Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

ހެކިބަސް ދެނީ އަދަބެއް ލިބުނަސް މައްސަލައެއް ނެތް ކަމަށް ދެކިގެން: އަދީބު

ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް. ދެ ބޭފުޅުންނަކީ ވަރަށް އަރިސް ދެ ބޭފުޅުން، ފޮޓޯ: ވީނިއުސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ޝަރީއަތުގައި ހެކިބަސް ދެނީ، އެ ހެކިބަހުގެ ސަބަބުން އިތުރު ދައުވާއުފުލައި އަދަބު ދިނަސް މައްސަލައެއް ނެތް ކަމަށް ދެކިގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު ވަނީ ރައީސް ޔާމީނާ ދެކޮޅަށް އުފުލިފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައެޅުމުން މިއަދު ކޯޓަށް ވަޑައިގެން ހެކިބަސް ދީފައެވެ. ހެކިބަހުގައި ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމިން ދެއްކެވި ވާހަކަ އަދީބު ވަނީ ދޮގުކޮށްފައެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރަކީ، ޕާޓީ ކަންކަމުގައި އަދި ކެމްޕޭން ކަންކަމުގައި ބޭނުން ކުރުމަށް ޖަމާކޮށްފައިވާ ފައިސާ ނޫން ކަމަށާއި، ކެމްޕޭނު ފައިސާއެއް ޖަމާ ކުރުމަށް ޔާމީން އެދިފައިވެސް ނުވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ދައުލަތަށް ލިބެން ޖެހޭ އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅޭގޮތުން ވަރަށް ގިނައިން ގުޅުއްވާފައިވާ ކަމަށާއި ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީން ޖަމާކޮށްދިނުމަށް އެދިގެން، އެމްއެމްޕީއާރްސީ ފައިސާއިން އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުކަން އެނގޭ ކަމަށް ތަކުރާރުކޮށް އަދީބު ވަނީ ހެކިބަސް ދެއްވާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އަދީބު މަގާމުގައި ހުރިއިރު ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ބުނި ނަމަވެސް އެނގިހުރެ ކުށެއް ކުރިކަމަށް އެއްބަސްވާތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި އަދީބު ވަނީ ކުށް ކުރިކަމަށް އެއްބަސްވާ ކަމަށާއި، ދައުލަތުގެ ފައިސާއިން، ދިވެހި ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވުމުގައި ބައިވެރިވި ކަމަށް އަނެއްކާވެސް އިއުތިރާފްވެވަޑައިގެންފައެވެ.

ނަމަވެސް އަދީބު ވަނީ ގާނޫނާއި ޚިލާފަށް ވެސް އަމަލުކުރީ ސީދާ ރައީސް ޔާމީން އަންގަވައިގެން އެމަނިކުފާނުގެ އޯޑަރަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ޝަރީއަތުގެ މަޖިލީހުގައި ޔާމީން ވަނީ އެތުހުމަތުތަށް ދޮގުކުރައްވާފައެވެ.

ކުރެއްވި ސުވާލަކާ ގުޅިގެން އަދީބު ވަނީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ ޖަމާކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިނުވާތޯ ސީދާ ޔާމީނާ ސުވާލުކޮށްފައެވެ. ޝަރީއަތުގެ މަޖިލީހުގައި ޔާމީން، އެ ފައިސާ ޖަމާކޮށްދޭން އެދިފައިނުވާނެ ކަމަށް ވިދާޅުވުމުން އަދީބު ވަނީ ތިހެއްދެވީ އިތުރުފުޅެއް ކަމަށް ވިދާޅުވެފައެވެ.

އަދީބު ވަނީ ރައީސް ޔާމީން އިންނެވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ފަހުން ވެސް ހަސަތޭކަ ޕަސެންޓު އިތުބާރު އޭނާއަށް ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި އެ ހާދިސާގެ ފަހުން ވެސް އެމްއެމްޕީއާރްސީ ފައިސާ އާ ގުޅޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ސާފު ކުރެއްވި ކަމަށް ވިދާޅުވެފައެވެ.