Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މެމްބަރުންނަށް ކޮއްތު ނުދޭން ފެންނަނަމަ ބަދަލުކުރެވިދާނެ

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދުވާލު ކޮއްތުގެ ގޮތުގައި ކޮންމެ ދުވަހަކު ކުރާ ޚަރަދު ބޮޑު ކަމަށް މެމްބަރުންނަށް، ނުވަަތަ ދިވެހި ރައްޔިތުންނަށް ފެންނަ ނަމަ އެކަން ބަދަލުކުރެވިދާނެ ކަމަށް މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތަކު މަޖިލީހުގެ މެމްބަރުންނަށް ދުވާލެއްގެ މައްޗަށް ކޮއްތަށް ކުރާ ޚަރަދު އޮޅުންފިލުވުމަށް ފޮނުވި ސިޓީއަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދުވާލަކު ކޮންމެ މެމްބަރަކަށް ހެނދުނު ސަޔާއި މެންދުރު ކެއުމުގެ ޚަރަދަށް 159ރ. ޚަރަދުވާ ކަމަށެވެ. އެއީ، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 14،000ރ. އަދި ކޮންމެ ހަފްތާއަކު ގާތްގަނޑަކަށް 41،000ރ. އެވެ.

އެ ޚަރަދު ބޮޑުވެ މައްސަލައަކަށް ވެއްޖެނަމަ، ރައީސް ނަޝީދު ވަނީ އެކަން ބަދަލުކޮށް އެ ޚަރަދު ކަނޑާލުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންނާއި ރައީސް، އެކުގައި ސައިބެއްލެވުމަކީ ވަރަށް ކުރިންވެސް ކުރަމުން އައި ކަމެއް ކަމަށާއި، މަޖިލީހުގެ ރައީސް ކަމުގައި އިބްރާހިމް ޝިހާބު އިންނެވިއިރު ވެސް އެ ސަގާފަތް އޮތް ކަމަށް ފޮޓޯތަކުން ފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލިސް އިދާރާތެރެއިން ކެއިން ބެއްލެވުމަށް ކެންޓީނެއް ހަދައި، އެތަނުން ފައިސާ ދެއްކުމަށް ފަހު ކެއުމުގެ ކަންކަން ކުރިއަށް ގެންދެވޭ ގޮތަށް ބަދަލު ގެނައުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރަމުންނެވެ.