Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިސްލާމީ އުސޫލުތަކާ ޚިލާފު ނުވެ އަންހެން ފަނޑިޔާރަކު އައްޔަން ކުރެވުނީތީ ފަޚުރުވެރިވޭ: މައުމޫން

މީގެ 12 އަހަރު ކުރިން ވެރިކަމުގައި ހުންނެވިއިރު އިސްލާމީ އުސޫލުތަކާ ޚިލާފު ނުވެ އަންހެން ފަނޑިޔާރަކު އައްޔަން ކުރެއްވި ފުރަތަމަ ރައީސަށް ވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށައެޅުއްވުމުން އެންމެ ފުރަތަމަ އެކަމަށް ތާއީދު ކުރެއްވި ލީޑަރަކީ މައުމޫނެވެ. މައުމޫން އެކަމަށް ތާއީދުކުރުމުން ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިސްލާމް ދީނުގައި އަންހެނަކު ގާޒީ ކަމަށް ގެނައުމަށް ތަން ނުދޭ ކަމަށް ބުނެ އިލްމުވެރިން ވަނީ ފަތަވާ ނެރެފައެވެ. އަދި ރާއްޖޭގެ ފަތަވާ މަޖިލީހުން ވެސް ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ފަތަވާ ނެރެފައެވެ.

ނަމަވެސް މައުމޫން ވަނީ ބޮޑެތި ބައެއް އިލްމުވެރިން މީގެ ކުރިންވެސް ފަނޑިޔާރުކަން އަންހެނުންނަށް ކުރެވޭނެ ކަމަށް ފަތަވާ ނެރެފައިވާ ކަމަށް ބުނެ ނިންމުން ދިފާއުކޮށްފައެވެ.

އިތުރު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 12 އަހަރު ކުރިން އަންހެން ބޭފުޅަކު ފަނޑިޔާރަކަށް ގެނައި ފުރަތަމަ ރައީސަށް ވުމަކީ ފަޚުރެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އިސްލާމް ދީނުގައި އޮންނަ ހަމަހަމަ ކުރުމާއި ތަފާތުނުކުރުމުގެ ސިޔާސަތަށް ބޯލަނބައިގެން ކަމަށް ވިދާޅުވިއެވެ.