއިދުން ފައިސާ ނުދައްކަައިގެން ފަހުގެ ނޯޓިސް ފޮނުވައިފި އެވެ.
ހެރަތެރަ ހެދުމަށް ބީއެމްއެލް އިން ނެގި 25 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ބާކީ ނުދެއްކި 17.5 މިލިއަަން ޑޮލަރުއެބައޮތެވެ. ހެރަތެރަ އިން ކޮންމެ މަހަކު ބެންކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 60 ދުވަހުގެ ފައިސާ ނުދެއްކުމުގެ ސަބަބުން ބޭންކުން މިމަހު ކުރީ ކޮޅު ހެރެތެރެއަށް ފޮނުވި ސިޓީގައި ހަތްލައްކަ ޑޮލަރު ދެއްކުމަށް ވަނީ އަންގާފައެވެ.
ހެރަތެރަ ނުހިންގި އެމްޓީޑީސީއަށް ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހުމާއި ގުޅިގެން އެކުންފުނިން ވަނީ ހެރެތެރެ ވިއްކާލަން ނިންމާފައެވެ. އަދި ހެރަތެރަ އައިލެންޑް ރިސޯޓްގެ ހެޑްލީސް އެގްރިމެންޓް ޗަމްޕާގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެމްޓީޑީސީ އިން ޓޫރިޒަމް މިނިސްޓްރީގައި ވަނީ އެދިފައެވެ.
އެމްޓީޑީސީން ބުނީ ކުންފުނި ވިއްކާލުމަށް ފަހު ދަރަނި ހަލާސްކުރުމަށް ވިސްނާފައިވާ ކަމަށެވެ. އަދި ލޯނު ނުދެއްކި ލަސްވެއްޖެ ނަމަ ބޭންކުން ހެރަތެރަ ވިއްކާލާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
އައްޑޫ އާއި ދެކުނުގެ ޓޫރިޒަމް ކުރިއެރުވުމަށް ކަމަށް ބުނެ އުފެއްދި އެމްޓީޑީސީން އާއްމުންގެ އެތައް ހިއްސާއެއްްވާ އިރު އަދި މިހާތަނަށް ހިއްސާދާރަކަށް އެއްޗެއް ލިބޭވަރު ވަނީ ނުވެފަ އެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް ކުންފުނީގެ ދަރަނި އަންނަނީ މަތި ވަމުންނެވެ.