Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

2044 ވަނަ އަހަރު މުޅި ރާއްޖޭގެ އާބާދީއަށް ވުރެ މާލޭގެ އާބާދީ އިތުރުވާނެ: އަސްލަމް

މިނިސްޓަރ އަސްލަމް، ފޮޓޯ: އަވަސް

2044 ވަނަ އަހަރަށް ދާއިރު މުޅި ރާއްޖޭގެ އާބާދީއަށް ވުރެ މާލޭގެ އާބާދީ އިތުރުވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އިއްޔެ ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކައުންސިލަރުންގެ ކޮންފަރެންސެއްގައެވެ.

ރާއްޖޭގެ އާބާދީގެ ހަތަރު ބައި ކުޅަ އެއް ބައި މީހުން މިހާރުވެސް ދިރިއުޅެމުން ދަނީ މާލޭގައެވެ. މިކަމުގެ ސަބަބުން މިހާރުވެސް ތޮއް ޖެހުމާއި، ސާފުތާހިރު ކަމާއި ބަލިމަޑުކަން ފެތުރުން އަވަސްވުމުގެ މައްސަލަތަކާއި މާލޭގައި ދިރިއުޅޭ ރައްޔިތުން ދަނީ ކުރިމަތި ލަމުންނެވެ. އެގޮތުން އަސްލަމް ވިދާޅުވީ އާބާދީ މިގޮތަށް ބަދަލު ވުމުން، އެއާއެކު މާލެ އާއި އަތޮޅުތެރޭ ރަށްތަކަށް ބައިވަރު މައްސަލަތައް ދިމާވާނެ ކަމަށެވެ.

"މިގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ކުރިއަށް ގެންދެވޭކަށެއް. މާލެ ތޮއްޖެހުމާއި އަތޮޅުތެރޭ ރަށްތަކަށް ހިދުމަތް ލިބުން މަދުވެގެން ދިއުމާއި އެތަނުގައި މީހުން ނުތިބުމާ އެކަހަލަ ބައިވަރު މައްސަލަތައް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދާނެ."

ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިކަން ހައްލު ކުރުމަށް ސަރުކާރުން ހާއްސަ ޕްލޭނެއްގެ ދަށުން ކަންކަން ކުރަން ނިންމާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މިހާރު އެކުލަވާލެވެމުންދާ ޤައުމީ ތަރައްޤީގެ ޕްލޭންގައި ރާއްޖެ ތަރައްޤީ ކުރަން ނިންމާފައި އޮތީ މައިގަނޑު 5 ސަރަހައްދަކަށް ރާއްޖެ ބަހާލައިގެން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެއީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން، ގދ. ތިނަދޫ އަދި އައްޑޫގެ އަވަށެއް ކަމަށްވާ ހިތަދޫއެވެ. ނަމަވެސް މި ސަރަހައްދުތައް އަދި ފައިނަލް ނުވާކަމަށާއި ސަރަހައްދުތައް ކަނޑައަޅަނީ އިޤްތިޞާދީ ހާލަތާއި ތަނުގެ އާބާދީއަށް ބަލައިގެންކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ސަރަހައްދުތައް ވަށައިގެން އޮންނަ 20 މޭލުގެ ރޭޑިއަސް ތެރޭގައި ހިމެނޭ ރަށްތަކަކީ ސަބް ރީޖަންތަކެއްގެ ގޮތުގައި ކަނޑައަޅޭނެ ކަމަށާއި އަދި ވަކިން ތިބޭ ރަށްތައް ކްލަސްޓަރ އެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިހުރިހާ ރަށްތަކެއް ގުޅާލާނީ ވަރުގަދަ ފެރީގެ ނިޒާމަކުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ފެރީގެ ނިޒާމު ވެގެންދާނީ، ކަނޑުގަދަވިޔަސް ދަތުރުކުރާ މީހުންނަށް ބޮޑެތި އުނދަގޫތައް ނުވާ ކަހަލަ ފެރީގެ ނިޒާމަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" ގެ ނަމުގައި ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ޕްލޭނެއް އެކުލަވާލެވޭނީ ކަމާބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިންކަމަށެވެ.