Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ރާއްޖޭގައި ވެސް ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރެވެން ޖެހޭ: އުއްތަމަ ފަނޑިޔާރު

ރާއްޖޭގައި ވެސް ކޯޓުން ބޭރުގައި ބައެއް ކަހަލަ މައްސަލަތައް ހައްލުކުރެވޭ ނިޒާމެއް ގާއިމްވުން މުހިންމު ކަމަށް ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އެކްސްޗޭންޖް އޮން އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނަމުގައި ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރިއަށް ގެންދާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އަލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން(އޭޑީއާރް) ގެ ނިޒާމު މިހާރު ރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ.

ދަށު ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި މައްސަލަތައް ނުނިމި ލަސްވާ ކަމާއި ގާނޫނީ ކަންކަމަށް ހޭދަވާ ޚަރަދުތައް ބޮޑުކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭޑީއާރްއަކީ ލިޓިގޭޝަން މަރުހަލާއަށް ވުރެ މައްސަލަތައް ހައްލުކުރުމުގައި މާ ބޮޑަށް ވެސް ފައިދާ ހުރި ނިޒާމެއް ކަމަށެވެ.

ރާއްޖެ ކުރިއަރައި ވިޔަފާރިތައް އިތުރުވާން ފަށާފައިވާއިރު މިއީ ކުރިއަށް އޮތް ތަނުގައި، ވިޔަފާރިއާ ގުޅޭ މައްސަލަތައް އިތުރުވާނެ ކަމަށާއި، އާބިޓްރޭޝަން ގާނޫނުގެ ދަށުން އުފެދުނު އާބިޓްރޭޝަން ސެންޓަރުން ވިޔަފާރީގެ ދާއިރާއަށް އިސްކަން ދީގެން ރާއްޖޭގެ ގާނޫނީ ނިޒާމަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.