Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އެމެރިކާގައި ބަޑި ޖަހައި 5 މީހަކު މަރާލައިފި

REUTERS

އެމެރިކާގެ ޓެކްސަސް ސްޓޭޓުގައި އަނެއްކާވެސް މީހަކު އާންމުންގެ ތެރެއަށް ބަޑިން ހަމަލާ ދިނުމުގެ ސަބަބުން 5 މީހަކު މަރުވެ އެތައް ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.

އެންމެ ފުރަތަމަ ވަޒަން އެރި މީހަކީ ހަތިޔާރު އެޅި މީހާ ހުއްޓުވަން މަސައްކަތް ކުރި ފުލުހެކެވެ. ފުލުހުން ވަނީ ހަތިޔާރު އެޅި މީހާގެ ކާރު ހުއްޓުވައި ކުރިއަށް ނުދެވޭނެ ގޮތް ހަދާފައެވެ. އޭގެ ސަބަބުން ކާރު ދޫކޮށް ހަތިޔާރާއެކު ބޭރަށް ނިކުމެ ހަމަލާ ދިނުމުގެ ސަބަބުން ފުލުސް މީހާގެ އިތުރުން އެތައް ބަޔެއްގެ ގަޔަށް ވަނީ ވަޒަން އަރާފައެވެ.

މިހާތަނަށް 5 މީހަކު މަރުވެފައިވާކަމަށް "ބީބީސީ" އިން ރިޕޯޓުކޮށްފައިވާއިރު ފުލުހުން ހިމެނޭ ގޮތަށް 20 މީހަކު ވަނީ ޒަޚަމް ވެފައެވެ.

ފުލުހުން ވަނީ ހަމަލާ ދިން މީހާގެ ގަޔަށް ބަޑި ޖަހައި އޭނާ އެތަނުގައި މަރާލާފައެވެ. މިދިޔަ މަހު ޓެކްސަސްގެ އެލް ޕާސޯ ސިޓީގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައިވާއިރު 22 މީހުން ވަނީ މަރުވެފައެވެ.