Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

އަސްރިއްޔާ ޕްރީ ސްކޫލްގެ އާ އިމާރާތް ހުޅުވައިފި

އަސްރިއްޔާ ޕްރީ ސްކޫލްގެ އާ އިމާރާތް ހުޅުވުމގެ ރަސްމިއްޔާތުގައި މުހައްމަދު ނަޖީބް (މުދިންބޭބެ) ފޮރޮޅުލީ ގޮޑިއެއްގައި. މި ސްކޫލަކީވެސް މީދޫގެ ތައުޅީމުގެ ރަމްޒެއް. ފޮޓޯ: ވީއޯއެމް

ސ.މީދޫ ގައި މީގެ 26 އަހަރު ކުރިން ހިންގަން ފެށި އަސްރިއްޔާ ޕްރީ ސްކޫލް ގެ އާ އިމާރާތް އިއްޔެ ހުޅުވައިފި އެވެ.

މީދޫގެ އާއްމު ރައްޔިތުންގެ ހިލޭ އެހީ ދަށުން އިމާރާތް ކުރި ޕްރީ ސްކޫލްގައި ހިމެނެނީ 3 ކުލާސް ރޫމާއި 2 ފާޙާނާގެ އިތުރުން އޮފީސް ބައެކެވެ.

އަސްރިއްޔާ ޕްރީ ސްކޫލްގެ އިސްއޮފިޝަލަކު މިއަދު ވިދާޅުވީ ސްކޫލް އިމާރާތް ކުރުމަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ އިރު އާއްމު ރައްޔިތުންގެ ފަރާތުން 159،000ރ. އަށް ވުރެ ގިނަ ފައިސާ ލިބިފައިވަ ކަމަށެވެ.
އަދި މީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި މަސައްކަތުގެ ޖުމްލަ އަގާއި އެކު ފަސްލައްކަ އަށް ވުރެ މަތިން ސްކޫލް އިމާރާތް ކުރުމުގެ ހަރަދު ގޮސްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އާއްމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތަކުން 15،000 ރުފިޔާ އަށް ވުރެ ބޮޑެތި އަދަދުން ވެސް ސްކޫލަށް އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.
އެގޮތުން މަލްޓިކޯ ޕްރައިވެޓް ލިމިޓެޑް އާއި މަސައްކަތް ކުރި ޝަޒުމް އިންވެސްޓްމެންޓުންވެސް ބޮޑެތި އެހީތައް ފާހަގަ ކުރި އެވެ.

1969 ޖޫން މަހުގެ 26 ވަނަ ދުވަހު މީދޫ އަސްރުމާގެ މުހައްމަދު ނަޖީބް( މުދިންބޭބެ) ފެށްޓެވި އަގުހުރި މަސައްކަތް މީދޫގެ ރައްޔިތުން ބަލައިގެން ފައިވާ އިރު އެސްކޫލް މިއަދު ހިންގަމުން އަންނަނީ މުދިންބޭބެ ކުދިންނެވެ.

ފަސްދޮޅަސް ހަ ދަރިވަރުންނާއި ހަ މުދައްރިސުން ތިބި މި ސްކޫލަކީ މީދޫގެ ފަށާ ތައުލީމުގެ ބިންގާ އަޅައިދޭ ދެ ސްކޫލްގެ ތެރެއިން އެއް ސްކޫލެވެ.

އިއްޔެ ހަވީރު އަސްރިއްޔާ ޕްރީސްކޫލްގެ އައު އިމާރާތް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ ބައެއް އޮފީސްތަކުގެ ވެރީންނާއި އަސްރިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރީން އަދި އާއްމުންގެ ގިނައަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.