Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ތަރައްޤީ ކުރާ ފަސް ސަރަހައްްދުގެ ތެރޭ ސ. ހިތަދޫ!

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

މާލެ ސަރަހައްދު ތަރައްޤީ ކުރުމުގެ ބަދަލުގައި ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ އިރު އެ ސަރަހައްދުގެ ތެރޭގައި ސ. ހިތަދޫ ހިމެނޭކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ހުރަވީ ސްކޫލްގައި އެމްޑީީޕީން ފެށި ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ ފަސް ސަރަހައްދަކީ ސ. ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން އަދި ގދ. ތިނަދޫކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މި ފަސް ސަރަހައްދު ބަލާފައިވަނީ އެސަރަހައްދުތަކޔގެ އާބާދީ އާއި އިގްތިސާދީ ހަރަކާތްތަކަށް ބަލައިގެން ކަމަށެވެ.

މީގެ އިތުރުން މި ރަށްތަކާއި 20 މޭލުގެ ސަރަހައްދުގައި ހިމެނޭ ރަށްތައް ސަޕް ރީޖަންގެ ގޮތުގައި ތަރައްޤީ ކުރުމަށް ވިސްނަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" ގެ ނަމުގައި ކުރިއަށްއޮތް 20 އަހަރަށް އަމާޒުކޮށްގެން ރާއްޖޭގެ ތަރައްޤީގެ ޕްލޭން އެކުލަވަމުން އަންނަ އިރު މި ޕްލޭން ފައިނަލް ކުރުމަށް ނިންމާފައިވަނީ ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ތަރައްޤީ ކުރާ ފަސް ސަރަހައްދާއި ކައިރީގައިވާ ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ވަރުގަދަ ދަތުރުފަތުރުގެ ނިޒާމަކުން ކަމަށެވެ.