Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ލަންކާއިން ދިވެހިންނަށް ތިން މަސްދުވަހުގެ ވިސާ ދެނީ

އަވަށްޓެރި ސްރީ ލަންކާއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާގެ ގޮތުގައި ދޭ މުއްދަތު ތިން މަސް ދުވަހަށް އިތުރުކުރަން ދެގައުމުގެ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެއްޖެއެވެ.

ލަންކާގެ ބޮޑުވަޒީރު މިމަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ މިޒިޔާރަތުގައި މިއެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިއެއްބަސްވުމުގައި ރާއްޖެއިން ލަންކާއަށް ދާ ދިވެހިންގެ އިތުރުން ލަންކާއަށް ރާއްޖެ އަންނަ ރައްޔިތުންނަށް ވެސް އޮން އެރައިވަލް ވިސާ 3 މަސް ދުވަހަށް ދިނުމަށް އެއްބަސްވާނެ ކަމަށް ޚަބަރު ލިބެއެވެ.

މިހާރު ދިވެހިންނަށް ލަންކާއިން ލިބެނީ އެއް މަސް ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ. ނަމަވެސް އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް އިމިގްރޭޝަނަށް ލިޔުން ހުށައަޅައިގެން އިތުރު ދެމަސް ދުވަހަށް އިތުރުކުރުމުގެ ފުރުސަތު އޮވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ލަންކާގެ ބޮޑުވަޒީރު ރަނިލް މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ. އަދި ރާއްޖޭގައި ބާއްވާ "އިންޑިއަން އޯޝަން ކޮންފަރެންސް 2019" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ޗެއާކަން ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.