Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޖަލްސާ ހޫނުވެ މެމްބަރުން ނިކުމެއްޖެ

އައްޑޫ ސިޓީ ކައުންސިލުން މާލޭގައި ތިބި އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރާއި ކައުންސިލްގެ މަސައްކަތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޖަލްސާ ހޫނުވުމުން ހާޒިރުވެތިބި މަޖިލިސް މެމްބަރުން ޖަލްސާ ދޫކޮށް ވަޑައިގެންފިއެވެ.

މިރޭގެ ޖަލްސާގައި ކައުންސިލަރުންގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ތިން މެމްބަރުން ވެސް މަޝްރަހު ހޫނުވެ ފާޑުކިޔުންތައް ބަންޑުން ވާން ފެށުމުން ޖަލްސާ ދޫކޮށް ގޮސްފައިވާ ކަން "އައްޑޫލައިވް" އަށް ބައިވެރިޔަކު ވަނީ ކަށަވަރުކޮށްދީފައެވެ.

މިރޭގެ ޖަލްސާގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އަދިވެސް އައްޑޫގައި ރަނގަޅު ސިއްހީ ނިޒާމެއް އަދި ތައުލީމީ ގޮތުން ރަނގަޅު ފުރުސަތުތަކެއް ނެތުމާއި ވަޒީފާގެ ފުރުސަތު މަދުވުމުގެ ސަބަބުން މާލެ ދިއުމަށް މަޖުބޫރުވާ މައްސަލައަށް ހައްލެއް ލިބިފައިނުވާތީއެވެ.

އަދި އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވެސް އަދި ސަރުކާރު ހިންގާ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް ކައުންސިލަށް ވެސް އެދެވޭ މަސައްކަތެއް ނުކުރެވޭ ކަމަށް ބުނެ ބައިވެރިން ވަނީ ފާޑުކިޔާފައެވެ.