Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ލައިޓްތަކުގައި ދިދަ ޖަހަނީ ހުއްދަ ނެތި!

އެމްޑީޕީގެ މެމްބަރުން އެޕަޓީގެ ދިދަ ލައިޓްގައި ހަރުކުރަނީ. ފޮޓޯ: ކިއުންތެރިއެއް

އައްޑޫގެ ރަށްތަކުގެ މަގުމަތި ދިއްލަން ޖަހާފައި ހުރި ބައްތި ދަނޑިގައި ޕާޓީ ތަކުގެ ދިދަ ހަރުކުރަމުން ދަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފޭދޫގެ ލިންކް ރޯޑުގައި ޖަހާފައި ހުރި ހުރިހާ ބައްތި ދަނޑި އާއި ގަމުގެ ކޯޒްވޭގެ ބައްތި ދަނޑިތަކުގައި ވަނީ ޕީޕީއެމްގެ ދިދަ ޖަހާފައެވެ. އަދި ފޭދޫގެ ބަނދަރުމަތި އާއި ލިންކް ރޯޑުގައި ހުރި ބައްތި ދަނޑިތަކުގައި އެމްޑީޕީން ވަނީ މިހާރު ދިދަ ހަރުކޮށްފައެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ ފޭދޫ ލިންކް ރޯޑާއި ގަމުގެ ކޯޒްވޭގެ ލައިޓް ތަކުގައި ޕަޓިތަކުގެ ދިދަ ނަގާފައިވަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ.

ޓޮމް ވިދާޅުވީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މައްސަލަ ކުޑަ ކުރުމުގެ ގޮތުން ހުރިހާ ޕާޓީ ތަކާއި އެކު ކައުންސިލުން މަޝްވަރާ ފަށާފައިވާ ކަމަށެވެ. އެގޮތުން އާދީއްތަ ދުވަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ފޭދޫ ބަނދަރު ބޭނުން ކުރާނެ ގޮތާއި މެދު ޕާޓީ ތަކާއި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ކެމްޕެއިން އެންމެ ފޯރި ގަދައީ ބޮޑު ދެ ޕާޓީ ކަމަށް ވާ އެމްޑީޕީ އާއި ޕީޕީއެމްގެއެވެ. އެގޮތުން ޕީޕީއެމްއިން ފޭދޫގެ ލައިޓްތަކުގައި ދިދަ ޖެހުމުގެ އިތުރުން ޕާޓީ ޖަގަހަ އިތުރު ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

އެމްޑީޕީން ވަނީ އައްޑޫގެ ރަށްތަކުގެ މަގުފާރުތައް "ރީދޫ" ކުރަން ފަށާފައެވެ. އެގޮތުން މަރަދޫގެ ބޮޑުމަގުގެ ގިނަ ފާރުތަކުގައި ވަނީ ރީދޫ ކުލަލާފައެވެ. އަދި ހިތަދޫ މޫލެކެޑުން ފެށިގެން ބޭރުމަތި އާއި ހަމައަށް ބޮޑު މަގުގެ ފާރުތަކުގައި ވަނީ ރީދޫ ކުލަ ލާފައެވެ. ހުޅުމީދޫގެ މަގު ފާރުތަކުގައި ވެސް އެމްޑީޕީން ވަނީ ރީދޫ ކުލަ ލާފައެވެ.