Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އިދިކޮޅު މެމްބަރުންނާއި މެދު ނަޝީދު ކަންކުރައްވަނީ ދީލަތިކޮށް: އާދަމް ޝަރީފު

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުންނާއި މެދު މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވަނީ ވަރަށް ދީލަތިކޮށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މަޖްލިސްގެ ރައީސް، މަޖްލިސްގައި ތިއްބެވި އިދިކޮޅު މެމްބަރުންގެ އަޑު އިއްވަން ފުރުސަތު ދެއްވާ ކަމަށާއި އެކަމުގައި އެމަނިކުފާން ވަރަށް ދީލަތި ކަމަށެވެ.

”ހަގީގަތުގައި މަޖިލިސްގެ ރައީސް، އިދިކޮޅު ފަރާތްތަކަށް ހަމަ ވަރަށް ދީލަތި ކަމާއެކީގައި އެކަން އެބަ ކުރައްވާ. އަޅުގަނޑުމެންގެވެސް ފިކުރާ އެކީގައި، މިހާރު އިދިކޮޅު ފަރާތްތަކަށްވެސް، ކޮންމެ މެންބަރަކަށް ލިބިފައި އޮތް ވަގުތުވެސް އިތުރުވެފައި އެބައޮތް"

ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މަޖްލިސްގައި ސަރުކާރު މެމްބަރުންނާއި އެއްގޮތަށް އިދިކޮޅު މެމްބަރުން އަދި މިނިވަން މެމްބަރުންނަށްވެސް ވަގުތު ދެއްވާ ކަމަށެވެ. އަދި ފުރުސަތު ދެއްވުމުގައި ސަރުކާރު މެމްބަރުންނަށް އެކަނި ފުރުސަތު ދެއްވުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވޭނެ ގޮތް ހައްދަވަމުން ގެންދަވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ މިކަން މިހެން ހުރި ނަމަވެސް މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު މާބޮޑަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މަޖްލިސް މިހާރު ހިންގާ ގޮތާއި މެދު ހިތް ހަމަޖެހޭކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.