Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މިއީހޭ ލޯތްބަކީ؟ ( ފަސްވަނަ ބައި)

" ސަރ އަޅުގަނޑު ހޯދި ވާހަކަ ބުނީމަ މިއައީ…" ޒައިކް ބަހެއް ނުބުނެ އިންނަން ފެށުމުން ޒީޝާން ވާހަކަ ދެއްކިއެވެ.
" އާނ….ޒީޝާންއާ އެކަނި ވާހަކަދައްކާފަ ނޫނީ ގޮތެއް ނުނިމަންވެގެން….އަހަރެންބޭނުން ޒީޝާން ދުލުން ކައިވެންޏާ ގަބޫލު ވާހަކަ ބުނާއަޑުއަހަން…" ޒައިކް ސީދާ ޕޮއިންޓަށް ދިޔައެވެ. ކައިވެނީގެ ވާހަކަ އަޑުއިވިފައި ޒީޝާންއަށް ބަލާލެވުނީ ޔަޤީންނުވެފައެވެ.
" ކައިވެންޏޭތޯ؟…ކާކުގެ ކައިވެންޏެއްތޯ؟…" ޒީޝާންއަށް ވަގުތުން އަހާލެވުނެވެ.
" އަހަރެމެން ދެމީހުންގެ ކައިވެނި….ޒީޝާންއަކަށް ނޭނގޭތަ އަހަރެމެންގެ ކައިވެނި ހަމަޖެހުނުކަމެއް؟…" ޒައިކްވެސް އަހާލީ ހައިރާންކަމާއެކުގައެވެ.
" ކޮންއިރަކު؟…ކާކުބުނީ؟.." ޒީޝާންއަށް އޭނާއިން ޖޯލިންވެސް ތެދުވެވުނެވެ.
" ޒީޝާން…އިށީނދެބަލަ!…ޕްލީޒް…ހަމަޖެހިލައިގެން ވާހަކަދައްކާނީ…" ޒައިކް އެދުމުން ޒީޝާން އިށީނެވެ. އޭނާއިނީ ދެންމެ އިވުނު ވާހަކަތަކުން ވިސްނަންވީ އެއްޗެއްވެސް ނޭނގިފައެވެ. ޒީޝާންގެ ހައިރާންކަން ފެނި ޒައިކްއަށް ކަންތައް ވެފައި އޮތްގޮތް އެނގުނެވެ. ޒީޝާންގެ މަންމަމެން ޒީޝާންގެ ބަހެއްވެސް ނުހޯދާ އޭނާއާ ކައިވެނި ކުރުވަން އެއްބަސްވީކަން އޭނާއަށް ޔަޤީންވިއެވެ.
" އަހަރެންނަށް ހީވާގޮތުން ޒީޝާންގެ މަންމަމެން ޒީޝާންގާތުގަ އަދި އެވާހަކަ ނުދައްކަނީ….އެހެންވީމަ އަހަރެން އަމިއްލައަށް ޒީޝާން ގާތުގަ ބުނާނަން…." ހިނދުކޮޅަކަށް އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.
"ޒީޝާން….އައިޝާ ނިޔާވިފަހުން އަހަރެން އުޅޭއެކަނިވެރި ދިރިއުޅުން ޚުދު ޒީޝާންއަށްވެސް ފެންނާނެ…ޒީކްވެސް މަންމަ ނެތުމުގެ އިހުސާސްވަރަށް ބޮޑަށް ކުރާނެ…އެހެންވެ ޒީޝާންއާ އެހާބޮޑަށް އޭނަދޯޅުވީވެސް….ޒީޝާން އޭނާއާމެދު ތިބަހައްޓާ ގާތްކަމާއި އަޅާލުމަށް އަހަރެން ހަމަ ހިތުގެއަޑިން ޝުކުރުވެރިވާން….ޒީޝާންގެ ސަބަބުން ޒީކް އުފާވެފަ ހުންނަވަރު ފެންނާތީ އަހަރެންނަށް ޒީޝާންއާމެދު ވިސްނެން ފެށުނީ…..ހުރިހާ ގޮތަކުންވެސް އަހަރެންނަށް ޒީޝާން ވަރަށް ކަމުދޭ….އަހަރެންގެ ދަރިފުޅުގެ އުފަލަށްޓަކާވެސް ކައިވެންޏެއް ކުރަން އަހަރެންނަށް މަޖުބޫރު….ވަރަށް ގިނަގޮތްގޮތުން ވިސްނާފަ ޒީޝާންގެ ކައިވެންޏަށް އެދެން އަހަރެން ނިންމީ….އަހަރެންގެ ބައްޕަ ޒީޝާންގެ ބައްޕަޔާ އެވާހަކަ ދެއްކުމުން އެމީހުންވަނީ ކައިވެންޏާ ގަބޫލުކަން ހާމަކޮށްފަ….ޒީޝާންވެސް ދެކޮޅު ނުހަދާނެކަމުގެ ޔަޤީންކަން އެމީހުންވަނީ ދީފަ…އެކަމަކުވެސް އަހަރެން ބޭނުންވަނީ ޒީޝާންގެ ދުލުން އެހެންބުނާއަޑު އަހަން….ޒީޝާން އަހަރެންނާ ކައިވެނިކުރާނަންތަ؟…." ޒީޝާންގެ މޫނަށް ބަލާލަމުން ޒައިކް ވަރަށް ސީރިއަސްކަމާއެކު އަހާލިއެވެ. ޒައިކްގެ ވާހަކަތައް އަޑުއަހަންއިން ޒީޝާންއިނީ ބުނަންވީ އެއްޗެއްވެސް ނޭނގި ހިތްއަވަސްވެ، އަތްފައިފިނިވެފައެވެ. ޒައިކް އެފަދަ ވާހަކައެއް ދައްކަފާނެކަމަށް ނުވިސްނާ ހުއްޓައި ކުއްލިއަކަށް އޭނާއަށް އެވާހަކަތައް އަޑުއިވުމުން ލަދުވެސްގަތެވެ. ވަގުތުން ނޫނެކޭބުނެ ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް އޭނާގެ ދޫހަރަކާތެއް ނުކުރިއެވެ. އޭނާއަށް އެނގުމަކާއި ނުލައި މަންމަމެން އެފަދަބޮޑު ނިންމުމެއް ނިންމަފާނެކަމަކަށް ދުވަހަކުވެސް އޭނާހިއެއް ނުކުރެއެވެ. އެވަގުތު މަންމައާއި ބައްޕަދެކެވެސް އޭނާ ރުޅިއައެވެ.
" ވިސްނާލާފަ ފަހުން ޖަވާބެއް ދިނަސް އެންމެ ރަނގަޅު…..އަހަރެން ދެން ގޮސްލާނަން…" ޒީޝާން ޖަވާބެއްނުދިނުމުން ޒައިކް ބުންޏެވެ. ޒައިކް ނުކުމެގެން ދިޔައިރުވެސް ޒީޝާން ހަރަކާތެއްވެސް ކުރަންނޭނގިފައި އެއިންގޮތަށް އިނީއެވެ. ޒީޝާން ސިހުނީ އޭނާގެ ފޯނު ރިންގްވުމުންނެވެ.
" ކޮބާ….ތިއަންނަނީތަ؟.." ފޯނުނެގުމާއެކު ޝިޔާއަހާލިއެވެ.
" ނެތްތާކަށް ދާހިތެއް….ޝިޔާ ވަރަށް އަވަހަށް މިގެޔަށް އާދެވިދާނެތަ؟…" ޒީޝާން އެދުނެވެ.
" ކިހިނެއްވީ އަނެއްކާ؟…ކަމެއްގޯސްވީތަ؟…" ޝިޔާ ކަންބޮޑުވެފައި އަހާލިއެވެ.
" އާނ…ވަރަށް ބޮޑަށް ގޯސްވެއްޖެ…އައީމަ ބުނާނަން…" ޒީޝާން އެހެންބުނަމުން ފޯނުކަނޑާލިއެވެ. ޒީޝާން ޖޯލިން ތެދުވެގެން ގޭތެރެއިން ދިއުމަށް ހީކޮށްލި ވަގުތު ހިނިތުންވެހުރެ މަންމަ އޭނާގެ ގާތަށް އައެވެ.
" ދަރިފުޅާ….ޒައިކް ކީކޭބުނީ؟…." ޒައިކް ދެއްކީ ކައިވެނީގެ ވާހަކަކަން އެނގިހުރެވެސް ޒީނާ އަހާލިއެވެ.
" މަންމައަށް އެނގެއެއްނު ޒައިކް ސަރ އެއައީ ކޮން ވާހަކައެއް ދައްކަންކަން….ދެން ކީއްކުރަން ތިއަހަނީ؟…" ޒީޝާން ނުރުހުންވެފައި ބުނެލިއެވެ.
" ދެން ދަރިފުޅު ކީކޭބުނީ؟…" ޒީނާ އަނެއްކާވެސް އަހާލިއެވެ.
" ކީކޭތަ އަހަރެން ބުނަންވީ؟….އަހަރެންނަށް ނުވެސްއެނގި މަންމަމެން އެވަރުވެ ބޮޑު ނިންމުމެއް ނިންމިއިރު އަހަރެންނާމެދު ވިސްނާލިންތަ؟….ކީއްވެތަ މަންމާ…ކީއްވެ؟…" ޒީޝާންއަށް ރޮވުނެވެ. އެއާއެކު އޭނާ ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ޒީނާވެސް ޒީޝާންއަށް ގޮވަމުން ގޮސް ގޭތެރެއަށް ވަތްނަމަވެސް، އޭނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ޒީޝާން އޭނާގެ ކޮޓަރިއަށްވަދެ ދޮރުތަޅުލިއެވެ. ޝިޔާއަށް އާދެވުނުއިރު ޒީޝާންގެ ކޮޓަރިދޮރުމަތީގައި ހުރެގެން ޒީނާ ގޮވަމުން ދިޔައެވެ.
" ކިހިނެއްވީ ދައްތާ؟…" ޒީނާގާތަށް ހުއްޓެމުން ޝިޔާ އަހާލިއެވެ.
" ޝިޔާ….ޒީޝާންއަށް ވިސްނަދީބަލަ!…." ޒީނާ އެހެން ބުނުމަށްފަހު އިތުރު ތަފްސީލެއްވެސް ނުދީ ދިޔުމުން، ސުވާލު އުފެދިފައި ހުރެގެން ޝިޔާ ޒީޝާންއަށް ގޮވަންފެށިއެވެ. ދެތިން ފަހަރަކު ޝިޔާ ގޮވިފަހުން ޒީޝާން ދޮރުހުޅުވިއެވެ. ޒީޝާންގެ މޫޑްއޮފްވެފައިވާތަން ފެނުމުން ބޮޑުކަމެއް ވެއްޖެކަން ޝިޔާއަށް އެނގުނެވެ.
" ކިހިނެއްތަވީ؟….ކޮންކަމަކާ ރުޅިގަދަވެގެން ތިއުޅެނީ؟…" އެނދުގައި އިށީންނަމުން ޝިޔާ އަހާލިއެވެ. ޒީޝާން އިރުކޮޅަކު ހިމޭނުން އިނދެފައި ޒައިކް ވާހަކަ ބުންޏެވެ.
" ވާއު….އަސްލުވެސްތަ؟…ދެން އަވަހަށް އާއެކޭ ބުނަންވީނު…" އުފާވެފައި ޝިޔާބުނެލިގޮތުން ޒީޝާން ބަލާލީ ހައިރާންވެފައެވެ.
" ޝިޔާ….ޝިޔާތަ ހަމަ ތިހެން ތިބުނަނީ؟…އަހަރެންގެ ހުރިހާކަމެއް އެނގިހުރެވެސް އަހަރެންގެ އިހުސާސްތައް ޝިޔާއަކަށް ނުވިސްނޭތަ؟…އަހަރެން މިދައްކަނީ އަހަރެންގެ ކައިވެނީގެ ވާހަކައޭ….އެއީ ކޮންމެ މީހެއްގެ ދިރިއުޅުމުގަވެސް ނިންމާނެ އެންމެބޮޑު ނިންމުން….ޝިޔާއަށް އެވަރު ނުވިސްނޭތަ؟…" ނުރުހުންވެފައި ޒީޝާން އަހާލިއެވެ.
" ވިސްނޭތީނު މިބުނަނީ…ޒައިކް ސަރ އަކީ ކިހާ ރަނގަޅުމީހެއް….ހަމަގައިމުވެސް ޒަލަފްއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު….ބަލާލަންވެސް ރީތި، ރަނގަޅު ވަޒީފާއެއްގަ އުޅޭ އެންމެންވެސް ޤަދަރުކުރާމީހެއް….ދެން ކޮބާތަ މައްސަލައެއް…..ކޮންމެ އަންހެނަކުވެސް ބޭނުންވާނެފަދަ ރަނގަޅުމީހެއް އެއީ…" ޒީޝާންއަށް ވިސްނައިދިމުނަށް ޝިޔާ މަސައްކަތްކުރިއެވެ.
" ދެން ތިހާ ރަނގަޅިއްޔާ ޝިޔާ އޭނާޔާ އިންނަންވީނު…" ޒީޝާން ތުންދަމާލަމުން ބުނެލިއެވެ.
" ޔަޤީން އެފަދަ ފުރުސަތެއް ލިބިއްޖެއްޔާ އިންނާނަންކަން….ހުސެން އަހަރެންނާ އިންނަން އެހުމުގެކުރިން ޒައިކް ސަރ އަހައިފިނަމަވެސް ޔަޤީން އިންނާނަންކަން…." ޝިޔާ ވަރަށް ފޯރިޔާއެކު ބުނެލިއެވެ.
" ތީ ކޮންކަހަލަ ވިސްނުމެއް ހުންނަ އަންހެނެއްތަ؟….ލޯބިނުވާ މީހަކާ ހަމަ ޓަސްލާފަ އިނދެވޭތަ؟…..ހީވަނީ މީދެން އިންޑިއާހެން އިންނާނެ މީހަކު ނުވެދާނެތީ އަހާ ކޮންމެ މީހަކަށް އާބަސް ބުނަން…" ޒީޝާން ފޫހިވެފައި ބުނެލިއެވެ.
" އިންޑިއާ ގަ އޮންނަ އުސޫލު މިތާ އޮންނަ ނަމަ މާރަނގަޅުވީސް….މިތާ އެހާ ވަރިގިނަވަނީ ބޭނުންހާ މީހަކާ ރައްޓެހިވެފަ ރުޅިވުމުގެ އުސޫލު އޮންނާތީ…މީހަކާ އިނދެގެން ހުއްޓަސް އަނެކަކު ފެންނައިރަށް ހިތްކިޔާތީ….ހުރިހާވެސް ކަމަކީ އިސްލާމުދީނުގެ އުސޫލުތަކަށް ތަބާނުވާތީ…." ޝިޔާ ވަރަށް ވިސްނޭމީހަކު ފަދައިން ބުންޏެވެ.
" ދެން ތިބުނި ގޮތުން ހީވަނީ އިންޑިއާ އެންމެނަކީ ރަގަނޅުބައެއްހެން…..އެމީހުންގެ އެއޮންނަ ސަޤާފަތުގެ ސަބަބުން ކިތަން އަންހެންކުދިންގެ ދިރިއުޅުން ހަލާކުވަނީ…..ކިތައްކުދިން އަމިއްލައަށް މަރުވަނީ….ސާވްދާން އިންޑިއާ ބަލާލީމަ އެނގޭ އެތަންތާގެ ހާލަތު…." ޒީޝާންވެސް ޝިޔާއަށް ވަރުގަދަ ރައްދެއްދިނެވެ.
" ތިދައްކަނީ މަދުބައެއްގެ ވާހަކަ….ދުނިޔޭގެ އެންމެ އާބާދީބޮޑު އެއްޤައުމު އެއީ…އެހެންވީމަ ނުބައިމީހުންވެސް އުޅޭނެ….އޭގެމާނައެއްނޫން އެއީ އެމީހުންގެ ސަޤާފަތް އެގޮތަށް އޮތީމައެކޭ….އެމީހުންގެ ކައިވެނި ކުރުމުގެ ސަޤާފަތް އެއީހަމަ ސަޅި ސަޤާފަތެއް….ކައިވެނިކުރެވޭންދެން އިތްފަތެރިކަމުގަ ތިބެން އަންހެން ކުދިންނަށް މަޖުބޫރުވޭ….އިންނާނެ މީހަކު ނުވެދާނެތީ ބިރުންނަމަވެސް އެމީހުންގެ އިތްފަތްތެރިކަން ސަލާމަތްކޮށްގެން ދޯ ތިބެނީ؟…" ޝިޔާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
" އޯކޭ…މަނޫޅެން އިންޑިއާގެ ސަޤާފަތުގެ ވާހަކަ ދައްކާކަށް…..މަމީ ދިވެއްސަކަށްވިޔަސް މަވެސްމީ އިތްފަތްތެރިއެއް….މިތާވެސް އެންމެނެއް ޝިޔާ ތިބުނާހެނެއް ނޫޅޭނެ…ޝިޔާވެސް ނޫޅެމެންނު…" ޝީޒާންހުރީ ޝިޔާދައްކަން ފެށި ވާހަކައިން އިތުރަށް ފޫހިވެފައެވެ.
" ދެން މޫޑިނުވެ އަހަރެން މިކިޔާ އެއްޗެއް އަޑުއަހާބަލަ! ޒައިކް އެއީ ރަނގަޅު މީހެކޭ ޒީ….މެރީކުރީމަ ފަހުން ލޯބިވެސް ވެވިދާނެއްނު…" ސީރިޔަސްވެލާފައި ޝިޔާބުނެލިއެވެ.
" ނޫން…ޝިޔާ….އަހަރެންނަކަށް ދެން އިތުރުމީހަކު ދެކެ ލޯތްބެއް ނުވެވޭނެ….އަހަރެން ބޭނުމެއްނޫން މީހަކާ އިންނާކަށްވެސް…..ޒަލަފް އެހެން ހެދީމަ އަހަރެން ފޫހިވެއްޖެ ފިރިހެނުންމަތިން…..ދެން ތި ޒައިކް، އައިޝާ ދޮންތި ނިޔާވިފަހުން އަދި މާގިނަދުވަހެއްވެސް ނުވޭ…..މިހާރު އެއައީ އަހަރެންނާ އިންނަން….ގަބޫލުކުރެވޭތަ އެމީހުން އެވަނީ ލޯބިކަމަށް…..އެއީވެސް ޒަލަފް ކަހަލަ ފިރިހެނެއް…އަހަރެން ބޭނުމެއްނޫން އޭނާއާ އިންނާކަށް…." ޒީޝާންގެ ވާހަކަތައް އަޑުއަހާފައިވާ ޝިޔާއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ.
" ޒީ އަދިނުވެޔޭ މާޔޫސްވާކަށް…..ޒަލަފް އެގޮތަށް ކަންތައްކުރިއެކޭ ކިޔާފަ އެންމެނާމެދު އެގޮތަށް ވިސްނާކަށް….ޒައިކްއާ ޒަލަފް ހާސްބައި ތަފާތު….ޒައިކް މީހަކަށް އޮޅުވައެއްނުލައެއްނު…..އޭނާގެ އަންހެނުން ނިޔާވީމަ ދެވަނަ ކައިވެންޏެއްކުރުން އެއީ މައްސަލައެއްތަ؟…އަންހެނުން ނިޔާވިޔޭ ކިޔާފަ އުމުރުދުވަހު މީހަކާ ނީނދެ ހުއްޓަސް އޭނާއެއް އަނބުރައެއް ނާންނާނެ….ކިތަންމެ ލޯބިވިޔަސް އެހެންމީހަކާ ކައިވެނިނުކޮށް ކިހިނެއް މުޅި އުމުރު އޭނާ ހުންނާނީ….ޒީ ހަޤީޤަތް ގަބޫލުކޮށްބަލަ! ޒީވެސްތީ ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫނެއްނު….އަހަރެން ބުނަން އޮތް ވާހަކައަކީ ޒައިކް އެއީ މިޒަމާނުގަ މީހަކަށް ލިބޭނެ އެންމެ ރަނގަޅު މީހުންގެ ތެރެއިން މީހެކޭ…..ޒީ އުމުރު ދުވަހު ޒަލަފްގެ ހަނދާނުގަ ހުއްޓަސް އޭނާގެ ހަޤީޤަތެއްވެސް ބަދަލެއް ނުވާނެ….އެކަހަލަ މީހަކަށްޓަކާ އުމުރު ހުސްވަންދެން ހުސްހަށިބަޔަށް ހުރުމުގެ މާނައަކީ ކޮބާ؟….ޒީގެ ޒުވާން އުމުރު ނަގާލީމަ ފަހުން ދެރަވާނީވެސް ޒީއަށް….ޒީގެ މަންމަމެނާމެދުވެސް ވިސްނާލަބަލަ! ޒީ ނޫން ދަރިޔަކު އެމީހުންގެ ހުރީކީނޫން….އެހެންވީއިރު ޒީ ތިގޮތަށް ކަންތައް ކުރީމަ އެމީހުންވެސް ކިހާދެރަވާނެ….އަހަރެން މިބުނަނީ ޒީ ރަނގަޅަށް ވިސްނާފަ ގޮތެއް ނިންމާށޭ….ޒަލަފް ބޭވަފާތެރިވީތީ އުމުރު ދުވަހު މީހަކާ ނީނދެ ހުންނާނީތޯ ނޫނީ މިލިބުނު ފުރުސަތުގެ ބޭނުން ހިފައި ޒައިކްއާ އިންނާނީތޯ، އެޔެއް ނިންމާނީ ޒީ އަމިއްލައަށް…..އަހަރެން ދެން އިތުރު ވާހަކައެއް ދައްކާކަށް ނެތިން…" ޝިޔާ އިތުރަށް ބަހުސްކުރާކަށް ބޭނުމެއްނުވިއެވެ.
****
ރޭގަނޑުގެ ވަގުތެވެ. އެނދުގައި ދެލޯމަރައިގެން އޮތްއިރުވެސް ޒީޝާންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. މިއަދު ޝިޔާ ދެއްކި ވާހަކަތަކާއިމެދު އޭނާއަށް ވިސްނެނީއެވެ. އޭނާގެ ދިރިއުޅުން ހުއްޓިފައި މިއޮތީ ދެކަފިމަގެއްގެ ކަންމައްޗަށެވެ. އެއްމަގު ޚިޔާރުކޮށްފިނަމަ މުޅިދިރިއުޅުމުގައި އޭނާ ދަތުރުކުރަން ޖެހޭނީ އެކަނިމާ އެކަންޏެވެ. ދެން އޮތްމަގު ޚިޔާރުކޮށްފިނަމަ މުޅި އުމުރު އޭނާ ދަތުރުކުރަން ޖެހޭނީ ނުދަންނަ ބީރައްޓެއްސަކާއި އެކުގައެވެ. ދާނެ މިސްރާބެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެކަނިވެރިކަން ޚިޔާރުކުރުމަށްވުރެ ބީރައްޓެއްސަކާއި އެކު ދަތުރުކުރުން ބުއްދިވެރި ކަންނޭނގެއެވެ. ގިނަދުވަހުން ނަމަވެސް ބީރައްޓެހިމީހާ ރައްޓެހިވެސް ވާނެއެވެ. ނަމަވެސް އެކަނިވެރިކަމުގައި އުމުރު ދުވަހު އޭނާއަކަށްވެސް ނުހުރެވޭނެއެވެ. އައިމަގުން ފަހަތަށް އެނބުރިދާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. ފަސް އެނބުރި ޒަލަފްއާ ދިމާބަލާކަށްވެސް އޭނާބޭނުމެއް ނޫނެވެ.
" އެކަމު އަހަރެންނަށް ފަހަރެއްގަ އެހެންމީހަކު ދެކެވެސް ލޯބިވެވިދާނެއްނު…..އޭރުން އެމީހަކާ ކައިވެނި ކުރެވިދާނެއްނު…." ޒީޝާން އަމިއްލަ ނަފްސާ މުޚާތަބުކުރިއެވެ. ހަމަ މީހަކާ އިނީމޭ ބުނަން، ލޯބިނުވާމީހަކާ އިންނާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް އަނެއްކާ މީހަކު ދެކެ ލޯބިވެވުނު ނަމަވެސް، އެއީވެސް ޒަލަފްކަހަލަ މީހަކަށް ނުވާނެ ކަމުގެ ޔަޤީންކަމެއްވެސް އޭނާގެ ނެތެވެ. ދެން އޭނާއަށް އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ޒަލަފްދެކެ ލޯބިވީފަދައިން ލޯބިވެވޭނެ ކަމެއްވެސް ނޭނގެއެވެ. ޒީޝާންގެ ހިތުގައިވަނީ ބިރުވެރިކަމެއް އުފެދިފައެވެ.
އަނެއްކޮޅުން ޒައިކް އިންތިޒާރު ކުރަމުން ދިޔައީ ޒީޝާންގެ ޖަވާބަކަށެވެ. ޒީޝާން ނޫނެކޭ ބުނެފިނަމަ އޭނާ ނުހަނު ދެރަވެ ލަދުވެސް ގަންނާނެއެވެ. އެދެއާއިލާގެ މެދުގައި އޮތް އެކުވެރިކަމަށްވެސް އެކަމުން ބުރޫއަރާފާނެއެވެ. އެހެންވާކަށް އޭނާބޭނުމެއްނޫނެވެ. އޭނާ ހިތާހިތުން ދުޢާކުރަމުން ދިޔައީ ޒީޝާން އެކައިވެންޏަށް އެއްބަސްވުމަށް އެދިގެންނެވެ.
ރޭދެބައިވީ އިރުވެސް ލޮލަށް ނިދިނައިސްފައި ޒަލަފް އޮތެވެ. މިރޭ މާބޮޑަށް ޒީޝާންމަތިން ހަނދާންވަނީއެވެ. ޒީޝާން އޭނާއާ ގުޅުން ކަނޑާލުމުން، އޭނާ އެހެން ނަމްބަރަކުން ޒީޝާންއާ ގުޅަން މަސައްކަތްކުރިއެވެ. ފޭސްބުކުންވެސް އިތުރު އެކައުންޓެއް ހަދައިގެންވެސް ވާހަކަދައްކަން މަސައްކަތްކުރެވިއްޖެއެވެ. ނަމަވެސް އެކަންވެސްވީ ބޭކާރެވެ. ހީވާގޮތުން ޒީޝާންގެ ފޯނު ނަމްބަރު ބަދަލުކޮށް ފޭސްބުކް އެކައުންޓުވެސް ޑީއެކްޓިވޭޓް ކުރީއެވެ. ދެންއޮތީ ހަމަ އެންމެ ގޮތެކެވެ. ޒީޝާންގެ ރަށަށްގޮސް އޭނާއާ ބައްދަލުކުރުމެވެ. ނަމަވެސް އެއީވެސް ފަސޭހަ ކަމަކަށް ނުވާނެކަން އޭނާއަށް އެނގެއެވެ. އޭނާ ދައްކާ އެއްވެސް ވާހަކެއް އަޑުއަހާކަށް ޒީޝާން ބޭނުމެއްނުވާނެއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާގެ ކުށެއް ނެތްކަން ޒީޝާންއަށް ސާބިތުކޮށްދޭން އޭނާ ބޭނުމެވެ.
ފަތިސްނަމާދު ބަންގިގޮވީވެސް ޒީޝާން ހޭލާއޮއްވައެވެ. ރޭހަތަރުދަމު ނުނިދާ އޭނާ ވިސްނީއެވެ. ޒަލަފްގެ މަތިން ހަނދާންވެ އެތައްކަރުނައެއްވެސް އޭނަގެ ލޮލުން އޮހުނެވެ. ޒަލަފް ދެކެ އޭނާއަށް ލޯބި ނުވެވުނު ނަމައޭ ކިތަންމެ ފަހަރަކު އޭނާގެ ހިތަށްއެރިއެވެ. އެހެންނޫންނަމަ މިއަދު އެގޮތަށް ހިތާމަކުރާކަށް އޭނާއަކަށް ނުޖެހުނީހެވެ. އޭނާގެ ހުރިހާ ހުވަފެންތައް ޒަލަފް ވިއްސިވިހާލި ކޮށްލައިފިއެވެ. އޭނާ ބިނާކުރި ހުވަފެނުގެ ގަނޑުވަރުތައްވަނީ ބިމާ ހަމަވެފައެވެ. މިއަދު އޭނާއަށް މިވަނީ އެހެން އިމްތިހާނަކާ ކުރިމަތިލާން ޖެހިފައެވެ. ޒީޝާން ލޮލުން ކަރުނަ ފުހެލަމުން ތެދުވެ ފާޚާނާއަށްވަނެވެ.
ހެނދުނުގެ ނާސްތާގެ ވަގުތުގައި ޒީޝާންއިނީ ނެގިމަޑުވެފައެވެ.
" ދަރިފުޅާ ޒީޝާން…..ބައްޕައަށް އެނގޭ ކުއްލިއަކަށް ކައިވެނިކުރަންވީމަ ދަރިފުޅު ޖެހިލުންވާނެކަން….އެކަމަކު ދަރިފުޅާ ޒައިކްއަކީ ގޯސްކުއްޖެއްނޫން….ހުރިހާ ގޮތަކުން ބެލިޔަސް އެޔަށްވުރެ ރަނގަޅު ކުއްޖެއް ހިޔެއްނުވޭ ދަރިފުޅަށް ދެން ލިބޭނެހެނެއްވެސް….." ހަސަނު އޭނާގެ ދަރިފުޅަށް ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ.
" އެކަމު ބައްޕާ ޒައިކް ސަރއާ ކިހިނެއް އަހަރެން ކައިވެނިކުރާނީ…." ދެރަވެލާފައި ޒީޝާންއަށް ބުނެވުނެވެ.
" ކީއްވެ ނުކުރެވޭނީ؟…ދަރިފުޅު ވިސްނާލަބަލަ! ދަރިފުޅު މީހަކުދެކެ ލޯބިވާ ވާހަކަ ބުނީމަ ބައްޕަމެން ދަރިފުޅަށް ފުރުދަތުދިނިން އެމީހަކާވެސް އިންނަން…..އެއީ ރަނގަޅުމީހަކަށްވީނަމަ ބައްޕަމެން މިއަދު އުފަލާއެކީ އޭނައާ ދަރިފުޅުގެ ކައިވެނިކޮށްދިނީމުސް…..އެކަމަކު އޭނާވީ ހީކުރި ކަހަލަ މީހަކަށްނޫނެއްނު….ދެން މިފަހަރު ބައްޕަމެންގެ ހޮވުމާ ދަރިފުޅު ނުގަބޫލުވާންވީ ކީއްވެ؟….ހަމަގައިމުސް މަންމައާ ބައްޕަ ދަރިފުޅަށް ދުވަހަކުވެސް ދެރަގޮތެއް ވާކަށްނޭދެން….ވަރަށްގިނަ ގޮތްގޮތުން ވިސްނާފަ ބައްޕަ މިކައިވެންޏާ ގަބޫލުވީ…..އަންހެން ދަރިއަކާމެދު ބައްޕަވެސް ހުވަފެންތަކެއް ދެކޭނެ…..ބައްޕަބޭނުންވަނީ އުމުރު ދުވަހުވެސް ދަރިފުޅު އުފަލުގަ ގެންގުޅޭނެފަދަ އޯގާތެރި ހެޔޮފިރިއަކު ދަރިފުޅަށް ހޯދަދޭން….ބައްޕަވެސް ގަބޫލުކުރަން މިޒަމާނުގަ މައިންބަފައިން ދައްކާމީހަކާނޫންކަން ދަރިން އިންނަނީ…..ބައްޕަވެސް ދަރިފުޅަށް މަޖުބޫރު ކުރާކަށްނެތިން…..ދަރިފުޅު ވިސްނާފަ އަމިއްލައަށް ގޮތެއްނިންމާ…..ދަރިފުޅު އިންނަން ހުރި ކޮންމެމީހަކާވެސް ބައްޕަމެން ގަބޫލުވާނަން…..އެކަމަކު ޒައިކްފަދަ ރަނގަޅުމީހަކަށް އެމީހަކު ވާންޖެހޭނެ…" ހަސަނު އޭނާގެ ވާހަކަތައް ނިންމާލިއިރުވެސް ޒީޝާން އިސްޖަހައިގެން އެއިންގޮތަށް އިނެވެ. ބައްޕަގެ ވާހަކަތަކަށް އޭނާދޭނީވެސް ކޮން ރައްދެއް ހެއްޔެވެ؟ ޒައިކްގެ ކައިވެންޏަށް އިންކާރުކޮށް އެހެން ބައިވެރިއަކު ހޯދަން އޭނާ ނުކުންނަން ވީހެއްޔެވެ؟ އެހެންމީހަކު ދެކެ ލޯބިވެވޭނެ ކަމުގެ އިންތިޒާރުގައި އަނެއްކާވެސް މީހަކު ހޯދަން މަސައްކަތް ކުރަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭނާއަކަށް ދެން އެކަމެއް ނުވާނެއެވެ. މަންމައާއި ބައްޕަ އެދޭފަދަ ރަނގަޅުމީހަކު ހޯދައިގެން ލޯބިވާން އާނާ ކުރާނީ ވަކި ކީއްހެއްޔެވެ؟ މީހާ ފެންނައިރު އެއީ ރަނގަޅުމީހެއްކަން ނުވަތަ ނޫންކަން ނިތްކުރީގައި ލިޔެވި ސިއްކަޖެހިފައެއް ނުހުރެއެވެ.
ކޮޓަރިއަށް ވަދެ އަނދުމައްޗަށް ވެއްޓި އޮވެގެން ޒީޝާން ވިސްނަމުން ދިޔައެވެ. އޭނާ ލެޕްޓޮޕް ނަގައި ހުޅުވާލީ ޚިޔާލުތަކާއި ދުރުވެލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާއަށް އެއްވެސް އެއްޗަކަށް ސަމާލުކަން ދެވޭގޮތެއްނުވިއެވެ. އެންމެފަހުން ފޯނުނަގައި އޭނާ ޝިޔާއަށް ގުޅާލިއެވެ. އެއީ ޝިޔާ ޑިއުޓީގައި އުޅޭގަޑިކަމުން އޭނާއަށް ވާހަކަދެއްކޭ ގޮތެއްނުވިއެވެ. އެންމެފަހުން ފޫހިވެފައި ހުރެގެން އޭނާ ކޮޓަރިން ނުކުތެވެ. ޖޯލިފަތީގައި އިށީނދެ މައްޗަށް ބަލާލި ވަގުތު ޖަބުރޯލުގަހުގައި ދޮންވެފައިވާ ޖަބުރޯލް ކޯޅިއެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެޖަބްލޯރުކޯޅި އިނީ ޒައިކްމެންގެ ގެޔާއިވީ ފަރާތަށެވެ. އެގެއަށްދާން ހިތަށްއަރާފައިވެސް އޭނާ ޚިޔާލުބަދަލުވީ ޒައިކްއަށް ފެންނަން ބޭނުންނުވާތީއެވެ. އޭނާ ޖޯލިން ތެދުވެ ގޯތިތެރެ ހޯދާލީ ދަނޑިއެއް ފެނޭތޯއެވެ. ނަމަވެސް ފެންނަހިސާބުގައި ދަނޑިއެއް ނެތުމުން އޭނާ މާޔޫސްވާގޮތްވިއެވެ. އެންމެފަހުން ޒީޝާން ނިންމީ ފާރުމައްޗަށް އަރައިގެން އެޖަބްރޯލު ކޯޅިބިނުމަށެވެ. ވަރަށް ބަލައިގެން މަޑުމަޑުން ފާރުމައްޗަށް އަރާފައި ބިރުންހުރެ ޒީޝާން ފާރުމައްޗަށް ކޮޅަށް ތެދުވިއެވެ. ޖަބްރޯލް ކޯޅިއާ ދިމާއަށް ބަލަންހުރެ މަޑުމަޑު ކުރިޔަށް ޖެހިލީ އެއުފުރާލުމަށެވެ.
ޒައިކް އިސްއުފުލާ މަތިބަލާލި ޖަބްރޯލް ފަތެއް މަސްފެންގަނޑަށް ވެއްޓުމުންނެވެ. ކޮންމެ ދުވަހަކުވެސް އިންޓަރވަލަށް ގެޔަށް އައިސް މަސްފެންގަނޑަށް އެޅިފައިހުންނަ ފަތްތައް އޭނާ ސާފުކުރެއެވެ. މަތިބަލާލުމާއެކު ހައިރާންވެފައި ބަލަން ހުރެވުނީ ޒީޝާން ފާރުމަތީގައި ހުރުމުންނެވެ. ޖަބްރޯލް ކޯޅިއަކަށް އަތްދިއްކޮށްގެން އެއުފުރަން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ޒީޝާންއަށް އޭގައި އަތްޖެހޭގޮތެއް ނުވިއެވެ. ޒީޝާން ރުޅިގަދަވެފައި ކުސްތަޅާލިގޮތުން ތިރީގައި އެމަންޒަރުބަލަންހުރި ޒައިކް ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިއެވެ.
" ދެން އަޅެ އެވަރުން އެރީމަވެސް އަތެއްނުޖެހުނު….ދެން މިތަނުން ފައިބާނީވެސް ކިހިނެއް؟…." ޒީޝާން އަމިއްލަ ނަފްސާ މުޚާތަބުކުރަމުން ފާރުމަތިން ފައިބަން ދިމާކޮށްލި ވަގުތު ޒައިކްފެނުމާއެކު ސިހިފައި ފާރުންބޭރުގައި އެއްފައިއެޅިފައި އަރިއަޅާލިއެވެ. ބާރަކަށް ހަޅޭއްލަވައިގަންނަމުން ޒީޝާންއަށް ދެލޯމަރާލެވުނެވެ. ޒައިކް ސިހިފައި ޒީޝާން ސަލާމަތްކުރުމަށްޓަކައި ބޭއިޚްތިޔާރުގައި ފެންގަނޑުތެރެއަށް އޭނާއަށް އެރެވުނެވެ. ގޮފިގަނޑެއްގައި ބާރަށް ހިފެހެއްޓިފައި ހުރިކަން އެއީ ޒީޝާންގެ ނަސީބެވެ. އެހެންނޫންނަމަ އޭނާއޮތީހީ މަސްފެންގަނޑުގެ ތެރޭގައެވެ.
" ރިލެކްސް…..މަޑުމަޑުން ގޮފިގަނޑުން އަތްދޫކޮށްލާ!….އަހަރެން ޒީޝާން ވެއްޓުނަކަ ނުދޭނަން…" ގޮފިގަނޑާއެކު ތިރިޔަށް އެލިފައިއޮތް ޒީޝާންއަށް ބަލާލަމުން ޒައިކް ޔަޤީންކަމާއެކު ބުނެލިއެވެ. ޒީޝާން ބިރުން އޮވެ ލޯހުޅުވައި ތިރިބަލާލިއިރު ޒައިކްހުރީ ފެންގަނޑުމެދަށްއެރި އޭނާހިފަން ތައްޔާރުވެގެންނެވެ. ޒީޝާންއަށް ހަދާނެގޮތް ހުސްވިއެވެ. އޭނާ އަތްދޫކޮށްލައިފިނަމަ ޒައިކްއަށް އޭނާ ހިފޭނެބާއޭ ހިތަށްއެރިއެވެ. ޒައިކްގެ އަތްމައްޗަށް ވެއްޓުމަށްވުރެ ފާރަށް ފައިފޯރާތޯބެލުން މާރަނގަޅު ކަމުގައި ޒީޝާން ގަބޫލުކުރިއެވެ. އޭނާ ފާރަށް ފައިފޯރުކުރަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބުވާގޮތެއްނުވިއެވެ. ނަމަވެސް ޒައިކްގެ އަޑުއަހައި އޭނާގެ އަތްދޫކޮށްލާކަށްވެސް ގަސްތެއްނުކުރިއެވެ.
" ޒީޝާން…ބިރުނުގެބަލަ! އަހަރެން މިބުނީނު ޒީޝާން ވެއްޓުނަކަ ނުދޭނަމޭ…..ޓްރަސްޓްމީ..ޕްލީޒް…." ޒައިކް ވަރަށް އާދޭހައެކު އެދުނެވެ. ޒީޝާން ޒައިކްގެ އަޑުނާހަން ގަސްތުކުރިނަމަވެސް ގިނައިރު އެލިގެން އޮންނަންވުމުން އަތްވާޅުވިއެވެ. އިތުރަށް ކެތްނުވުމުން މަޑުމަޑުން ޒީޝާންގެ އަތްގޮފިގަނޑުން ދޫވިއެވެ. އެއާއެކު ޒީޝާންއަށް ހަޅޭއްލަވައިގެނުނެވެ. ޒައިކް ހުޝިޔާރުކަމާއެކު ޒީޝާން ހިފިއެވެ. ނަމަވެސް ޒީޝާން ވެއްޓުނުލެއްބާރުކަމުން އޭނާގެ ހަށިގަނޑަށްއެރި ލޮޅުމާއެކު، ހަށިގަނޑު ބެލެންސްނުވެގެން ދެމީހުން އެކުގައި ފެންގަނޑުގެ ތެރެއަށް ވެއްޓުނެވެ. މުޅިތަނަށް ފެންތައް ބުރައިގެން ދިޔައިރު، ފެންގަނޑުތެރޭގައިހުރި މަސްތައްވެސް ސިހިފައި ހަލުވިކަމާއެކު ކޮޅުކޮޅަށް ދުވަންފެށިއެވެ. ޒީޝާންގެ އަތުން ދޫވި ގޮފިގަނޑު ކުއްލިއަކަށް ގޮސް ގަހުގައި ޖެހުމާއެކީ އޭނާބިންނަން އުޅުނު ޖަބުރޯލުކޯޅި އެއްކޮށް ފެންގަނޑުތެރެއަށް ފައިބައިގަތެވެ. ޒީޝާންގެ ބޮލުގައިވެސް ޖަބްރޯލަކުން ޖެހުމުން އަޑެއްލައްވާލަމުން ބޮލުގައި ފިރުމާލިގޮތުން ޒައިކްއަށް ހެވުނެވެ.
ފެންގަނޑު މާފުންނޫންނަމަވެސް ދެމީހުންތިބީ ތެމިފޯވެފައެވެ. ޒައިކްގެ އަތުތެރޭގައި އޮތްޒީޝާންއަށް ލޯހުޅުވާލެވޭވަރުވީ އިރުކޮޅެއްފަހުންނެވެ. އޭރުވެސް ބިރުންގޮސް އޭނާގެ ހިތްބާރުބާރަށް ތެޅެއެވެ. ނަމަވެސް ޒައިކްގެ ހިތްއަވަސްވެފައިވަނީ އެހާގާތުން ޒީޝާން ފެނުމުންނެވެ. ޒީޝާން ލާފައިހުރި މަޑުފިޔާތޮށި ކުލައިގެ ކުރުތާތެމި، ހަށިގަނޑުގައި ތަތްލުމުން އޭނާގެ ވަނާތައް ފާޅުވާން ހުއްޓެވެ. ޒީޝާން ފެންގަނޑުން ތެދުވަން މަސައްކަތްކުރި ނަމަވެސް އޭނާގެ ފައިކައްސާވަރުން އަނެއްކާވެސް ޒައިކްގެ އުނގުތެރެއަށް ވެއްޓުނީއެވެ.
" މަޑުކުރޭ!…." ޒައިކް މަޑުމަޑުން ޒީޝާންގެ އަތުގައި ހިފައިގެން ފެންގަނޑުން ތެރެއިން ނުކުތެވެ. ޒީޝާންއަށް ބޭއިކުތިޔާރުގައި ޒައިކްއަށް ބަލާލެވުނެވެ. ހުދުކުލައިގެ ގަމީހަކާއި އަޅިކުލައިގެ ފަޓްލޫނެއްލާފައި އަޅިކުލައިގެ ޓައީއެއް އަޅާފައިހުރިއިރު ޒައިކްފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. ގަމީސްތެމުމުގެ ސަބަބުން ޒައިކްގެ ފިރިހެންވަންތަ ހަށިގަނޑު އޮތީ ހާމައަށް ފެންނާށެވެ. ފެންގަނޑަށް ވެއްޓުމުގެ ސަބަބުން ޒައިކް އިސްތަށިގަނޑުތެމި، މޫނުގައިވެސް ފެންތިކިތައް ހަރުލާފައި ހުއްޓެވެ. ޒައިކް އެސިފާގައި ފެނުމުން ޒީޝާންއަށް ބަލަންހުރެވުނީ ކީއްވެގެން ކަމެއްނޭނގުނެވެ.
" ޖަބްރޯލުވެސް ބިނދެއްވިއްޖެދޯ….ބަލާބަލަ!" ޒައިކް ގުދުވެ ފެންގަނޑުތެރެއިން ރަތްކުލައިގެ ޖަބްރޯލެއްނަގައި ޒީޝާންއަށް ދިއްކޮށްލިއެވެ. ޒީޝާން ޖެހިލުންވެހުރެ ޖަބްރޯލްގައި ހިފިއެވެ.
" ދަރިފުޅާ ކޮންމެވެސްމީހަކު ވަރަކަށް އެބަގުޅާ…" ކުއްލިއަކަށް ދެމީހުން ސިހުނީ ޒައިކްގެ މަންމަގެ އަޑުންނެވެ. ފޯނުއަތަށް ލައިގެން ނުކުތް ހައްވައަށް ހުރެވުނީ ޒީޝާންއާއި ޒައިކް ތެމިފައި ތިބިތަން ފެނި ހައިރާންވެފައެވެ.
" ކީއްވެ ދެމީހުން ތެމިފަތިތިބީ؟…" ހައިރާންވެފައި ހައްވަ އަހާލިއެވެ. ހައްވައަށް ފެނުމުން ޒީޝާންހުރީ ލަދުގެންފައެވެ.
" މަންމާ…ތުވާލި ނެރެދީބަލަ….އޭރުންނެއްނު ފޯނުގަވެސް އަތްލެވޭނީ…" ހައްވަގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒައިކްބުނެލިއެވެ. ހައްވަ ސުވާލުގެ ނަޒަރަކުން ދެމީހުނަށް ބަލަން ހުރުމަށްފަހު ތުވާލިބަލާ އެތެރެއަށް ހިނގައިގަތެވެ. ފުރުސަތުގެ ބޭނުންހިފައި ޒީޝާން ދުވެފައި އެގެއިން ނުކުތެވެ. ޒީޝާން ދިޔަމަންޒަރުބަލަންހުރި ޒައިކްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އޭނާގެ އަތުތެރޭގައި ޒީޝާން އޮތުމުން އޭނާގެ ހިތްހަލަބޮލި ކުރުވައިފިއެވެ.
ތެމިފޯވެގެން ދުވެފައި ގޭތެރެއަށް ވަދެގެން އައި ޒީޝާންފެނިފައި ޒީނާ ހައިރާންވިއެވެ. ނަމަވެސް އޭނާއަށް ސުވާލެއްވެސް ނުކުރެވެނީސް ޒީޝާންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފާޚާނާއަށްވަދެ ލޯގަނޑުކުރިމަތީގައި ހުރިއިރު އޭނާއަށް ސިފަވަމުން ދިޔައީ ޒައިކްގެ އަތުތެރޭގައި އޮވެވުނުގޮތެވެ.
" އަޅެދެން….ހަމައެވަގުތު އޭނަވެސް އެތާހުންނަން ވެއްޖެތަ؟….އޭނާއާހެދިގެންނޭ އަހަރެން ވެއްޓުނީވެސް….އަދި ހިފާނަމޭކިޔާފަ ހިފިއްޖެއެއްނު….އޭނާބޭނުންވީ ގޮތްކަންނޭނގެއެއީ އޭނާއާއެކީ ފެންގަނޑަށްވެއްޓުން…..އަދި ގޭގަލާން ގެންގުޅޭ ތުނިތުނި ހެދުމެކޭ ލެވިފަވެސް މިހުރީ….އޭނާވަރަށް އުފާވެފަތާ ހުންނާނީ އަހަރެންގެ ފެނުނީމަ….ވަރަށްފޫހިވޭ…" ރުޅިގަދަވެގެން ހުރެ ޒީޝާން ޒައިކްއަށް އެތިވަރުގޮވަމުން ދިޔައެވެ. ޒީޝާން ފެންވަރައިގެން ނުކުމެ ރީތިވާން ހުއްޓައި ޝިޔާ ޑިއުޓީ ނިންމާފައި އައެވެ.
" ވަރަށް ބިޒީގަޑިއެއްގައޭ ގުޅީ….އެހެންވެ ވާހަކަ ނުދެއްކުނީ…." އެނދުގައި އީށީއްނަމުން ޝިޔާ ބުނެލިއެވެ.
" އަހަރެން ވަރަށް ފޫހިވޭ އެޒައިކްގަނޑުދެކެ…." ޒީޝާން ރުޅިއައިސްފާ ބުނެލިއެވެ.
" ޒައިކް ސަރ…ކުއްލިއަކަށް ޒައިކްގަނޑަށްވީ ކީއްވެ…." ޝިޔާ ޝައުޤުވެރިކަމާއެކު އަހާލިއެވެ. އެވަގުތު ޒީޝާން ފުނާހިފައިގެން އައިސް އެނދުގައި ދެފައިވައްކޮށްގެން އިށީނެވެ.
" ދެން ތުންދަމައިގެން އިނަކަސް މަށަކަށް ނޭނގޭ ވީކަމެއް ނުބުނަނީހެއް…." ޝިޔާ މަޖާވެލާފައި ބުންޏެވެ. ޒީޝާން ރުޅިއައިސްގެން އިނދެ ފެންގަނޑަށް ވެއްޓުނު ވާހަކަ ކިޔާދިނުމުން ޝިޔާބާރުބާރަށް ހޭންފެށިއެވެ. އޭނާއަށް އެކަންވީ ނުހަނު މަޖާކަކަށެވެ.
" ދެންހީބަލަ!…މަހިތަށްއަރާ މިޝިޔާއަށް އެކަހަލަކަމެއް ދިމާވާނެނަމައޭ…" ޒީޝާން ލޯއަޅާލަމުން ބުނެލިގޮތުން ޝިޔާއަށް އިތުރަށް ހެވުނީއެވެ.
" މަވެސް ހިތަށްއަރާ ތިހެން…..އަޅެ ކިހާރޮމޭންޓިކް ކަމެއްގެ ވާހަކަތަ ތިބުނީ….މަހިތަށްއަރާ އަސްލުވެސް މަވެސް މީހަކާއެކީ އެގޮތަށް ފެންގަނޑަކަށް ވެއްޓޭނެނަމައޭ….އަދި ތިބުނީ ޖަބުރޯލްކޯޅިވެސް ބޮލަށް ފައިބާގެންވާހަކަ… ސީރީޒްތަކުގަ ފެންނަހެން ރަތްކުލައިގެ ފިނިފެންމާފިޔަ ނުފޭބިޔަސް ރަތްކުލައިގެ ޖަބްރޯލްތަކެއް ފައިބާއިރު ކިހާރީތިވާނެ…." ޝިޔާ ބެލީ އަދިވެސް ޒީޝާންއާ ދިމާކުރެވޭތޯއެވެ.
**** ދެހަފްތާފަސް ****
މިއަދަކީ ޒީޝާންގެ ޙަޔާތް މުޅިއުމުރަށް ބަދަލުވެގެން ދާނެދުވަހެވެ. އޭނާ އެކިގޮތްގޮތަށް ވިސްނުމަށްފަހު ޒައިކްއާ ކައިވެނިކުރަން އެއްބަސްވީ ޒަލަފްގެމަތިން ހަނދާންނައްތާލަން އެއަށްވުރެމޮޅުގޮތެއް އޭނާއަށް ނުވިސްނުމުންނެވެ. މަންމައާއި ބައްޕަގެ އިތުރުން ޝިޔާވެސްހުރީ އޭނާ އެއްބަސްވީތީ ނުހަނު އުފާވެފައެވެ. އެކައިވެންޏާމެދު އުފާނުވާ މީހަކީ ހަމައެކަނި އޭނާއެވެ. އެނިންމުން ނިންމީއްސުރެ، އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކައިވެނިކުރެވޭ ވަގުތު ކުޑަތަންވީ ވަރަކަށް އޭނާގެ ހިތްނުތަނަވަސްވުންވެސް އިތުރުވަމުން ދިޔައެވެ. އޭނާއަށް މިކުރެވެނީ ރަނގަޅުކަމެއްބާއޭ ހިތާހިތާ ސުވާލުކުރެވެމުން ދިޔައެވެ. ޤާޒީއާއި ހެކިވެރިން އައުމުން ޝިޔާއާއެކު ޒީޝާން ސިޓިންރޫމަށް ނުކުތެވެ. އޭނާގެ އިންތިޒާރުގައި އިން ޒައިކް އިސްއުފުލައި ޒީޝާންއަށް ބަލާލިގޮތުން އޭނާގެ އަތްފައިފިނިވިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި، މުޅިއުމުރަށް އޭނާ ޒައިކްގެ މީހަކަށްވާނެއެވެ. ނޫނެކެވެ. އޭނާ މިކައިވެނިކުރާކަށް ބޭނުމެއްނޫނެވެ. އޭނާ މިތަނުން ދުވެފިލަންވީއެވެ. އޭނާއަށް ޒައިކްގެ މީހަކަށް ނުވެވޭނެއެވެ. ޒީޝާންގެ ހިތްބާރުބާރަށް ގޮވަމުންދިޔައެވެ.
" ދަރިފުޅާ އަވަހަށް އިށީނދޭ…." ޒީޝާން ކޮޅަށްހުންނަން ފެށުމުން ޒީނާބުނެލިއެވެ. ޒީޝާން އޭނާއަށް ޚާއްސަކުރެވިފައިވާ ޖާގައިގައި މަޑުމަޑުން އިށީނެވެ. ކައިވެނީގެ މުއާމަލާކުރެވި، ޒައިކްގެ ދުލުން އަނބިގަބޫލުކޮށްފީމޭ ބުނެލިއަޑުއިވުމާއެކީ ޒީޝާންގެ ލޯފެންކަޅިވިއެވެ. އޭނާގެ ދިރިއުޅުމުގައި ވަކިމީހެއްގެ ނަންލިޔެވި ސިއްކަޖެހުނީއެވެ. އެންމެން އުފާވެފައި ދެމަފިރިންނަށް މަރުޙަބާކީއިރު ޒީޝާންގެ ޒަޚަމްވެފައިވާ ހިތުގެ އަޑު އެކަކަށްވެސް ނީވެނީބާއޭ އޭނާގެ ހިތަށްއެރިއެވެ. އެންމެންގެ އުފަލަށްޓަކައި ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ދައްކައިގެން އޭނާވެސް އިނީ އެނޫން އިތުރުގޮތެއް ނެތުމުންނެވެ. ކައިވެނިކޮށް ނިމުމުން ޤާޒީންނާއި ހެކިވެރިން ގޮވައިގެން ބަދިގެ ފަރާތަށް ހަސަނު ދިޔައިރު ޒައިކްވެސް އެމީހުންގެ ފަހަތުން ދިޔައެވެ.
" ޒީ….އައިމް ސޯހެޕީ….ކޮންގްރާ މަގޭ ބެސްޓީ…"ޝިޔާ އުފަލުން ގޮސް ޒީޝާންގެ ގައިގާ ބައްދާލަމުން މަރުޙަބާ ކިޔެވެ. އެވަގުތު ޒީޝާން ދެރަވެފައިހުރިކަން އެނގުމުންވެސް ޝިޔާ އަޅައެއް ނުލައެވެ. މިއަދު ޒީޝާން ކިތަންމެ ދެރަވިނަމަވެސް ފަހުން މިކައިވެންޏާއިމެދު އޭނާ އުފާކުރާނެ ކަމުގެ ޔަޤީންކަން ޝިޔާގެ ހިތުގައި އޮވެއެވެ.
" ބަލާބަލަ! ސަޅިދޯ މިފޮޓޯތައް…" ޝިޔާ ދެންމެގައި ނެގި ފޮޓޯތައް ޒީޝާންއަށް ދައްކާލަމުން ބުނެލިއެވެ. ޒީޝާން ފޫހިގޮތަކަށް އެޔަށްބަލާލަމުން ބަހެއްވެސް ނުބުނެ، ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޝިޔާވެސް ޒީޝާންގެ ފަހަތުން ދިޔައެވެ. ނަމަވެސް ޝިޔާ ވަނުމުގެ ކުރިން ޒީޝާން ދޮރުލައްޕާ ތަޅުލިއެވެ. ޒީޝާން އެކަނިވެލަން ބޭނުންވީކަން އެނގުމުން ޝިޔާ އެނބުރި އައިސް ސިޓިންރޫމު ސޯފާގައި އިށީނެވެ.
" ކިހިނެއްވީ؟…ޒީޝާން އެއްޗެއްކޭ ބުނީތަ؟.." ޝިޔާން އިންގޮތުން ޒީނާއަށް ޝައްކެއްވެގެން އަހާލިއެވެ.
" ނޫން…ޒީކުޑަކޮށް ބޮލުގަ ރިއްސާތީ އަރާމުކޮށްލަން ވަގުތުދީފަ މިއައީ…..އަހަރެން ދެންމިދަނީ ކެއްކުމުގެ ކަންތަކާ އުޅެން…..އަދިވެސް ވަރަށްގިނަ އެއްޗެހި ތައްޔާރުކުރަން އެބަހުރި.." ޝިޔާ ސޯފާއިން ތެދުވަމުން އަވަހަށް ބުނެލިއެވެ. ޝިޔާ ދިއުމުން ޒީނާވެސް ހިނިތުންވެލަމުން ކާކޮޓަރިއަށް މިސްރާބު ޖެހިއެވެ.
ޒީޝާން އެނދުމައްޗަށް ބަންޑުން ވެއްޓިއޮވެގެން ރޮމުން ދިޔައެވެ. އޭނާގެ ނަސީބާމެދު ހިތާމަކުރުން ނޫންގޮތެއް މިއަދު އެބައޮތް ހެއްޔެވެ؟ އޭނާގެ ދިރިއުޅުމެކޭ ހިންދީ ޑްރާމާއެކޭ އޮތީކޮންތަފާތެއް ހެއްޔެވެ؟ އޭނާބެލި ހިންދީ ޑްރާމާގައިވެސް އުޅުނު އަންހެން ކުއްޖާގެ ހާލެކޭ މިއަދު އޭނާގެ ހާލު ތަފާތެއް ނެތެވެ. އެކުއްޖާވެސް ކިހާފޮނި ހުވަހެންތަކެއް ދުއްހެއްޔެވެ؟ ކިހާ އުފާވެރި ދިރިއުޅުމަކަށް އުއްމީދު ކުރި ހެއްޔެވެ؟ ޚުދު އޭނާވެސް ޒަލަފްއާއެކު ދިރިއުޅެން ނުކުރަނީ ކޮން އުއްމީދެއް ހެއްޔެވެ؟ ދެމީހުން ކައިވެނިކޮށްގެން އުޅޭނެ ރަށަކާއި ދަރިން ލިބުމުން ކިޔާނެ ނަމަށްދާންދެން އޭނާހުރީ ނިންމާފައެވެ. ނަމަވެސް ޒަލަފް އޭނާގެ ހުވަފެންތައް ވިއްސިވިހާލިކޮށްލީއެވެ. ޒަލަފް އެގޮތަށް ކަންތައް ނުކުރިނަމަ މިއަދު އޭނާއަށް ލޯބިނުވާ މީހަކާ ކައިވެނިކުރާކަށް ނުޖެހުނީހެވެ. ނަމަވެސް ދެން ކުރާނެ ކަމެއްނެތެވެ. ޒައިކްގެ ފަސްބައިގައި ބަނދެވިގެން މުޅި އުމުރު ހޭދަކުރުން ނޫންގޮތެއް އޭނާއަކަށް ނެތެވެ.
ޒަލަފް އޭނާއާމެދު އެގޮތަށް ކަންތައްކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ފަރާތުން ޒަލަފްއަށް އުނިވީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ބަލާލަން ހުތުރީކީ ނޫނެވެ. އެންމެމޮޅަށް ނުކިޔެވުނަސް އޭނާވެސް އެހުރީ ތަންދޮރު އޮޅުންފިލާވަރަށް ކިޔަވައިގެންނެވެ. ދެން ޒަލަފްއަށް އޭނާގެ ފުށުން ކަމުނުދިޔައީ ކޮންކަމެއްބާއެވެ؟ ޒަލަފް ބޭނުންވާވަރަށް އޭނާގެ ފަރާތުން އުފާނުދެވުނީބާއެވެ. ޒަލަފްބޭނުންވީ އޭނާގެ ފަރާތުން ޖިސްމާނީ އުފަލެއް ހޯދުންބާއެވެ؟
ޒީޝާން ތަފާތުގޮތް ގޮތަށް އޭނާގެ ދިރިއުޅުމާމެދު ވިސްނައި ކަރުނަ އަޅަމުން ދިޔައިރު، ޒައިކްއަށް ރޭކާނުލައެވެ. ޒީޝާންއާ ކައިވެނިކުރެވުމުން އޭނާހުރީ އިންތިހާއަށް އުފާވެފައެވެ. އޭނާގެ ގޭތެރޭގައި ރައްޓެހިންނާއި ތިމާގެމީހުން ހޭލަމޭލަވަމުން ދިޔައީ ކައިވެނީގެ ހަފްލާއަށް ތައްޔާރު ވުމަށެވެ. އެއީ ޒައިކްގެ ދެވަނަ ކައިވެނި ނަމަވެސް ޒީޝާންގެ ފުރަތަމަ ކައިވެނިކަމަށްވުމުން ޒައިކްބޭނުންވީ ޒީޝާން ބޭނުންވާ ގޮތަކަށް ހަފްލާ ބާއްވާށެވެ. ނަމަވެސް މާބޮޑު ހަފްލާއެއް ބާއްވާކަށް ޒީޝާން ބޭނުމެއްނުވިއެވެ. އެހެންކަމުން ހަމައެކަނި ރައްޓެހިންނާއި ތިމާގެމީހުންނަށް ބައިވެރިވެވޭވަރުގެ ކުޑަހަފްލާއަކުން އެކަން ނިންމާލަން އޭނާވެސް ނިންމީއެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ހަފްލާނިމުމުން ޝިޔާއާއެކު އައިސް ޒީޝާން އައިކްގެ ކޮޓަރިއަށް ވަތްއިރު އޭނާއަށް ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔައެވެ.
" ވަރަށް ރޮމޭންޓިކް ސުހާގްރާތަކަށް އެދެން… ގުޑްނައިޓް….ސްވީޓީ…." ޝިޔާ ލާނެއްގޮތަކަށް ހީލަމުން ބުނެލިއެވެ.
" ޝިޔާ…ޕްލީޒް ދެން ނުގޮސް މަޑުކޮށްބަލަ!…" ޝިޔާ ދާންފެށުމުން އަތުގައި ހިފާފައި އާދޭހައިއެކު ޒީޝާން ބުނެލިއެވެ.
" ހެލޯ…މެޑަމް….މިއީ މެޑަމްގެ ސުހާގްރާތް….މަދެން މިތާ މަޑުކޮށްގެން ކީއްތަކުރާނީ….މިހާރު ޒައިކް ސަރވެސް އަންނާނެ….އަހަރެންދަނީ އިނގޭ…" ޝިޔާ ދޮރާދިމާ ބަލާލަމުން ބުނެލިއެވެ.
" ނޫން….ޕްލީޒް…ޝިޔާ…" ޒީޝާން އަނެއްކާވެސް އެދުނެވެ. ވަރުބަލިވެފައި ހުރުމާއެކުވެސް، ޒައިކް އަންނާނެކަން ހިތަށްއެރުމުން އެނދުގައިވެސް އިށީންނާކަށް އޭނާބޭނުމެއްނުވިއެވެ. ޝިޔާ ގޮސްފިނަމަ އޭނާ އެކަނިވާނެއެވެ. ޒައިކް އައުމުން އޭނާ ޒައިކްއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟
" މޮޔަގަނޑާ ދެން އަހަރެން ދޫކޮށްލަބަލަ! އަސްލުވެސް މިހާރު ޒައިކް އަންނާނޭ….މެރީކުރީމަވެސް އުޅޭގޮތެއްދެން…" ޝިޔާ ގަދަކަމުން ޒީޝާންގެ އަތް ނައްޓުވާލަން މަސައްކަތްކުރިއެވެ. ނަމަވެސް ޒީޝާންހުރީ ވަރަށްބާރަށް ޝިޔާގެ އަތުގައި ހިހައްޓައިގެންނެވެ. ޝިޔާއަށް ޒީޝާންގެ އަތްދަށުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ސިހިފައި ޒީޝާންއަށް ޝިޔާގެ ގައިން ދޫކޮށްލެވުނެވެ. ދޮރުމަތީގައިހުރި ޒައިކް ފެނުމުން، ކޮޓަރިން ނުކުތުމަށް ޝިޔާ އަވަސްވެގަތެވެ.
ޝިޔާ ކޮޓަރިން ނުކުމެގެން ދިޔުމުން ޒައިކް މަޑުމަޑުން ދޮރުލައްޕައި ތަޅުލިއެވެ. އެއާއެކު ޒީޝާންގެ ހިތުގެ ތެޅުން އަވަސްވެ، އަތްފައިވެސް ވަގުތުން ފިނިވިއެވެ. ދެންވާނީ ކިހިނެއްބާއޭ ހިތަށްއަރައި އޭނާގެ ހިތްވެސް ރޫރޫ އަޅައިގަތެވެ. ޒައިކް މަޑު މަޑުން ހިނގާފައި އެނދާ ދިމާއަށް އަންނަން ފެށުމުން ޒީޝާންއަށް ހަދާނެގޮތް ހުސްވިއެވެ. ހާސްވެގެން ގޮސް، ބޮލަށް އެނބުރުން އަރާހެންވެސް ހީވިއެވެ. އޭސީގެ ފިނިކަމުގެ ތެރޭގައިވެސް މޫނުމަތިން ދާތިކިތައް ފާޅުވާންފެށިއެވެ.
ޝިޔާ ކޮޓަރިން ނުކުމެގެން ދިޔުމުން ޒައިކް މަޑުމަޑުން ދޮރުލައްޕައި ތަޅުލިއެވެ. އެއާއެކު ޒީޝާންގެ ހިތުގެ ތެޅުން އަވަސްވެ، އަތްފައިވެސް ވަގުތުން ފިނިވިއެވެ. ދެންވާނީ ކިހިނެއްބާއޭ ހިތަށްއަރައި އޭނާގެ ހިތްވެސް ރޫރޫ އަޅައިގަތެވެ. ޒައިކް މަޑު މަޑުން ހިނގާފައި އެނދާ ދިމާއަށް އަންނަން ފެށުމުން ޒީޝާންއަށް ހަދާނެގޮތް ހުސްވިއެވެ. ހާސްވެގެން ގޮސް، ބޮލަށް އެނބުރުން އަރާހެންވެސް ހީވިއެވެ. އޭސީގެ ފިނިކަމުގެ ތެރޭގައިވެސް މޫނުމަތިން ދާތިކިތައް ފާޅުވާންފެށިއެވެ.
ނުނިމޭ